Last Updated: November 24, 13:17
Sunday, November 24, 2024
ޚަބަރު

ލަންކާގައި މަރުވި އަފްހާމްގެ ޕޯސްޓްމޯޓަމަކަށް

ސްރީ ލަންކާގައި ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި އިއްޔެ ފެނުނު ރާއްޖޭގެ ޒުވާނާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ.

މަރުވެފައި އޮއްވައި އިއްޔެގެ ވަގުތެއްގައި ފެނުނު އަފްހާމް ނަސީރު، 24، ގެ ހަށިގަނޑު ފެނުނު އިރު، ޒަހަމްތަކެއް ވެސް ހުރުމާ ގުޅިގެން އެ މަރުގެ ހަގީގަތް ހޯދަން ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވީ ނަމަވެސް މި ހާދިސާއާ ބެހޭ ގޮތުން ދިވެހި ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ރަސްމީކޮށް ބުނެފައެެއް ނުވެ އެވެ.

ލަންކާގެ ފުލުހުންގެ ތަރުޖަމާނު އަދި ޑެޕިއުޓީ އިންސްޕެކްޓަ ޖެނެރަލް (ޑީއައިޖީ) އަޖިތު ރޯހަނާ އެ ގައުމުގެ ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ މަރުވެފައި އޮއްވައި އިއްޔެ ފެނުނު ދެ މީހުންގެ ތެރެއިން އެކަކަކީ އަފްހާމްކަން ކަށަވަރުކޮށް ދެއްވާފައިުވެ އެވެ. ނަމަވެސް މައްސަލައިގެ ތަހުގީގުކުރިއަށްދާތީ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

ލަންކާގެ ބައެއް މީޑިއާތަކުން ވަނީ އަފްހާމްގެ ހަށިގަނޑު ނަގައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނު ވެއްލަވައްތަގެ ގޮނޑުދޮށު ސަރަހައްދުން އިތުރު މީހެއްގެ ހަށިގަނޑު ވެސް ފެނިފައިވެ އެވެ. އަދި އެ ސަރަހައްދުން ވަޅިއަކާއި އަފްހާމް ގެންގުޅު ބައެއް ތަކެތި ފެނިފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

ލަންކާގެ ދެހިވަލައިގައި ކިޔަވަން އުޅުނު އަފްހާމް މަރުވެފައި އޮއްވައި ފެނުނު އިރު މިދިޔަ ހުކުރު ދުވަހުގެ ފަހުން އާއިލާގެ ބަޔަކާ އޭނާއާ ދިމާނުވާ ކަމަށްވެ އެވެ. އަދި އޭނާ ގެއްލިގެން ހޯދަން ފެށީ ވެސް އޭގެ ފަހުންނެވެ. އޭނާ ކިޔަވަން ލަންކާ އަށް ދިޔައީ 2019 ގަ އެވެ.