ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރާ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމެރީގައި މީދޫ/މަރަދޫފޭދޫ ދާއިރާ އަށް ކުރިމަތިލައްވައި ނާކާމިޔާބްވުވެޑައިގަތް މުހައްމަދު ލިރާރު، އެ ވޯޓްގެ ސައްހަކަމާ މެދު ސުވާލް އުފައްދަވައިފި އެވެ.
މީދޫ/މަރަދޫފޭދޫ ދާއިރާގެ ގޮނޑި ކާމިޔާބް ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ގޮނޑި މިހާރު ވެސް ފުރުއްވަމުން ގެންދަވާ ރޮޒައިނާ އާދަމެވެ.
އެ ދާއިރާ އަށް ލިރާރާ ވާދަ ކުރެއްވީ ރޮޒައިނާގެ އިތުރުން މީދޫ އަރިވަރު އަލީ ޝަހީމެވެ.
ރޮޒެއިނާ އެ ދާއިރާގެ ޓިކެޓް ކާމިޔާބްކޮށްފައި ވަނީ 457 ވޯޓު ހޯއްދަވައިގެންނެވެ. އޭނާ އާ ވާދަކޮށްގެން ޝަހީމަށް ލިބިފައި ވަނީ 137 ވޯޓެވެ. އަދި ލިރާރަށް ލިބުނީ 105 ވޯޓެވެ.
އެހެން ނަމަވެސް ޕްރައިމެރީގައި ލި ވޯޓްގެ ސައްހަކަމާ ދޭތެރޭ ލިރާރް ސުވާލް އުފައްދަވައި މިއަދު ނެރުއްވި ބަޔާނެއްގައި ބުނަނީ މީދޫ/މަރަދޫފޭދޫ ދާއިރާގެ ވޯޓް ފޮށި ނަންބަރ S07.02 (މަރަދޫފޭދޫގައި ބަހައްޓާފައިވާ ވޯޓް ފޮށި) އަށް ލާފައިވާ ވޯޓުގައި ސައްހަ ނޫން އެތައް ކަމެއް ދިމާވެފައިވާތީ އެކަންކަން ދާއިރާގެ ޢާންމު މެންބަރުންނަށް ސާފުކޮށް ދޭން ބޭނުންވާ ކަމަށެވެ.
ލިރާރް ވިދާޅުވީ އެ ވޯޓު ފޮށްޓާއި އެ ވޯޓު ފޮށި ދޮށުގައި ތިއްބެވި އޮފިޝަލުން ނާއި އަދި އެ ފޮށްޓަށް ވޯޓު އެޅުމަށް ނެރުއްވާފައިވާ ވޯޓާސް ލިސްޓާއި ބެހޭ ގޮތުންނާއި ވޯޓު އަޅަމުން ދަނިކޮށް ދިމާވި ކަންތައްތަކާއި އަދި ވޯޓުއަޅާ ނިމި ވޯޓު ގުނުމުގެ މަރުހަލާތަކުގައި އިންތިޚާބުގެ ސައްހަކަމާއި މެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި އެކަންކަމާ ގުޅޭ ޝަކުވާތައް ހަމަޖެހިފައިވާ އުސޫލުން ޕާޓީގެ އޮފީހަށް ހުށައަޅާފައިވާ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ އިންތިޚާބުގެ ސައްހަކަން ގެއްލޭ ގިނަ ކަންތައްތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ވޯޓާސް ލިސްޓް ޢާންމުކުރެއްވިއިރު ވޯޓުލުމަށް ކަނޑައެޅިފައިވާ ސުންގަޑި ހަމަވާން ގާތްވެފައިވުމުން އެ ލިސްޓުގައި ފާހަގަވެފައިވާ މައްސަލަ ހައްލު ކުރުމަށް އޮތް ފުރުސަތު ހަނިވުމާއި ވޯޓް ލާ މަރުކަޒުގެ ފޯކަލް ޕޮއިންޓުގެ ގޮތުގައި މޫސާ މުނައްވަރު ހަމަޖެހި ޢާންމުވެފައި ވީނަމަވެސް އެ މަރުކަޒުގައި ވޯޓުލީ ދުވަހު ހަރަކާތްތެރިވެފައި ވަނީ އެހެން ބޭފުޅެއް ކަމާއި ވޯޓުލުން ކުރިޔަށް ދަނިކޮށް އިންތިޚާބާއި ބެހޭ ތަފާތުވާހަކަ މީޑިއާ މެދުވެރިކޮށް ފަތުރައި ނުރަނގަޅު ނުފޫޒު ފޯރުވުމުގެ ސަބަބުން ވޯޓުލާން ބޭނުންވެފައިވާ އެތައް ބަޔަކަށް ވޯޓު ނުލެވުމާއި ވޯޓުލާ މަރުކަޒުގައި ކެންޑިޑޭޓުންގެ ކެމްޕެއިންގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނާއި އެ ބޭފުޅުންގެ މަސްލަހަތު އޮތް ބޭފުޅުން އައްޔަން ކުރެވިފައިވުމާއި ވޯޓު ގުނުމުގެ ކަންކަމުގެ ތެރެއަށް ކަމާ ނުބެހޭ ފޭދޫ ދާއިރާ އަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓަކު ނުފޫޒު ފޯރުވުމާއި ވޯޓުލާ މަރުކަޒުގައި އޮފިޝަލެއްގެ ގޮތުން ހަރަކާތެރިވެލެއްވި ރަންހަދާ މުހައްމަދު ވޯޓް ފޮށީގައިވާ ވޯޓުތަކުގައި ސައްހަ ނޫން ވޯޓު ކަރުދާސްކޮޅުތަކެއް ހުރި ކަމަށް ބުނެ އެ ވޯޓް ފޮށްޓަކީ ބާޠިލް ފޮށްޓެއް ކަމަށް ނިންމަވާ ފައިވަނިކޮށް އިސްވެ ދެންނެވުނު ކަމާ ނުބެހޭ ފޭދޫ ދާއިރާ އަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓެއްގެ ނުފޫޒުން ވޯޓު ފޮށި އަލުން ގުނާ ގަޑުބަޑު ކުރުން ފަދަ ކަންތައްތައް ހިމެނެ އެވެ.
މީގެ އިތުރުން ދާއިރާގެ ވޯޓު ފޮށިތަކުގެ ތެރެއިން މާލޭގައި ބެހެއްޓިފައިވާ ވޯޓުފޮށީގެ ވޯޓުލުން ނުނިމެނީސް މަރަދޫފޭދޫ އަދި މީދޫގެ ވޯޓުފޮށި ގުނާ ހިސާބު ހެދުމާއި މަރަދޫފޭދޫގެ ވޯޓުފޮށި ގުނިއިރު ސެކިއުރިޓީ ފީޗަސް ނެތް ޞައްޙަ ނޫން ގިނަ ޢަދަދެއްގެ ވޯޓް ކަރުދާސް ވޯޓުފޮށީގައި ހުރުމާއި ވޯޓު ގުނިއިރު ވޯޓު ފޮށީގައި އެއްވެސް ނިޝާނެއް ކުރެހުމެއް ލިއުމެއް ނެތް ހުދު ކުލައިގެ ކަރުދާސް ގަނޑެއް އޮތުމާއި މަރަދޫފޭދޫގެ ވޯޓު ފޮށްޓަށް ވޯޓްލާފައިވާ މީހުންގެ ޢަދަދާއި ބާކީ ހުރި ވޯޓް ކަރުދާސްތަކާއި ޖުމްލަ ވޯޓް ޓެލީކުރެވިފައި ނުވުމާއި އެ ދާއިރާ އަށް ކުރިމަތިލާފައިވާ ތިން ކެންޑިޑޭޓުންގެ ތެރެއިން ދެ ކެންޑިޑޭޓުންގެ މަންދޫބުން ނެތި މި ދާއިރާގެ މާލޭގައި ބެހެއްޓިފައިވާ ފޮށްޓައް ވޯޓްލުން ކުރިއަށް ގެންގޮސްފައިވުމާއި މާލޭގައި ވޯޓު އެޅިއިރު ވޯޓުލާ މަރުކަޒުގައި މުޅި ދާއިރާގެ އެންމެހާ މެންބަރުންގެ ނަން ލިސްޓް އޮތުމުން ތަކުރާރުކޮށް އެކަކަށް ދެފަހަރު ވޯޓު އެޅުމުގެ ފުރުސަތު ޢާންމުވެފައި އޮތުން ފަދަ މައްސަަލަތައް ފާހަގަ ކުރެވިފައިވާ ކަމަށް ލިރާރް ވިދާޅުވި އެވެ.
"އަދި ދަންނަވަމެވެ. ވޯޓް ގުނި އިރު ވޯޓްފޮށި ތެރެއިން ފެނުނު ވޯޓް ކަރުދާސްކޮޅާ އެއްވަރުގެ އެއްވެސް ލިއުމެއް ނެތް ހުސް ކަރުދާސް ކޮޅެއް ފެނުމުން އަޞްލު ވޯޓް ކަރުދާސްތައް ވޯޓްލާ މަރުކަޒުން ބޭރުކޮށް ވޯޓަށް މަކަރު ހަދާފައިވާ ކަމަށް ވަރަށް ބޮޑަށް ޝައްކު ކުރެވެ އެވެ. މިގޮތުން އޮރިޖިނަލް ކަރުދާސް ކޮޅު މަރުކަޒުން ބޭރުކޮށް ނުރަނގަޅު ނުފޫޒު އިންތިހާބުގެ ތެރެއަށް ވައްދާ ވޯޓު ގިނަކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ލަފާ ކުރެވެ އެވެ." ލިރާރުގެ ބަޔާނުގައިވެ އެވެ. " އެހެންކަމުން ގަވާޢިދުގެ ތެރެއިން އަޅުގަނޑުގެ ފަރާތުން ހުށައެޅުނު ޝަކުވާތަކަށް އިންތިޚާބާއި ބެހޭ ކޮމިޓީއިން ރިޢާޔަތް ކުރައްވާފައި ނުވާތީ އަޅުގަނޑުގެ އިރުޝާދާއިއެކު ޖެހިގެން އައި ދުވަހު މާލޭގައި ބެހެއްޓި މިދާއިރާގެ ވޯޓު ފޮށްޓަށް އަޅުގަނޑަށް ތާއީދު ކުރާ ގިނަ ޢަދަދެއްގެ މެންބަރުން ވޯޓުލުމުގައި ބައިވެރި ވެފައި ނުވެއެ ވެ. އަދި ދެންނެވުނު ކަންތައްތަކަށް ރިޢާޔަތް ކުރާ އިރު 24 ޖެނުއަރީ 2014 ވަނަ ދުވަހު މަރަދޫފޭދޫ ގައި ނެގުނު ވޯޓާއި އަދި މާލޭގައި ނެގުނު ވޯޓަކީ ޞައްޙަ ނޫން ވޯޓެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. ވުމާއި އެކު އަޅުގަނޑު ގެ ޝަކުވާތަކަށް އެޑްރެސް ކުރައްވާ ޕާރޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީއިން މި މައްސަލަ ބެލުމަށް ގޮވާލަމެވެ."