ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ ކޮވިޑް-19 ގެ ވެކްސިން، ޖެންސެން އުފެއްދުން ހުއްޓާލާއި، މިހާރު އެ ކުންފުނިން އެހެން ބައެއް ވެކްސިންތަކަށް އިސްކަންދެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކުންފުނިން ކޮވިޑް ވެކްސިން އުފެއްދުން ހުއްޓައިލީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެކަމަކު މިހާތަނަށް ރަސްމީކޮށް އެކަން ހާމައެއްކޮށްފަ އެވެ.
ބައެއް މީޑިއާތަކުން ބުނީ ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން އުފެއްދުން ވަގުތީ ގޮތުން މަޑުޖައްސައިލީ ކަމަށެވެ. އަދި އެ ވެކްސިން އުފައްދަމުން ދިޔަ ޕްލާންޓްތަކުގެ ތެރެއިން ނެދަލޭންޑްސްގެ ލެއިޑެންގައި އުފައްދަމުން ދިޔަ ކޮވިޑް ވެކްސިންގެ ބަދަލުގައި މިހާރު އެތަނުން މައިގަނޑު ގޮތެއްގައި އުފައްދަނީ ކޮވިޑް ނޫން ވެކްސިންތައް ކަމަށް ވެސް ބުންޏެވެ.
ވެކްސިންގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި 2020 އިން ފެށިގެން ކޮވިޑްގެ ބޮޑު ބަލިމަޑުކަމުގެ ތެރޭގައި މުޅި ދުނިޔެ އޮތް އިރު، އެ ބަލީގެ ވެކްސިން އުފައްދަމުން އަންނަ ކުންފުނިތަކުގެ ތެރެއިން ކުންފުންޏަކުން ވެކްސިން އުފެއްދުން ހުއްޓައިލުމަކީ ވެކްސިން ލިބުމަށް ވެސް ދަތިވެދާނެ ކަމެކެވެ.
އެހެންވެ މިކަމާ ކަންބޮޑުވުން ފާޅުކޮށް އެފްރިކާ ބައްރުގެ ގައުމުތަކަށް ކޮވިޑް ވެކްސިން ޑިސްޓްރިބިއުޓްކޮށްދޭ އެފްރިކަން ޔުނިއަންގެ ކޯ-ހެޑް ޑރ. އަޔޯޑޭ އަލަކީޖާ ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ހާލަތު އަދިވެސް އޮތީ ކޮވިޑް ވެކްސިން އުފެއްދުމަށް ދޭން ޖެހޭ އިސްކަން ދޫކޮށްލަން ޖެހޭ ފަދަ ހާލަތެއްގައެއް ނޫނެވެ.
"މިއީ އެކަމަށް އެއްވެސް ވަރަކަށް މުނާސަބު ވަގުތެއް ނޫން. މީގެ ސަބަބުން ވެކްސިން ލިބުމަށް ދަތިތަކެއް ދިމާވެ، ވެކްސިންގެ ލިބުމުގެ ހަމަހަމަކަން ގެއްލިދާނެ." އޭނާ ވިދާޅުވި އެވެ.
ޖޯންސަން އެންޑް ޖޯންސަނަށް މިދިޔަ އަހަރު ކޮވިޑްގެ ވެކްސިން އިން 2.39 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. އަދި މި އަހަރު އެ ވެކްސިނުން 3.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައުވެ އެވެ.