އާންމުކޮށް ގިނަ ބަޔަކު ކަރާ ބޭނުންކުރަނީ ރޯދަ މަހު އެވެ. އެކަމަކު މިއީ މިހާރު އަހަރުގެ ހުރިހާ ހިސާބެއްގައި ވެސް ފަސޭހައިން ލިބެން ހުންނަ މޭވާއަކަށްވާތީ ކަރާ އާންމުކޮށް ބޭނުންކުރާ މީހުން މިހާރު ގިނަ އެވެ. ގިނަ ފަހަރަށް ކަރާ ބޭނުންކޮށް އުޅެނީ ފަނި ގިރާށާއި ތާޒާކޮށް ކެއުމަށެވެ.
އެކަމަކު ސުވާލަކީ އެ ބޭނުންތައް ފުއްދުމަށް ފަހު ކަރާ ތޮއްޓަށް ހަދަނީ ކިހިނެއް ހެއްޔޭ އެވެ؟ އުކައިލާ ނަމަ އެއީ ވިސްނައިލުން މުހިއްމު ކަމެކެވެ. ސަބަބަކީ ކަރާތޮށީގެ ބޭނުން ވެސް ތަފާތު ގޮތްގޮތަށް ހިފެން އޮތުމެވެ. އަދި މިއީ އެތައް ފައިދާއެއް ވެސް އެކުލެވޭ އެއްޗެކެވެ. ކަރާތޮއްޓަކީ ފައިބަ އިން މުއްސަނދި އެއްޗެކެވެ. މި ބޭނުންކުރުމުން ކޮލެސްޓްރޯލާއި ހަކުރުކޮންޓްރޯލްކުރުމާއި ލޭގެ ޕްރެޝަރު ވެސް ހަމައަކަށް އަޅުވައިދޭން ބާރަކަށްވެ އެވެ.
* ކަރާތޮށިން އަސާރައެޅުން
މިކަން ކުރަން ޖެހޭ ގޮތަކީ ތޮށީގެ އެންމެ ބޭރު ތުނިކޮށް ދުއްވާލައި، ހުދު ބައި ބޭނުން ކުރުމެވެ. އެގޮތުން އެ ބައި ރީއްޗަށް ކޮށާފައި، ފުޅިއަކަށް އަޅާފައި އެހެންޏާ ވެސް އެހެން ބާވަތްތަކުން އަސާރައަޅާ ގޮތަށް އެކަމަށް ބޭނުންވާ ތަކެތި ބޭނުންކޮށްގެން އަސާރުއަޅާނީ އެވެ. މިއީ ކާލަން ވަރަށް މީރު އެއްޗަކަށް ވާނެ އެވެ.
* ކަރާތޮށިން ރިހަ ކެއްކުން
ކުރިން ވެސް ބުނި ގޮތަށް ކަރާތޮށީގެ ފެހި ބައި ދުއްވާލައި ހުދު ބައި ރީތިކޮށް ކޮށައިލުމަށް ފަހު، ތަރުކާރީއެއްގެ ގޮތުގައި ރިހަ ކައްކަން ބޭނުން ކުރެވިދާނެ އެވެ. މިއީ ހުތްފޮނި ރަހައެއް ދޭނެ މީރު ރިހައަކަށް ވާނެ އެވެ. ކަރާތޮށިން ހިކިކޮށް އަދި ގްރޭވީ ވެސް ހިމެނޭ ގޮތަށް ރިހަ ކެއްކިދާނެ އެވެ.
* ކަރާތޮށިން ޖޫސް
ކަރާގެ ރަތް ބައިން ފަނިގިރާ ގޮތަށް ހުދު ބައި ވެސް ހަމަ އެގޮތަށް ބޭނުންކުރެވޭނެ އެވެ. މިއީ ރަހަ މީރު އަދި ތާޒާކަން ވެސް ގެނުވައިދޭނެ އެއްޗެެކެވެ.