ކުށެއް ނުކުރާ އެއްވެސް މީހަކަށް އަދަބުދީ އެމީހުންގެ ބަދު ދުއާ ލިބިގަނެގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 33 ވަނަ ތަމްރީން ޕްރޮގްރާމް ނިންމުމަށް ދ.ވާނީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ އަނިޔާ ލިބޭ މީހާގެ ދުއާ އަށް ބިރުވެތިވެ ރައްކާތެރިވާންޖެހޭ ކަމަށާއި އެގޮތުން އަނިޔާ ލިބޭ މީހާ ކުރާ ދުއާ އާއި މާތްﷲ އާއި ދެމެދުގައި އެއްވެސް ހުރަހެއް ނުވާއިރު އެ ދުއާ ވަގުތުން އިޖާބަކޮށްދެއްވާފާނެ ކަމަށް ކީރިތި ރަސޫލާގެ ހަދީސެއްގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"ވަރަށް ކުރުކޮށް ދަންނަވަން ބޭނުން. ފަހަރުގައި ކުށްކުރާ ހުރިހާ މީހުންނަށް ހައްގު އަދަބު ނުދެވިދާނެ. އެކަމަކު ކުށެއް ނުކުރާ އެކަކަށް ވެސް އަދަބެއް ދީ އޭނާގެ ބަދު ދުއާ ލިބިގަނެގެން ނުވާނެ" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ފުލުހުންގެ ދަތި އުނދަގޫ މަސައްކަތުގައި އަބަދުވެސް ސިކުނޑީގައި ހުންނަންޖެހޭ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ފުލުހުންނަށް ދީފައިވާ ބާރު އޭގެ ހައްގު ނޫން ގޮތުގައި ބޭނުން ކުރެވިއްޖެނަމަ އެއީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ކުރާއިރު އޯގާވެރިކަމާއި، ހަމްދަރުދީއާ އެކުގައި މަސައްކަތް ކުރުމަށް އިމްރާން ގޮވާލެއްވި އެވެ.
މީގެއިތުރުން އިންސާނީ ހައްގުތަކާއި ކަރާމާތަށް އިހުތިރާމުކޮށްގެން ބާރުތައް ބޭނުން ކުރަންޖެހޭ ކަމަށާއި މިއީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ބާރު އަޅާފައިވާ ކަމެއް ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.