ފުރަތަމަ ފިލްމް ކުޅުނު އިރު، އޭނާ ފަލަ ކަމަށް އަމިއްލަ އަށް ވެސް ގަބޫލް ކުރާ ކަމަށާއި އެކަމަކު މިހާރު އޭނާ ފަލަ ކަމަށް ގަބޫލް ނުކުރާ ކަމަށް ވިދަމުން އަންނަ ޒުވާން ބަތަލާ ޕަރިނީތީ ޗޯޕްޅާ ބުނެފި އެވެ.
ބޮލީވުޑްގެ އެންމެ ނުފޫޒް ގަދަ ތަރިންގެ ތެރޭގައި ހިމެނޭ އަދި އޭނާގެ ރީތި ހަށިގަނޑަށް އަބަދުވެސް ގިނަ ބަޔަކު ތައުރީފް ކުރާ ޕްރިޔަންކާ ޗޯޕްޅާގެ ކަޒިން ޕަރިތީނީ ބުނީ އޭނާގެ ފުރަތަމަ ފިލްމް "ލޭޑީސް ވާސަސް ރިކީ ބާލް" ކުޅުނު އިރު، އޭނާއަކީ "ސައިޒުން ބޮޑު" މީހެއް ކަމަށް ގަބޫލް ކުރާ ކަމަށެވެ.
އަދި އޭނާގެ ބަރުދަނާއި ބައްޓަމާ ގުޅޭ ގޮތުން މީޑިއާތަކުން އަބަދުވެސް ވަރަށް ގިނަ ފާޑު ކިއުންތައް ޕަރިނީތީ އަށް އަމާޒު ކުރެ އެވެ.
"އެކަމަކު މިހާރު އަހަރެން ފަލައެއް ނޫން. އަދި އަހަރެންގެ ހަށިގަނޑާ ދޭތެރޭ މިހާރު ވަރަށް ހިތްހަމަޖެހޭ،" އަންނަ މަހުގެ 7 ގައި ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ "ހަސީ ތޯ ޕަސީ" އަށް ވެސް އަށް ކިލޯ ލުއި ކުރި 25 އަހަރުގެ ބަތަލާ ބުންޏެވެ. "އަހަރެން ހަށިގަނޑު ރީތިކޮށް ބަހައްޓަން، ހިކެން ވަރަށް މަސައްކަތް ކުރަން މިހާރު."
ޕަރިނީތީގެ ބައްޓަން ވަރަށް ރީތިކޮށް މިހާރު ފެންނާތީ، އޭނާގެ ކުރިއަށް އޮތް ފިލްމް "ކިލް ދިލް" ގައި ބިކިނީއެއްގައި ފެނިދާނެތޯ އެހުމުން ޕަރިނީތީ ބުނީ އެއީ ވާނެ ކަމެއް ނޫން ކަމަށެވެ.
"އަހަރެން އަދިވެސް ގަބޫލެއް ނުކުރަން އަހަންނަކީ ބިކިނީއެއްގައި ސްކްރީނުން ރީތިކޮށް ފެންނާނެ މީހެއް ކަމަކަށް. އެކަމެއް ނުވާނެ. ފިލްމެއްގައިި ގުލެމަރަސް ރޯލެއް ކުޅެން ޖެހުމުގެ މާނައަކީ ބަތަލާ ކޮންމެ ފަހަރަކު ބިކިނީއެއްގައި ދައްކުވައި ދޭން ޖެހުމެއް ނޫން،" ޕަރިނީތީ ބުންޏެވެ. "އެކަމަކު ބިކިނީއެއްގައި އަހަރެން ފެންނަލެއް ރީތި ކަމަށް ގަބޫލް ކުރެވޭ ހިސާބުން އެކަމާ ވިސްނަން ޖެހިދާނެ."