އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި) ވާދަކުރައްވާނެކަން ހާމަކުރެއްވުމާ އެކު އިންތިއަށް ތާއީދުކުރާ ފަރާތްތަކުން ސޯޝަލްމީޑިއާގައި އެކަން ހާމަކުރަން ފަށައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތި ވާދަކުރައްވާނެކަން ހާމަކުރެއްވީ ރޭގެ ވަގުތެއްގައެވެ. އެއާއެކު އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އެމްޑީޕީގެ އިސްސަފުގައި ހިމެނޭ ބައެއް ފަރާތްތަކުން އަންނަނީ އެފަރާތްތަކުގެ ތާއީދު އިންތި އަށް އޮތްކަން ހާމަކުރަމުންނެވެ.
އިންތިއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައިވާ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އަދި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ފާހަގަކުރެވެއެވެ. މީގެއިތުރުން މާލެސިޓީ ކުރީގެ މޭޔަރު ސިޔާ މުހައްމަދު ވެސް ވަނީ އިންތިއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.
އެމް.ޑީ.ޕީ. ގެ ޗެއާޕާރސަން ކަމަށް ކުރިމަތިލުމަށް އަޅުގަނޑު ނިންމައިފިން. 💛 pic.twitter.com/35Rm2l5O9A
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) February 12, 2022
އިންތިގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްވެސް އެ މަގާމަށް ވާދަކުރައްވާނެކަން ހާމަކުރައްވާފައިވެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 16 ވަނަ ދުވަހުއެވެ. އެ މަގާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ފެބްރުއަރީ 19 ވަނަ ދުވަހުގެ 16:00 އާހަމައަށް ހުޅުވާލާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.