ސެމްސަންގުން މި ހަފުތާގައި ދައްކައިލާ އާ އުފެއްދުންތައް ތައްޔާރުކުރުކުރަން ރިސައިކަލްކޮށްފައިވާ މަސްހިފާ ދަލުން އުފައްދާފައިވާ ތިމާވެއްޓާ ރައްޓެހި މެޓީރިއަލް ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި "ދި އެޕިކް ސްޓޭންޑާޑް" ގެ ނަމުގައި ބުދަ ދުވަހު ބާއްވާ މި އަހަރުގެ ފުރަތަމަ އަންޕެކްޑް އިވެންޓްގައި ދައްކައިލަން ހަމަޖެހިފައިވާ ގެލެކްސީ އެސް22 ސީރީޒްގެ ފޯނުގެ އެކި ބައިތަކުގައި ރިސައިކަލްކޮށްފައިވާ މެޓީރިއަލް ބޭނުންކޮށްފައި ހުންނާނެ އެވެ. ނަމަވެސް އެ މެޓީރިއަލް ބޭނުންކޮށްފައި ހުންނާނީ ޑިވައިސްތަކުގެ ކޮންކޮން ބައިތަކެއްގައި ކަމެއް ސާފެއް ނުވެ އެވެ. އަދި މިކަމާ ބެހޭ އެއްވެސް ވާހަކައެއް ދެކުނު ކޮރެއާގެ ކުންފުނިން ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ގެލެކްސީ އެސް22 ގެ ތިން މޮޑެލްއެއް ބުދަ ދުވަހު ދައްކައިލާނެ އެވެ. އެއީ އެސް22 އާއި އެސް22 ޕްލަސްގެ އިތުރުން ގެލެކްސީ އެސް22 އަލްޓްރާ ހިމެނެ އެވެ.
ބައެއް މީޑިއާތަކުން ބުނި ގޮތުގައި ސެމްސަންގްގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ގިނަ އުފެއްދުންތަކުގައި ރިސައިކަލްކޮށްފައިވާ ޕްލާސްޓިކް މެޓީރިއަލް ބޭނުންކުރުމެވެ. ހާއްސަކޮށް މޫދާއި ކަނޑުފަޅަށް އުކައިލާ ޕްލާސްޓިކްގެ އެކި ބާވަތްތަކެވެ.