Last Updated: November 24, 10:30
Sunday, November 24, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

ދޫނިތައް މަރާލުމުން މެމްބަރުންގެ ނުރުހުން، މައްސަލަ ބަލަން ގޮވާލައިފި

ރާއްޖެ އެތެރެކުރި 130 ދޫނި ފިޝަރީޒް މިނިސްޓްރީން މަރާލި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ހުށަހަޅުއްވާފައިވާ، ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރިކުރުމުގެ ބިލުގެ ބަހުސް ފަށައިފައެވެ. މި ބިލަށް ވާހަކަ ދައްކަމުން މެމްބަރުން ވަނީ ރާއްޖެ އެތެރެކޮށްފައި ހުރި ދޫނިތަކެއް އިއްޔަގެ ވަގުތެއްގައި މަރާލާފައިވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މިމައްސަލައަކީ އާދައިގެ މައްސަލައެއްގެ ގޮތުގައި ދޫކޮށްލަންޖެހޭ ވަރަށްވުރެއް ސީރިއަސް މައްސަލައެއް ކަމަށެވެ.

އާދަމް ޝަރީފް އުމަރު– ފޮޓޯ: މަޖިލިސް

މިހާބައިވަރު ދޫނިތަކެއް އެއްފަހަރާ މަރާލުމަކީ ރައްޔިތުންގެ ހިތުގައި އެކަމާމެދު ބޮޑުކަންބޮޑުވުމެއް އުފެދިގެން ގޮސްފައިވާ ކަމެއްކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ ޒުވާނުން މިމައްސަލަ ނަގަނީ ބޮޑު މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންނަށް މިކަން ސިފަވަނީ ވަރަށްވެސް ރަހުމުކުޑަ ކަމެއްގެ ގޮތުގައި ކަމަށާއި، މިއަމަލުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާކަމަށެވެ.

ދޫނިތައް މަރާލި މައްސަލައިގައި ކަންބޮޑުވުންފާޅުކޮށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ އެ ދޫނިތައް މަރާލަންޖެހުނު ސަބަބެއް ނުވިސްނޭ ކަމަށެވެ

އީވާ އަބްދުﷲ – ފޮޓޯ: މަޖިލިސް

"ގަވައިދާ ހިލާފަށް އެތެރެކުރީއޯ. އެކަމަކު އިންސާނަކު ކުށްކުރިއެކޭ ކިޔާފަކާ އެ ޖަނަވާރުތަކަކަށް އަޅުގަނޑުމެން އެހެން ހަދާކަށް ނުޖެހޭ." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މިގޮތަކީ ފެށުނީއްސުރެއް ކަންކުރަމުން އަންނަގޮތްކަމަށް ވީނަމަވެސް، އެގޮތަށް އަބަދު ކަން ކުރަން ނުޖެހޭ ކަމަށާއި، އެހެން ވިސްނުމެއް ގެންނަންޖެހޭ ކަމަށެވެ. އަދި ހައްލަކީ މެރުންކަމުގައި ދެކިގެން މަސައްކަތްކުރަނީ ކީއްވެކަން ނުވިސްނޭކަމަށްވެސް އީވާ ވިދާޅުވިއެވެ.

މީގެއިތުރުން މިކަމުގައި ކަންބޮޑުވުންފާޅުކޮށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، މިގޮތަށް އަމަލުކުރެވިދާނެކަމަށް ގަވައިދެއްގައި ބަޔާންކުރެވިފައި އޮތްއޮތުމަކީ ސަބަބެއްގެ ގޮތުގައި ދައްކައިގެން ދޫނިތައް މަރާލެވިދާނެކަމަށް ގަބޫލުނުކުރާކަމަށެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް–

ސަލީމް ވިދާޅުވީ ކަރަންޓީންގައި ހުންނަ ދޫނިތަކެއް މެރޭނެކަމަށް ބައެއްގެ ވިސްނުމަށް އަންނަނީ އެކަންކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައި ހުންނަ ފިޔަވަޅުތައް ނޭޅޭތީކަމަށެވެ. އަދި ދޫނިތައް މަރާލި މައްސަލަބެލުމަށް ގޮވާލާ ސަލީމް ވަނީ އެ މައްސަލަ ކޮމިޓީއަކަށް ހުށަހެޅުމަށްވެސް ގޮވާލާފައެވެ.

ރާއްޖެ އެތެރެކޮށްފައިހުރި 130 ދޫނި ފިޝަރީޒް މިނިސްޓްރީން ނައްތާލާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގައެވެ.