Last Updated: December 22, 23:49
Sunday, December 22, 2024
ޚަބަރު އެމްޑީޕީ

ބަރުލަމާނީއަށް ބަދަލުނުވާ ނަމަ ވެރިކަމުގައި ނުތިބޭނެ

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބަރުލަމާނީ ނިޒާމަށް ބަދަލުނުވެއްޖެނަމަ އެމްޑީޕީއަށް ވެރިކަން ގެއްލިދާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ކޮމަންޑޫ ދާއިރާގެ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރުމާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ތިބޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައެވެ.

އެގޮތުން ރައީސް ނަޝީދު ވަނީ މިއިންތިހާބުގައިވެސް އެމްޑީޕީއަށް 50 އިންސައްތަ ވޯޓު ނުލިބުނުކަން ފާހަގަކޮށް، ބަރުލަމާނީއަށް ބަދަލު ނުކޮށްފިނަމަ ވެރިކަމުގައި ނުތިބޭނެކަމަށް ވިދާޅުވެފައެވެ.

"ޝުކުރިއްޔާ، އެކަމު 50% ހުރަސް ނުކުރި. ބަރުލަމާނީއަށް ބަދަލު ނުވެއްޖެނަމަ އަޅުގަނޑުމެން ވެރިކަމުގައި ނުތިބޭނެ." މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މީގެކުރިންވެސް އެކިފަހަރުމަތިން ރައީސް ނަޝީދު ވަނީ ބަރުލަމާނީއަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

މިފަހުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގޮވާލާ ރަޢީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅާ ޕެޓިޝަނެއްގައި ސޮއިވެސް ކުރިއެވެ. އެޕެޓިޝަންގައި 109،000 އަށްވުރެއް ގިނަ މީހުން ސޮއިކޮށްފައިވެއެވެ. އެހެންނަމަވެސް އެ ޕެޓިޝަން އަދިވެސް ރައީސް ސޯލިހަށް އަދި މަޖިލީހަށްވެސް ހުށަހަޅާފައެއްނުވެއެވެ.