ރާއްޖެ އެތެރެކުރި ދޫނިތަކެއް މަރާލި ހަބަރު ވެގެން ދިޔައީ އާއްމު އެތައް ބައެއްގެ ފާޑު ކިޔުން އެކި ސިފަ ސިފައިގައި އަމާޒުވި ހަބަރަކެވެ. ތިން ދުވަސް ވީއިރުވެސް އެ ވާހަކައެއް ދިވެހިން ނުހުއްޓި އެވެ. އިލްމީ ނަޒަރުން ދީނީ އިލްމްވެރިންނެވެ. ސިޔާސީ މީހުން ސަރުކާރަށް ކިޔާ ފާޑެއްގެ ގޮތުގަ އެވެ. ސޯޝަލް މީޑިޔާގައި އެކަމަށް ފާޑެއް ނުކިޔާ މީހަކު ނެތޭ ވެސް ބުނެވިދާނެއެވެ. އަޅުގަނޑު ހިތައްވެސް ލައްކަ އެއްޗެހި އެ ހަބަރުތައް އިވިގެން އަރާފޭބި އެވެ.
އަނިޔާވެރި ގޮތަކަށް ދޫނިތައް މަރާލި ސަބަބެއް ކަމަށް ދެއްކީ ގަވައިދާ ހިލާފަށް އެ ދޫނިތައް އެތެރެކުރުމެވެ. އެހާ ހިސާބުން އެއީ ހަމަ ކޮށްގެން އުޅޭ ކަމެއްކަމެއްކަން ޔަގީންވެ އިތުރުއަށް މީހުން ކެކިއެރި އެވެ. އެއްކަމަކަށް އިންސާނުން އަމިއްލައަށް ހަދާފައިވާ ގާނޫނާ ހިލާފަށް އަމަލުކޮށްގެން އޭގެ އަދަބެއްގެ ގޮތުން ކުށެއްނެތް އެހެން ދިރޭ މަހްލޫގެެއް މަރާލެވިދާނެތޯ އެމީހުން ހިތައް ނޭރީ ކީއްވެ ބާއޭ ސުވާލު އުފެދުނެވެ. މިނިސްޓަރުގެ އެނގުމާ ފެނުމުގެ ތެރެއިން އެކަން ކޮށްނިންމާލިއިރު މިއީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމާއި ދިރޭސޫފާ ސުއިތްޕައް އިސްލާމް ދީނުގައި އޮތް ލޮތްބާއި ގަދަރު އެނގިވަޑައިނުގެންނެވީ ކީއްވެތޯވެސް ސުވާލު އުފެދުނެވެ. އެވަރުކަމެއް ކުރުމަށް ޕީއެޗްޑީއާ ހިސާބަށް ވަޑައިގެންނެވުމަށް ދަސްކުރެއްވި ތަކެއްޗާއި ގާނޫނު ހަދާ މަޖިލީހާއި މިނިސްޓަރުކަމުގައި ހޭދަކުރެެއްވި ދިގު މުއްދަތުގައި ލިބުނު ތަޖުރިބާ އެކަމަށް ހުރަސް ނޭޅީ ކީއްވެބާ އޭ ވެސް ކިތަންމެ ފަހަރަކު ހިތައްއެރި އެވެ.
ގަވާއިދާ ޚިލާފަށް އެތެރެކުރި ދޫނިތައް މަރާލުމުގެ ބަދަލުގައި އަނބުރާ ފޮނުވާލުމުގެ ފުރުސަތު އޮތް ކަމަށާއި އެގޮތަށް ފިޝަރީޒް މިނިސްޓްރީން އަމަލު ކޮށްފައިނުވާ ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެފައި އެބަ އެވެ. އެހެން ކަމުން މިކަމަކީ ނޭނގޭ މީހަކަށް ވެސް އެނގޭނެ މިންވަރަށް ކިޔާދީފައި އޮއްވާ މެރުން އެއީ އެންމެ ކުރާ ހިތްވާ އަދި އެންމެ ބޮލަށް ފަސޭހަގޮތް ކަމަށް ދެކިގެން ކޮށްލި ކަމެއް ކަމެއްކަން އެނގެ އެވެ. މިއީ އާ ކަމެއް ނޫނޭ ކިޔާ ފަރުޖައްސާލަންވެސް މަސައްކަތްކުރިތަން ފެނުނެވެ. މި ރާއްއްޖޭގައި މިނިސްޓްރީތަކުން ވައްކަން ކުރުމާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގުމަކީ އާއްމު ކަމެކެވެ. އެހެންވީމަ އެކަންވެސް ކުރުން މި މީސްމީހުނަށް މައްސަލައަކަށް ނުވާނެތާއެވެ. އާ ނޫން ކޮންމެ ކަމެއް އެއީ ނުރަނގަޅުކަމަކަށްވިއަސް ދެމެހެއްޓުމަކީ ސިޔާސަތަކަށްވާނަމަ އެއަށްވުރެ ވަކި ނުރައްކާތެރިކަމެއް ނޫން ހެއްޔެވެ.
ލިބޭ މައުލޫމާތުތައް ބުނާ ގޮތުން މިފަހަރު ވަނީ 500 ދޫނި މި ގޮތައް މަރާލާފަ އެވެ. އެ ދޫނިތައް މަރާލުމުގެ ކުރިން އެ ދޫނިތައް މަރާލަން ނިންމި ސަބަބުކަމަށްވާ އެ ބާވާތުގެ ދޫނި އެތެރެކުރަން ގާނޫނުން އޮތީ ހުއްދަވެސް ކޮށްފަ އެވެ. ތެދެކެވެ. އެހާ ހިސާބަކުން އެ ގާނޫނުގެ ކުރިން އެތެރެކުރި ދޫނިތައް އެތެރެކުރީ ގާނޫނާ އެއްގޮތައް ކަމަށް ނުބެލެވޭނެ އެވެ. ނަމަވެސް އެ ދޫންޏަކީ ގެންގުޅެން އެއްވެސް މައްސަލައެއް ނެތް ދޫނީގެ ބާވާތެއްކަން އެބަ ސާފުވެ އެވެ. އެހެން ކަމުން އަނެއްކާވެސް ހިތައް އަރަނީ ދެން އެ ދޫނިތަކަށް ހަދާނެ އެހެން ގޮތެއް ވެސް ހަމަ ނުވިސްނުނީބާ އެވެ. ރާއްޖޭގައި ކުޑަކުދިންގެ ޕާކެކޭ ކިޔާ ތަނެއްވެސް އޮވެ އެވެ. އެތަނުގައި އެތައް ބައިވަރު ދޫނިސޫފާ ސޫފިތައް އޮންނައިރު އެއިންތަނަކަށް އެތަކެތި ގެންގޮސް ލިއްޔާ ވާނީ ކީއްބާއޭ ހިތައްއެރި އެވެ. ނޫނިއްޔާ އެ ދޫނި އެތެރެކުރިން މިހާރު ހުއްދަ ވެފައިވާތީ ނީލަމުގައި އެތަކެތި ވިއްކާލިއްޔާ ވަނީ ކީއްބާ އެވެ. މަރާލުން ނޫން އެހެން ގޮތެއް ނެތިގެން ފުރަތަމަވެސް މަރަން ދިމާކުރީ ބޮލަށް ފަސޭހަކޮށްލަން ނޫން ދެން އެހެން ކޮންކަމަކާ ހެއްޔެ އެވެ.
މި ހުރިހާ ކަމެއް އެނގުމުން އެންމެ ބޮޑަށް ހިތައް އެރީ ރާއްޖޭގެ އެންމެ ބޮޑު މައްސަލައެއްކަމަށްބުނާ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ނުމަރައިފިއްޔާ ވާ ރަނގަޅެވެ. އިކޮނިމިކް މިނިސްޓަރު ކަމުގައި ނޫނިއްޔާ އިމިގްރޭޝަނުގައި ފިޝަރީޒް މިނިސްޓަރު ނުހުންނެވިއްޔާ ކިތަންމެހާވެސް މޮޅެވެ. އެހެން ނޫން ނަމަ ކުރިން ހުންނެވި މިނިސްޓްރީގައިވެސް ގަވައިދާ ހިލާފަށް އެތެރެކުރާ ދޫނިތައްވެސް މަރަނީ ކަމަށް ވިދާޅުވެ އެ ފަދަ ހިޔާލުފުޅެއް ނެރުއްވަފާނެތީ އަޅުގަނޑުގެ ހިތްބިރުގަތީ އެވެ. ފަހަރެއްގައިވެސް މިނިސްޓަރު އެފަދަ ކަމެއް ކުރައްވާނެ ކަމަށް ޝައްކު ކުރެވެނީއެއް ނޫނެވެ. އެހެން ނަމަވެސް މިނިސްޓަރީގެ ސިޔާސަތުތައް އެގޮތައް ހުރީމަ އެހެން ހަމަ ހިތައް ވަނީ އެވެ.