ސިފައިންނަކީ ކީއްކުރާ ބައެއްތޯ އެވެ؟ ބައެއް މީހުން ސުވާލު ކުރެ އެވެ. ސިފައިން ނުކުރަނީ ކީއް ހެއްޔެވެ؟ ޤައުމަށް ދިމާވާ ކޮންމެ ނުރައްކާތެރި ކަމަކާ އެންމެ ފުރަތަމަ ކުރިމަތިލަނީ ސިފައިންނެވެ.
ކަނޑުމަތީގައި ދިމާވާ ކޮންމެ ހިތާމަވެރި ހާދިސާއަކާ ގުޅިގެން ރެއެއް ދުވާލެއްނެތި ހަރަކާތްތެރި ވަނީ ސިފައިންނެވެ. އަލިފާނުގެ ހާދިސާއެއް ހިނގިއަސް އެތަނަކަށް އެންމެ ފުރަތަމަ ގޮސް ރައްޔިތުންނާއި މުދާ ސަލާމަތް ކުރަން މަސައްކަތް ކުރަނީ ސިފައިންނެވެ.
ޤުދުރަތީ ހާދިސާއެއް ދިމާވިޔަސް ސިފައިން ތިބެނީ ރައްޔިތުންގެ ޚިދުމަތުގަ އެވެ. އަނބިންނާއި ފިރިންނާއި ދަރިން ދޫކޮށްފައި ސިފައިން ނިކުމެ މަސައްކަތް ކުރަނީ ރައްޔިތުންގެ ޙައްޤުގަ އެވެ. ތެދެކެވެ. މިއީ ސިފައިން ކަންތައްތައް ކުރަން ޖެހޭ ގޮތެވެ. ސިފައިންގެ ވާޖިބު އަދާ ކުރަން ޖެހޭ ގޮތެވެ. އެހެންވީމާ ސިފައިންނަކީ ކީއްކުރާ ބައެއްތޯ ސުވާލު ކުރަނީ ސިފައިން ކުރާ ކަންތައްތައް ނުފެންނާތީ ނޫންކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެ އެވެ.
ސިފައިންނާ ބެހޭ ކަންތައްތައް ޒަމާނުއްސުރެ އޮންނަނީ ސިއްރުވެފަ އެވެ. ސިފައިންނާ ބެހޭ ގޮތުން އަދި ސިފައިން ކުރާ ކަންތައްތަކާ ބެހޭ ގޮތުން އާންމުކޮށް މީހުން ވާހަކަ ދައްކައެއް ނޫޅެ އެވެ. އެހެން ނަމަވެސް ރާއްޖޭގައި ޑިމޮކްރަސީ ގާއިމުވެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން ފުޅާވެގެން ދިއުމުން ސިފައިންގެ ކަންތައްތަކާ ބެހޭ ގޮތުން ވެސް މީހުން ވާހަކަ ދައްކާނެ އެވެ.
ސިފައިންނޭ ކިޔައިގެން ދައްކާ ހުރިހާ ވާހަކައަކީ ޙަޤީޤަތަށް ނުވެވެސް ހިނގައިދާނެ އެވެ. ޙަޤީޤަތް ހާމަކޮށްދީ އޮޅުން އަރާފައިވާ ފަރާތްތަކަށް އޮޅުންތައް ފިލުވައި ދިނުމަކީ ސިފައިން ކުރަން ޖެހޭނެ ކަމެކެވެ. ސިފައިންނަކީ ކީއްކުރާ ބައެއްތޯ ރައްޔިތުން ސުވާލު ކުރާނަމަ އެ ސުވާލަށް ވެސް ސިފައިން ޖަވާބު ދޭން ޖެހޭނެ އެވެ.
ރާއްޖޭގެ މަސް ކަނޑުތަކުން ބޭރު މީހުންނަށް ވައްކަން ނުކުރެވޭ ވަރަށް މަސްކަނޑުތައް ބަލަހައްޓަން ސިފައިން ބޭނުންވެ އެވެ. ރާއްޖެ އާއި އެހެން ޤައުމުތަކާ ގުޅިފައި ވަނީ ކަނޑާއި ވައިގެމަގުން ކަމަށްވާތީ ގަވާއިދާއި ޤާނޫނާ ޚިލާފަށް ކަނޑުގެ މަގުން ވެސް އަދި ވައިގެމަގުން ވެސް އެއްވެސް ބަޔަކު ރާއްޖޭގެ ސަރަޙައްދަށް ވަނުމަކީ ސިފައިން ވެސް ބޭނުންވާ ގޮތެއް ނޫނެވެ.
ސިފައިން ސްޓްރެޓެޖިކް ޕްލޭންތައް ހަދައިގެން މި އަމާޒުތަކަށް ވާސިލުވުމަށް މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ކޮންމެ ހަރުފަތަކުން ވެސް އަޅުގަނޑުމެން އަރަން ބޭނުން ވަނީ އެންމެ މައްޗަށެވެ. އެކަމަކު އެކަން ވާނީ އެބައެއްގެ ކެރިފޯރުންތެރިކަން ހުންނަ ވަރަކުންނެވެ.
ކެރިފޯރުންތެރިކަން ހޯދައި ދެވުނު މިންވަރަކުންނެވެ. ސިފައިން ކުރާ ކަންތައްތަކާއި ސިފައިންގެ މުސްތަޤުބަލްގެ ޕްލޭންތައް ހެދުމުގެ އިތުރުން، ރައްޔިތުންނާ ވެސް އެ ކަންތައްތައް ހިއްސާ ކުރަން ޖެހެ އެވެ.
ސިފައިންނަށް ލިބިފައިވާ ޤާބިލު ކަމަށް ވުރެ ސިފައިން އަދާކޮށްފައިވާ ވާޖިބު މާ ބޮޑެވެ. ދެތިން މިސާލެއް ދަންނަވާލާނަމެވެ.
ތިނެއް ނޮވެމްބަރުގައި ދުޝްމިނުންގެ ކުރިމައްޗަށް ނިކުންނަން ފުރަތަމަ އުޅުނީ އާދައިގެ ބަހެއްގައި ވެލިބަސްތާ ޖައްސައިގެންނެވެ. އެ ބަހަށް ނިކުމެވޭ ގޮތް ނުވުމުން ދެން ސިފައިން ނިކުތީ ހުސްގަޔާއެވެ. އެނަމާބޯޓު ބަންޑުން ޖަހާލި ކާރިސާގައި ބޯޓުގެ ތެރެއިން ފުރާނަ ހުރި މީހަކު ފެނޭތޯ ސިފައިން ފީނާ ހެދީ ބަނޑުގައި ވާ ޖަހައިގެންނެވެ.
ފަރަށް އަރައިގެން ދޯނި ފަހަރާއި މީހުން ސަލާމަތް ކުރަން ދާއިރު އެހެން މީހުންގެ އަތުގައި ނުހުންނަ އެކަމަށް ޚާއްޞަ އާލާތްތަކެއް ސިފައިންގެ އަތަކުވެސް ނުހުރެ އެވެ.
ވޭތުވެ ދިޔަ ގިނަ ދުވަސްތަކުގައި އިންޑިޔާ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި ސިފައިން ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓީ ކުދިކުދި ފައިބަރ ގްލާސް ލޯންޗްތަކެއް ބޭނުންކޮށްގެންނެވެ.
އެކިއެކި ހާދިސާތަކުގައި ސިފައިން ކުރާ ހިތްވަރާއި ދައްކާ ސާބިތުކަމަކީ ސިފައިންގެ ޚިދުމަތަށް ނަފްސު ބައްޓަން ކުރެވި ތައްޔާރު ކުރެވިފައިވާ ގޮތުންވާ ކަމެކެވެ.
ސިފައިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ޤައުމީ ލޯތްބާއި މަސްޢޫލިއްޔާތާއި ވާޖިބަށް ދެވޭ އިސްކަމުންވާ ކަމެކެވެ.