އާދައިގެ ބައްޔެއްވެއްޖެ ނަމަ އާންމުކޮށް ގިނަ ބަޔަކު ބޭނުންކޮށް އުޅޭ ޕެރަސެޓަމޯލް އަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭކަމުގެ އިންޒާރެއް ދިރާސާއަކުން ދީފި އެވެ.
ސާކިއުލޭޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ އިނގިރޭސިވިލާތު އެޑިންބަރާ ޔުނިވަސިޓީން ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ދިގު މުއްދަތަކަށް ޕެރަސެޓަމޯލް ބޭނުންކުރުމަކީ ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އެގޮތުން ވަކިން ހާއްސަކޮށް ލޭ މައްޗަށްދާ މައްސަލަ ހުންނަ މީހުން ޕެރަސެޓަމޯލް ބޭނުންކުރާ ނަމަ ހާޓްއެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާގައި ބުންޏެވެ.
އޭގައި ފާހަގަކޮށްފައިވާ ގޮތުގައި އާދައިގެ ހުމަށާއި ބޮލުގައި ރިއްސުން ފަދަ ކަންކަމަށް ޕެރަސެޓަމޯލް ބޭނުންކުރުމަކީ ރައްކާތެރި ކަމަކަށް ވިޔަސް، އެކި ބަލިތައް ހުންނަ މީހުން ދިގު މުއްދަތަކަށް ޕެރަސެޓަމޯލް ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.
ފާހަގަކުރެވޭ ކަމަކީ ޕެރަސެޓަމޯލް އަކީ ބައްޔެއްވެއްޖެ ނަމަ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އާންމުން ޑޮކްޓަރެއްގެ އިރުޝާދަކާ ވެސް ނުލައި އަމިއްލަ އަށް ބޭނުންކުރާ ބޭހެއްކަމެވެ. އަދި މި ބޭހަކީ އާދައިގެ ފިހާރަތަކުން ވެސް ފަސޭހައިން ގަންނަން ލިބޭ އެއްޗެކެވެ.
ޕެރަސެޓަމޯލާ ބެހޭ ގޮތުން އެޑިންބަރާ ޔުނިވަސިޓީން ހެދި ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި އެޑިންބަރާ ކްލިނިކަލް ފާމަކޮލިޖިސްޓް ޕްރޮފެސަރު ޖޭމްސް ޑިއާ ވިދާޅުވި ގޮތުގައި ގިނަ ބަޔަކަށް ޖެހޭ ސްޓްރޯކާއި ހާޓްއެޓޭކްގައި ޕެރަސެޓަމޯލްގެ ދައުރު ބޮޑެވެ. އަދި ދިގު މުއްދަތަކަށް އެ ބޭނުންކުރާ ނަމަ ލޭމައްޗަށްދާ މީހުންގެ ހާލަތު އިތުރަށް ގޯސްވާ ކަމަށް ވިދާޅުވި އެވެ.
"އެހެންވެ އެބަޖެހޭ ޕެރެސެޓަމޯލް ބޭނުން ކުރިޔަސް ޑޯޒްތައް ދަށްކުރަން،" އޭނާ ވިދާޅުވި އެވެ. "ވަކިން ހާއްސަކޮށް ކްރޮނިކް އެކި އުނދަގޫތައް ތަހައްމަލުކުރާ މީހުން ޖެހޭ ވީހާ ވެސް ބޮޑަށް ޕެރަސެޓަމޯލްއާ ދުރުވާން."