Last Updated: November 24, 13:17
Sunday, November 24, 2024
ރިޕޯޓް

މޫސަގެ ވާހަކަތަކުން ޓޫރިޒަމްގެ ތަޖުރިބާ

މިއީ އައްޑޫގައި އެންމެ ފަހުން ހުޅުވި ރިސޯޓް، ސައުތު ޕާމް ރިސޯޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މޫސާ ދީދީގެ ވާހަކަ އެވެ. ގާތް މީހުން އާންމުކޮށް ކިޔައިއުޅޭ ގޮތުން ނަމަ "މޫސާ ދައްޔާނު" ގެ ވާހަކަ އެވެ. ފޭދު އަށް އުފަން މޫސަ އަކީ ޓޫރިޒަމް ދާއިރާގެ 38 އަހަރުގެ ތަޖުރިބާކާރެކެވެ.

އައްޑޫގެ ތިން ވަނަ ރިސޯޓް ތަރައްގީކޮށް 2019 އިން ފެށިގެން އެތަން ހިންގުމުގައި އޭނާ އެންމެ އިސް ރޯލެއް އަދާކުރައްވަމުން ގެންދަވާ އިރު، މޫސަ ވަނީ މި އިންޑަސްޓްރީގައި އެތައް ތަޖުރިބާތަކެއްކުރައްވައިފަ އެެވެ. ސައުތު ޕާމް ތަރައްގީކުރުމާއި މިހާރު އެތަން ހިންގެވުމާ، އެއް ހިއްސާދާރެއްގެ ގޮތުން މޫސަ މަސައްކަތްކުރައްވާ އިރު، އޭގެ ކުރިން އޭނާ ވަނީ އައްޑޫގައި ހުޅުވި ފުރަތަމަ ރިސޯޓް، ކެނަރީފް (ހެރަތެރަ) ގެ އިސް މަގާމެއް ވެސް ފުރުއްވައިފަ އެވެ.

މިހާރު ރިސޯޓެއް ހިންގެވުމުގެ މުޅި ޒިންމާ އޭނާ ނަންގަވާ އިރު މޫސަ އަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިން ފާހަގަކޮށްލެވޭ އެކެކެވެ. ވަކިން ހާއްސަކޮށް އައްޑޫ މީހުން ވަރަށް ބޮޑަށް ހަރަކާތްތެރިވާ މި އިންޑަސްޓްރީގައި މޫސަ އަކީ އައްޑޫ މީހެއްގެ ހައިސިއްޔަތުން ވަރަށް ވެސް ހާއްސަ ޝަހުސިއްޔަތެކެވެ.

މީގައި މި ހިމަނާލަނީ "ޓޫރިޒަމް ބުލެޓިން" ގެ މި މަހުގެ އަދަދަށް މޫސަ ދެއްވާފައިވާ އިންޓަވިއުގެ ހާއްސަ ބައިތަކެވެ.

އިންޑަސްޓްރީއާ ގުޅިވަޑައިގަތީގެ މީގެ 38 އަހަރު ކުރިން. އޭރާ މިހާރާ ބަލާ އިރު އިންޑަސްޓްރީ އޮތީ ކިހިނެއް؟

އަޅުގަނޑު މި ދާއިރާ އަށް ވަނީ ރާއްޖެ އަށް 1972 ގައި ޓޫރިޒަމް ތައާރަފުވިތާ 10 އަހަރު ފަހުން. އޭރަށް ބަލާ ނަމަ ބޮޑަށް މަސައްކަތްކުރެވިފައި އޮތީ މި އިންޑަސްޓްރީ ކޮޅަށް ޖަހަން. ހާއްސަކޮށް ރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަން ޓޫރިސްޓުންގެ މެދުގައި ޕްރޮމޯޓްކޮށް މާކެޓް އޮތް ކަމަކަށް މިކަން ހެދުމަށް. އެކަމަކު އޭގެ ދިހަ އަހަރު ފަހަތަށް ޖެހިލާ ނަމަ ރާއްޖެ ވަނީ ޓޫރިޒަމުން ކުރިއެރުން ހޯދައި ޒުވާން އެތައް ސިކުނޑިއަކާ އެކު މި ދާއިރާ އަކީ ކާމިޔާބު އެއްޗަކަށް ހަދާފައި.

ޓޫރިޒަމް ދާއިރާ އަށް ވަދެވުނީ ކިހިނެއް؟ އަދި ސައުތު ޕާމްގެ އެންމެ އިސް މަގާމަށް ވަޑައިގެންނެވުނީ ކިހިނެއް؟

އެންމެ ޒުވާން ދުވަސްވަރު އުޅެވުނީ ފުޓްބޯޅައިގެ ތެރޭގައި. އެކަމަކު ފަހުން ވިސްނުނީ ރާއްޖެ ކަހަލަ ގުދުރަތީ ގޮތުން ރީތި ގައުމަކަށް ހިދުމަތްކުރެވޭ ކަހަލަ މަސައްކަތަކަށޭ ދާނީ. އެގޮތުން ޓޫރިޒަމް ދާއިރާ އަށް ވަންނަން ނިންމީ. ދިވެހިންނަކީ އަބަދު ވެސް މެހުމާނާންދާރީ އަދާކުރުމާއި ހިދުމަތްތައް ދިނުމުގައި ވަރަށް ވެސް ނަމޫނާ ބައެއް.

މިއަދު އަޅުގަނޑަށް އާދެވިފައި މި ހުރި ހިސާބަށް ކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫން. އެތައް ރެއެއްގެ ނިދި ނަގާލައި އެތައް ގުރުބާނީއެއްވެފައި ވާނެ. މަސައްކަތުގައި އުޅެމުން ލިބޭ ހުސް ވަގުތުގެ ބޭނުން އަޅުގަނޑު ހިފީ ދާއިރާ އިން ކުރިއަށް ދާން ކިޔެވުމުގައި. ހޮސްޕިޓާލިޓީ ދާއިރާގެ ހުނަރުތައް ތަރައްގީކުރުމުގައި. ހަމައެކަނި އަޅުގަނޑެއް ވެސް ނޫން. އަޅުގަނޑާ އެކީގައި މަސައްކަތްކުރާ މީހުން ވެސް ކުރިއަރުވަން.

ސައުތު ޕާމަކީ ކާމިޔާބު ތަނަކަށް ހަދަން މިހާތަނަށް ކުރެވުނު އެންމެ މުހިއްމު ކަމަކީ ކޮބާ؟

ފާއިތުވި ދެ އަހަރު ސީއީއޯގެ ގޮތުން ރިސޯޓް ހިންގުމުގެ ހުރިހާ ޒިންމާއެއް ނަގަމުން މި އަންނަނީ އަޅުގަނޑު. އެކަމަކު ހާއްސަކޮށް އައްޑޫ ކަހަލަ ތަނެއްގައި ރިސޯޓެއް ހިންގުމަކީ ފަސޭހަ ކަމެއް ނޫން. މިހާތަނަށް މިކަން ކުރަން އުޅުނު މީހުންނަށް ވެސް މިކަމުގައި މާ ބޮޑު ކާމިޔާބީއެއް ހޯދިފައެއް ނެތް. އެކަމަކު އަޅުގަނޑުމެން ސައުތު ޕާމް ޓީމަކީ ތަނުގެ ވިޔަފާރި ދަމަހައްޓަން ވަރަށް މަސައްކަތްކުރާ ބައެއް. އޭގެ ނަތީޖާ އަކީ މާލެ ސަރަހައްދު ކަހަލަ އެތައް އެޑްވާންޓެއް ހުރި ސަރަހައްދުތަކުގައި ހިންގާ ރިސޯޓްތަކާ ވާދަކުރެވޭ ތަނަކަށް މިތަންވުން.

މި ދާއިރާގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮބާ؟

[ތެދަށް ބުނަންޏާ] ކެރިއަރުގައި މިހާތަނަށް އެފަދަ ކަމެއް ތަޖުރިބާކުރެވިފައެއް ނެތް. އެކަމަކު [ސައުތު ޕާމް ހުޅުވިތަނާ ކަހަލަ ގޮތަކަށް] ކޮވިޑްގެ ބަލިމަޑުކަމާ ކުރިމަރިލާން ޖެހުމަކީ ރިސޯޓްގެ ހިއްސާދާރެއްގެ ގޮތުންނާއި ތަން މެނޭޖްކުރަން ހުރި މީހެއްގެ ހައިސިއްޔަތުން ކުޑަކަކޫ މައްޗަށް ތިރިވާން ޖެހުނު ކަމެއް. އޭގެ ސަަބަބުން ކުރަން ޖެހުނު މަސައްކަތްތައް ވަރަށް ގިނަ.

މި އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ އަހަރު. މިކަމާ ގުޅިގެން ކުރެވޭ އުންމީދުތަކަކީ ކޮބާ؟

ވަރަށް ދެކެން ބޭނުންވޭ މުސްތަގުބަލުގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އެކި ދާއިރާތަކުގައި ނަގާ ބަޔަކަށް ދިވެހިން ވާން. އަދި އެކަމަށް މި ދާއިރާގެ އެންމެން މަސައްކަތްކުރުމަކީ ވަރަށް ބޮޑު އެދުމެއް ވެސް. ދެން އެންމެ މުހިއްމު ކަމަކީ ތިމާވެއްޓާ ރައްޓެހިކޮށް ޓޫރިޒަމް އިންޑަސްޓްރީ ހިންގުން. އެގޮތުން އަޅުގަނޑުމެންގެ ހާއްސަ ސިފަތަކާއި ވެށި ދަމަހައްޓައި އިޔާދަކުރަނި ހަކަތަ ވީހާ ވެސް ބޮޑަށް މި ދާއިރާގައި ބޭނުން ކުރަން ޖެހޭ.

ރާއްޖޭގެ ޓޫރިޒަމް ގާނޫނަށް ބަދަލެއް ގެންނަން ފުރުސަތެއް ލިބިއްޖެ ނަމަ އެ ބަދަލަކަށް ވާނީ ކޮން ކަމެއް. އަދި އެއީ ކީއްވެ؟

އެއް ކަމަކީ ރާއްޖޭގެ ސަގާފަތާއި އާދަކާދަތައް ދެމެހެއްޓުން ލާޒިމުކުރުން. އަނެއް ކަމަކީ ސްކޫލް ނިންމާފައި ނުކުންނަ ޒުވާނުންނަކީ ގައުމަށް ފައިދާ ހުރި މިފަދަ ދާއިރާއަކުން ކުރިއަށް ދާން ބޭނުންވާ ބަޔަކަށް ހެދުމަށް މަސައްކަތްކުރުން.

މޫސަގެ އަމިއްލަ ލީޑަޝިޕް ސްޓައިލަކީ ކޮބާ؟

ބާރުވެރިކަން. މި ދާއިރާ އަށް ނުކުތް އާ ކުންފުންޏެއްގެ ވެރިއއްގެ ހައިސިއްޔަތުން މުވައްޒަފުން އުފާކޮށްދެވުން. މިކުރާ ކަމަކީ ވަރަށް ކުރާ ހިތުން ކުރާ ކަމަކަށްވުން. އަދި ގުޅިގެން މަސައްކަތްކުރުމުގެ ރޫހާ އެކު ކާމިޔާބު ހޯދުން.

ކޮވިޑާ އެކު ކިރިމަތި ކަންކަމަކަށް ފަހު، ނިއު ނޯމަލްއަކަށް ކުރަން ޖެހުނު ކަންކަމަކީ ކޮބާ؟

މި ރިސޯޓް ހުޅުވިތަނާހެން ކޮވިޑްގެ ބަލިމަޑުކަމާ ކުރިމަތިވީ. އެހެންވީމަ އަދިވެސް އެކަމަކުން އަރައެއްނުގަނެވޭ. އެ ސަބަބާ ހުރެ ވަރަށް ބޮޑަށް ހަރަދުތައް ކުޑަކޮށް، އެގޮތަށް ތަން މެނޭޖްކުރާނެ ގޮތް ދަސްކުރަން ޖެހުނު. ދެން ނިއު ނޯމަލްއާ އެކު އަނެއްހެން މާ ބޮޑު ޗެލެންތަކެއް ނެތް. މީގައި ދިމާވާ ކަމަކީ ޓޫރިސްޓުން ދަތުރުފަތުރުކުރަން ޖެހިލުންވުން.

ރާއްޖޭގެ އެންމެ ދެކުނުގައި ހިންގާ ރިސޯޓަކަށްވާތީ ކޮބައިބާ ހުރި ގޮންޖެހުންތަކަކީ؟

އެންމެ ބޮޑު އެއް ކަމަކީ މިތަނުގެ އެއާޕޯޓް [ގަން އިންޓަނޭޝަނަލް އެއާޕޯޓް] ރަނގަޅަށް އޮޕަރޭޓްނުކުރެވުން. އޭގެ ސަބަބުން އައްޑޫގެ ވިޔަފާރިތަކާއި ރިސޯޓްތަކަށް ވެސް އަސްލު ވެސް ލިބެންވާ މަންފާއެއް ނުލިބޭ. އެކަމަކު އަޅުގަނޑުމެން އަބަދު ވެސް އުންމީދުކުރަނީ ކަމާބެހޭ ފަރާތްތަކުން އެ އެއާޕޯޓަކީ ކާމިޔާބު އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދަން މަސައްކަތްކުރާނެ ކަމަށް. އުންމީދަކުރެވެނީ މިތަނަށް އިންޓަނޭޝަނަލް ގިނަ އެއާލައިންތަކަކުން ދަތުރުކުރާނެ ދުވަހަކަށް. އޭރުން އައްޑު އަށް އަންނަ ޓޫރިސްޓުން އިތުރުވެ، މުސްތަގުބަލުގައި ގެސްޓް ހައުސް ވިޔަފާރި އަށް ވެސް ބޮޑު ކުރިއެރުމެއް އަންނާނެ.

މި ދާއިރާގެ ކާމިޔާބު މީހެއްގެ ހައިސިއްޔަތުން މިހާތަނަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ ކޮބާ؟

ޒިންމާތައް ފުރިހަމަ އަށް އަދާކުރުމުގެ މުހިއްމުކަން. ގޯލެއް އޮވެގެން މަސައްތަކުރުން. އަދި އެކީގައި މަސައްކަތްކުރާ ޓީމަށް އިންސްޕިރޭޝަނަކަށް ވާން ޖެހޭކަން. ގުޅިގެން މަސައްކަތްކުރަން ޖެހޭކަން.

މޫސަގެ ކާމިޔާބުގެ ސިއްރަކީ ކޮބާ؟

ކާމިޔާބުގެ ސިއްރަކީ އަބަދު ވެސް މުސްތަގުބަލަށް ވިސްނައިގެން މަސައްކަތްކުރުން. އަޅުގަނޑަކީ އަބަދު ވެސް ރިސްކް ނަގައި އެކަންކަމާ ކުރިމަތިލައި ހާސިލުކުރަން ބޭނުންވާ ގޯލަކަށް އަމާޒު ހިފާ މީހެއް. އެންމެ ބޮޑު ކާމިޔާބީ އަކީ ބޮޑެތި ކަންކަމާ ކުރިމަތިލައި ކާމިޔާބު ހޯދުން. އަޅުގަނޑުގެ ބަލިފަޔަކަށް ވެދާނެ ހާސިލުކުތަން ބޭނުންވާ ކަމެއް ހާސިލުނުވީމަ އެކަމަކާ މާޔޫސްވުން. އެކަމަކު އޭރުން ވެސް އަޅުގަނޑު ބަލާނީ ހެދުނު ގޯސްތަކަކީ ކޮބައިތޯ ބަލައި އެކަންކަން ރަނގަޅުކުރުން.

ޓޫރިޒަމް ދާއިރާ އަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ދޭނެ މެސެޖަކީ އަދި މި ދާއިރާގެ އިސް މަގާމުތަކަށް އަންނަން ބޭނުންވާ މީހުންނަށް ބުނާނެ ވާހަކަ އަކީ ކޮބާ؟

ވަރަށް މުހިއްމު ކެތްތެރިކަމާ އެކީ ބުރަކޮށް މަސައްކަތްކުރުން. އިންޑަސްޓްރީ ކުރިއަށް ދާނީ އެކަމާ އުޅެގެން އެ މީހެއްގެ ހިއްސާ ވެސް އޮވެގެން. ކާމިޔާބީ އަށް ވާސިލުވުމަކީ ފަސޭހަކަމެއް ނޫން. އެކަމަށް ޖެހޭނެ ގުރިބާނީތަކެއް ވެސް ވާން.

މީގެ ފަސް އަހަރު ފަހުން މޫސަ ފެންނަން ބޭނުން ވަނީ ކިހިނެއް؟

އިންޝާﷲ. އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑަކީ [މިހާރު ވެސް] ރާއްޖޭގެ ތަރައްގީ އަށް އަދި ވަކިން ހާއްސަކޮށް އައްޑޫގެ ކުރިއެރުމަށް ބޮޑެތި މަސައްކަތަތެއް ކުރެވުނު މީހެއް ކަމަށް. އެކަމާ އަޅުގަނޑު ވަރަށް ފަހުރުވެރި ވެސް ވަން. އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑެކޭ އެއްގޮތަށް މި ދާއިރާފައި އުޅޭ އެންމެންނަކީ ވެސް ރާއްޖޭގެ ކުރިއެރުމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދެމިތިބުމަށް.