އިންޑިއާގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސް، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމްތައް މިހާތަނަށް ޕްރޮޑިއުސްކޮށްފައި ވަނީ އެ ތަނުގެ ވެރިޔާ އަދި މަޝްހޫރު ޑައިރެކްޓަރު މަރުހޫމް ޔާޝް ޗޯޕްޅާ އާއި އޭނާގެ ދަރިފުޅު އަދި ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ އެވެ.
އެހެން ނަމަވެސް ވައިއާރްއެފުން މިހާރު ވަނީ އިން ހައުސް ޕްރޮޑިއުސަރުން އުފައްދަން ނިންމައިފަ އެވެ. މި ފުރުސަތު ފުރަތަމަ ލިބޭ މީހަކީ ވައިއާރްއެފަށް މިހާތަނަށް ތިން ފިލްމް ޑައިރެކްޓްކޮށް އަދި ހަތަރު ވަނަ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ މަނީޝް ޝަރްމާ އެވެ.
އޭނާ މިހާތަނަށް ޑައިރެކްޓް ކުރި ތިން ފިލްމަކީ ވެސް ވަރަށް ކާމިޔާބް ތިން ފިލްމެވެ. އެ ފިލްމްތަކަކީ "ބޭންޑް ބާޖާ ބާރާތު"، "ލޭޑީސް ވާސަސް ރިކީ ބާލް" އަދި "ޝުދް ދޭސީ ރޮމާންސް" އެވެ.
މަނީޝް މިހާރު ވަނީ "ފޭން" ގެ ނަމުގައި ޝާހްރުކް ހާން ހިމަނައިގެން ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވާން ފަށައިފަ އެވެ.
އެހެން ނަމަވެސް އޭނާ ޕްރޮޑިއުސަރަކަށް ބަދަލުވާ ފިލްމަކީ އެއެއް ނޫނެވެ. އެ ފިލްމަކީ އަޔޫޝްމަން ކުރާނާ ލީޑް ރޯލް ކުޅޭ "ދަމް ލަގާ ކޭ ހައިޝާ" އެވެ.
މި ފިލްމާ އެކު މަނީޝްގެ ނަން ވައިއާރްއެފްގެ ފްރޮޑިއުސަރުންގެ ކްރެޑިޓަށް އަރާނެ އެވެ. "ދަމް ލަގާ ކޭ ހައިޝާ" ގެ ޝޫޓިން އަންނަ މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
"ވިކީ ޑޯނާ" އިން ބޮލީވުޑަށް ތައާރަފްވި އަޔޫޝްމަން މިހާރު ވެސް އަންނަނީ ވައިއާރްއެފްގެ ފިލްމެއް ކުޅެމުންނެވެ. އެއީ ނުޕޫރް އާސްތާނާ ޑައިރެޓްކޮށް، ސޯނަމް ކަޕޫރާ އެކު ލީޑް ރޯލް ކުޅޭ "ބޭވަކޫފިޔާން" އެވެ.
ވައިއާރްއެފްގެ ވެބް ސައިޓްގައިވާ ހަބަރެއް ބުނާ ގޮތުން ވައިއާރްއެފްގެ ތެރެއިން އިންޑިޕެންޑެންޓް އަދި އިން ހައުސް ޕްރޮޑިއުސަރުން އުފެއްދުމަކި އަދިތިޔާގެ ވަރަށް ބޮޑު ހުވަފެނެކެވެ. އަދި މީގެ ސަބަބުން ހުނަރުވެރި ފަންނާނުން މި ފިލްމީ ދާއިރާ އަށް އިތުރުވެގެން ދާނެ ކަމަށް ވެސް ވައިއާރްއެފުން ބުންޏެވެ.