Last Updated: September 22, 09:33
Sunday, September 22, 2024
ޚަބަރު

ހުޅުމީދޫ އާ އިންޖީނުގެ އިމާރާތްކުރަން ތައްޔާރު

ހުޅުމީދޫ އާ އިންޖީނުގެ އަޅަން ނިންމާފައިވާ ބިން ސާފުކުރުމުގެ މަސައްކަތް ފަށައި، އިންޖީނުގެ އިމާރާތްކުރުމުގެ އަމަލީ މަަސައްކަތް ވަރަށް އަވަހަށް ފަށަން ތައްޔާރުވެއްޖެ އެވެ.

މިހާރު އިންޖީނުގެ ހުރީ ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދެއްގައި ކަމަށްވާތި އޭގެ ސަބަބުން އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދޭން އާ އިންޖީނުގެ އަޅަން ނިންމާފައި ވަނީ ހުޅުމީދޫ ވެމްކޯ ސައިޓްގެ މީދުއާ ވީ ފަޅީގަ އެވެ.

މީދޫ ކައުންސިލަރު އައިމިނަތު ސާލިހާ މިއަދު ވިދާޅުވީ އިންޖީނުގެ އަޅަން ބިން ސާފުކުރާ އިރު، އެ ބިމުން ބަދަލުދޭން ޖެހޭ ފަރާތެއްވާ ނަމަ އެކަމާ ގުޅޭ ކަންކަން ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

"އެހެންވެ ފެނަކައިން ވަރަށް އަވަހަށް އިންޖީނުގެ އިމާރާތްކުރަން ވެސް ފަށާނެ." އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން ނިންމާފައި އޮތީ މަސައްކަތް ފަށާތާ އަށް މަސް ދުވަހުގެ ތެރޭގައި އިންޖީނުގެ ނިންމާށެވެ.

ފެނަކައިން ކަރަންޓްގެ ހިދުމަތްދޭ ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގެ ރަށްތަކުގެ ތެރެއިން ވެސް މީހުން އުޅޭ ސަރަހައްދާ ގާތުގައި ހުރި އިންޖީނު ގެތައް ބަދަލުކުރުމުގެ މަސައްކަތް ވަރަށް ބޮޑު އިސްކަމެއް ދީގެން މި ފަހުން އަންނަނީ ކުރަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގެ މަސައްކަތްތައް ނިންމާފައި ވެސް ވެ އެވެ.