Last Updated: February 14, 21:03
Friday, February 14, 2025
ޚަބަރު

އައްޑޫ ބިން ހިއްކުމާ ގުޅޭ ސާވޭ ނިންމާލައިފި

އައްޑޫ ބިން ހިއްކަން ބޮޑި މަޝްރޫއެއް ކުރިއަށް ގެންދަން ތައްޔާރުވަމުން އަންނަ އިރު، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނިންމައި، އޭގެ ރިޕޯޓް އެންޓަވަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ހުށަހަޅައިފި އެވެ.

ސާވޭގެ މަސައްކަތްކުރީ ވޯޓާ ސޮލިއުޝަންސްއިންނެވެ.

އިންޑިއާ ސަރުކާރުގެ ކްރެޑިޓް ލައިންގެ ދަށުން އައްޑުން ގާތްގަނޑަކަށް 228 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްކަން ނިންމާފައި ވަނީ ހިތަދޫންނެވެ. އެ އަވަށުން އެކަނި ވެސް 90 ހެކްޓަރު ބިން ހިއްކަން ހަމަޖެހިފައިވާ އިރު މަރަދު އާއި މަރަދޫފޭދޫން 76 ހެކްޓަރު، ހުޅުމީދޫން 32.3 ހެކްޓަރު އަދި އައްޑޫގެ ފަޅު ހިއްކައިގެން ރިސޯޓު ހެދުމަށް ބިން ދޫކުރަން 29.9 ހެކްޓަރު ހިއްކަން ހަމަޖެހިފައިވެ އެވެ.

އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވާ ގޮތުގައި މި މަޝްރޫއުވެގެން ދާނީ ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި ވެސް އައްޑު އަށް ބިމުފެ ދަތިކަން ކުރިމަތިނުވާނެ ވަރަށް ބިން ލިބިގެން ދާނެ މަޝްރޫއެކެވެ. އޭނާ ވިދާޅުވި ގޮތުގައި ބިން ހިއްކުމުގެ މަޝްރޫ އަށް މިހާރު ވަނީ ކުންފުންޏެއް ވެސް އެވޯޑްކޮށްފަ އެވެ. އަދި މި މަހުގެ ތެރޭގައި ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރާނެ އެވެ.

އެއާ އެކު ދެން މާ ލަސްތަކެއް ނުވެ ބިން ހިއްކުމުގެ މަޝްރޫއު ފެށޭނެ ކަމަށް ނިޒާރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބިން ހިއްކުމުންނ ކުރިއަށް އޮތް ތަނުގައި އައްޑޫން ދިރިއުޅެން ގޯތި ވެސް ދޫކުރާނެ އެވެ.

ނަމަވެސް މި މަޝްރޫއާ ގުޅޭ ގޮތުން ބައެއް ފަރާގްތަކުގެ ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. ސަބަބަކީ ބިން ހިއްކުމުގެ މި މަޝްރޫއުގެ ސަބަބުން އައްޑޫގެ ގުދުރަތީ ވެށި ވަރަށް ބޮޑަށް ހަލާކުވެ، އެތައް ދިރުމަކަށް ވެސް އަސަރުކޮށް، ފޫބުނެއްދޭ ވަރުގެ ގެއްލުމެއްވެދާނެކަމުގެ ބިރު އޮތުމެވެ.

އީއައިއޭ ރިޕޯޓް އީޕީއޭ އިން މި އަންނަނީ ދިރާސާކުރަމުންނެވެ. އައްޑީ ބިން ހިއްކުމުގެ މަޝްރޫއަށް ގާތްގަނޑަކަށް 70 މިލިއަން ޑޮލަރު (ބިލިއަން ރުފިޔާ) ހޭދަވާނެ އެވެ.

އައްޑޫގައި ބިން ހިއްކުމުގެ މަޝްރޫއެއް އެންމެ ފަހުން ކުރިއަށް ގެންދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރު ފޭދޫ ވަށައިގެން 50 ހެކްޓަރުގެ ބިން ހިއްކި އެވެ. އެ މަޝްރޫއަށް 160 މިލިއަން ރުފިޔާ ހަރަދުވި އެވެ.