ސ. ފޭދޫގައި ގިފިލި ބަލާ މުދިއްމެއްގެ އުނދަގުލާ ހެދި، ރަށުގެ ބައެއް އާންމުން ޝަކުވާކޮށް، ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
ގިފިލި ބަލާ ކަމަށް މަޝްހޫރުވެފައި ވަނީ ފޭދޫ ސިއްހީ މަރުކަޒުގެ ކުރިމަތީގައި ހުންނަ މިސްކިތް، މަސްޖިދުލް ހުދާގެ މުދިމު ފޭދޫ އިޝްތިހާރުގޭ (ޑޮންގަރާ އަހައްމަދުގެ) މުހައިމިން އަހުމަދެވެ.
އިހަކަށް ރޭ ފަތިސް ނަމާދަށް ބަންގި ގޮވަން ގެއިން ނިކުމެ، ބަންގު ގޮވަން މިސްކިތަށް ނުގޮސް ފޭދޫ ގެއެއްގެ ގިފިލި ބަލަނިކޮށް، އެގޭ މީހުންނަށް ފެނިގެން އެ މައްސަލަ ވަނީ ފުލުހުންނަށް ވެސް ރިޕޯޓްކޮށްފަ އެވެ. އަދި އެ މައްސަލާގައި އޭނާ ހައްޔަރުކޮށް، މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ފޭދޫން ވާހަކަ ދެއްކި ބަޔަކު ބުނީ ހުސްހަށިބައި މުހައިމިނަކީ އަބަދުވެސް ގޭގެ ގިފިއްޔާއި، ގޭގެ ފާހާނާތަކުގެ ފެން ލައިޓުން މީހުން ފެންވަރާ ތަން ބަލާ މީހެއް ކަމަށެވެ. އަދި އެކަން އޭނާ ކުރާތާ ދުވަސްތަކެއްވެފައިވާ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
"އަނެއްކާ ގިފިލި ފާރުމަތިން ފެން ވަރަން ތިބޭ މީހުން ބަލާފައި، އޭނާ އެނބުރި ދަނީ އެ މީހަކު ހުރި ގޮތް ވެސް އޭނާ ގެންގުޅޭ އެއްޗަކުން ފާރުގައި ލިޔެފައި،" ފޭދޫން ވާހަކަ ދެއްކި އަންހެނަކު ބުންޏެވެ. "އޭނާގެ އުނދަގޫ ވަރަށް ބޮޑުވެއްޖެ. ފަހަކަށް އައިސް، ފަތިސް ނަމާދަށް ނިކުމެ، ބަންގި ގޮވަން މިސްކިތަށް ދިއުމުގެ ކުރިން މީނަ ކުރާކަމަކީ ފެންވަރާ އަޑު އިވޭ ގޭގެ ގިފިއްޔާއި ފާހާނާ ބެލުން. އަދި މައުރިބް ނަމާދުގެ ފަހުން ވެސް މީނާ މިކަން ކުރާ ކަަމަށް ވަރަށް ގިނަ ބަޔަކު ބުނޭ."
ފޭދޫން ވާހަކަ ދެއްކި ޒުވާން ފިރިހެނަކު ވެސް ބުނީ މީގެ ދުވަސްކޮޅެއް ކުރިން އޭނާ، ފާހާނާގެ ތަށިގަނޑު މަތީގައި ބޮޑުކަމުދާން އިންދައި، ފެން ލައިޓުން މުހައިމިން ބެލި ކަމަށެވެ.
"އަހަރެން މަންމަ ކަމަށް ހީކޮށް އަސްލު އެ ދުވަހު އޭނާ ބެލީ. ކުރިން ވެސް މަންމަ ފެންވަރަށް ހުއްޓާ އޭނާ ބަލާކަން އެނގިފައި އޮތީ. އެ ދުވަހު އަހަރެން ހެދި ގޮތަކީ ފެން ލައިޓުން އޭނާ ބަލާކަން ނާންގައި ޝަވަރުން ޕްރެޝަރުފައި ފެން ލައިޓަށް ފެން ޖެހީ،" އޭނާ ބުންޏެވެ. "އިރުކޮޅަކުން އޭނާ ބިން މައްޗަށް ވެއްޓުނު އަޑު އިވުނީ."
މުހައިމިން ގިފިލި ބަލާ މައްސަލާގައި ހައްޔަރު ކުރުމުން އޭނާ، ދޫކޮށްލައިފައި ވަނީ ބޯހަމަނުޖެހޭ މީހެއް ކަމަށް ބުނެ އާއިލާ އިން ފުލުހުންނާ ވާހަކަ ދެއްކުމުން ކަމަށް އެނގިފައިވާ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
"އެކަމަކު އޭނާއަކީ ބޯހަމަނުޖެހޭ މީހެއް ކަމަށް އަހަރަމެން ގަބޫލެއް ނުކުރަން. މިސްކިތުގެ މުދިމުކަން އޭނާ ކުރަންވީމަ ރަނގަޅު. ގިފިލި ބަލައިގެން ހައްޔަރު ކުރީމަ ބޯހަމަނުޖެހޭ،" ފޭދޫން ވާހަކަ ދެއްކި އެހެން އަންހެނަކު ބުންޏެވެ. "އޭނާ ބޯހަމަނުޖެހޭ ކަމަށް ވަންޏާ، އޭނާގެ ފަހަތުގެ ކުރާ ނަމާދު ސައްހަ ވާނެތަ؟"
ފޭދު އަވަށު އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މުދިމު މުހައިމިން ގިފިލި ބަލާކަމުގެ އަޑުތަކެއް އަހާފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެފަދަ ޝަކުވާއެއް އޮފީހާ ހަމައަށް އައިސްފައި ނެތް ކަމަށް ވިދާޅުވި އެވެ.