"މޭމަތިފުރާ އިންޑިއާ އައުޓް" ޖަހައިގެން އިދިކޮޅު ޕީޕީއެމް ޕީއެންސީން މަސައްކަތްކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. މިސަރުކާރާ ދެކޮޅަށް އެންމެ ވަރުގަދައަށް އިދިކޮޅަށް ޖެއްސުނު ހަރަކާތަކީވެސް އެއީއެވެ. ނަތީޖާއަކީ ހުރަގެއިން މިންޖުވިގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް "އިންޑިއާ އައުޓް" ޓީޝާޓުގައި ރާއްޖޭގެ ރަށްރަށަށް ދަތުރުކުރައްވާ އެ ސިޔާސީ ޕްރޮޕަގެންޑާ ފެތުރުމަށް މަސައްކަތް ކުރެއްވުމެވެ.
ޤައުމުގައި ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ވަކި ޤައުމެއް "އައުޓް" ޖައްސަވައިގެން ވަކި ޤައުމަކާ ދެކޮޅަށް މަސައްކަތް ކުރުން ވެގެންދިޔައީ އެކަމުގައި ވަރަށްވެސް ގިނަ ބައެއްގެ ފާޑުކިޔުން ޕީޕީއެމަށް އަަދި ރައީސް ޔާމީނަށްވެސް ކުރިމަތިވި ކަމަކަށެވެ. ހާއްސަކޮށް "ފޯމަރ ޕްރެޒިޑެންޓް"އެއްގެ ހައިސިއްޔަތުން އެ ޖެއްސެވި "ސަކަރާތަށް" ޑިޕްލޮމެޓިކް ބޭފުޅުންގެ ކަންބޮޑުވުން އިންތިހާއަށް އޮތެވެ.
އެ ކަންބޮޑުވުންތަކަށް ބީރުކަންފަތެއް ދެއްވާ ރައީސް ޔާމީން "އިންޑިއާ އައުޓް"އައިގެން ކުރިއަށް ވަޑައިގަތީއެވެ. ރަށްރަށަށް ދަތުރުކޮށް ހަރު އަޑުގަައި އެވާހަކަ ދެއްކެވީއެވެ. މިނިވަންވެގެން އެންމެ އަވަހަށް ޖެހުނު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕާޓީގެ ޓިކެޓް ލިބުނު ކެނޑިޑޭޓްގެ ކެމްޕޭން ސްލޯގަނަކަށްވެސް "އިންޑިއާ އައުޓް" ހެއްދެވީއެވެ.
"އަންޑިއާ އައުޓް"ގެ ނިވަލުގައި ކުރި ކެމްޕޭންގެ ރިޕޯޓް ކާޑު ލިބިއްޖެއެވެ. ކޮމަންޑޫ ދާއިރާއިން "އިންޑިއާ އައުޓް"އަށް މިއޮތީ ނޫނެކޭ ބުނެފައެވެ. އަދި ރައީސް މައުމޫނާ ނުލައި ސަރުކާރު ކޯލިޝަންގެ ލީޑަރުން ފޫގަޅާ ނިކުމެ ކޮމަންޑޫ ދާއިރާއިން މިވަނީ ވަރުގަދަ މެސެޖެއް އިދިކޮޅަށް ދީފައެވެ. ސިޔާސީ މަސްރަޙް ދިރާސާ ކުރަށްވާ ފަރާތްތަކުން ވިދާޅުވަނީ ކޮމަންޑޫ ދާއިރާއިން ދީފައިވާ މެސެޖަކީ އައުޓްވާން ޖެހެނީ އިންޑިއާ ނޫން ކަމާއި އައުޓްގައި ހުންނަވަން ޖެހެނީ ރައީސް ޔާމީން ކަމެވެ.
އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ ގޮތުގައި ޤައުމުގެ "މިނިވަންކަން، ވަހުދަތު އަދި އިސްތިގުލާލު" ގެއްލޭ ކަމަށް ބުނެ އެވާހަކަތަކުގެ ސިޔާސީ "ގުއިރޯނު"ގައި ރައްޔިތުން ޖެއްސުމަށް ސިޔާސީ ފަރާތްތަކަކުން މަސައްކަތް ކުރާ މިއީކީ ފުރަތަމަ ފަހަރެއް ނޫނެވެ. މިފަދަ ސިޔާސީ ކުޅިތަކަށް ދިވެހިން މިހާރު ފަރިތަވެސް ވެއްޖެއެވެ. އެހެންކަމުން ސިޔާސީ ކަންކަމުގައި "އައުޓް" ނޫން، ތަންކޮޅެއް "އޮށްޓަރެއް" ހުރި ވާހަކައެއް ދެއްކެވުން ބުއްދިވެރިވާނެކަން މި އިންތިހާބުގެ ނަތީޖާއިންވެސް ހާމަވެއެވެ.