އިންޑިޔާ އައުޓް ކެމްޕޭނަކީ ގައުމީ ސަލާމަތައް ނުރައްކަލެއްކަމަށް ހުރިހާ ލެވެލްގެ ސިފައިންނާއި އޮަފިސަރުން ގަބޫލުކުރާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ "ގައުމީ ސަލާމަތްތަކާ ބެހޭ ކޮމެޓީގެ" ބައްދަލުވުމަށް އިއްޔެވަޑައިގެން ޝަމާލު ވިދާޅުވީ އިންޑިޔާ އައުޓް ކެމްޕެއިން ނަމުގައި ހިންގާ ހަރަކާތާ ގުޅިގެން ގައުމީ ދިފާއީ ބާރުގެ ލަފާ ދޭ މަޖިލީހުގައި އާއި ކޮމާންޑިން ސްޓާފް އޮފިސަރުންގެ އިތުރުން ރާއްޖެއިން ބޭރުގައި ތިއްބަވާ ގައުމީ ދިފާއީ ބާރުގެ އެޑްވައިޒަރުންނާއި އެކު އެކަމާ ގުޅޭ މަޝްވަރާތައް ބާއްވާފައިވާ ކަމަށެވެ.
"މި މަޝްވަރާތަކުގައި ހުރިހާ ލެވެލްގެ ސިފައިން ވެސް އިއްތިފާގުވަނީ އިންޑިޔާ އައުޓް މި ކެމްޕޭނަކީ، މި ޕްރޮޕެގެންޑާއަކީ ގައުމީ ސަލާމަތައް ނުރައްކާވެގެނ އަންނާނެ ކެމްޕެއިނެއް ގޮތުގައި،" ޝަމާލް ވިދާޅުވި އެވެ.
ޝަމާލު ވިދާޅުވީ އިންޑިޔާ އައުޓް ކެމްޕެއިން ނަމުގައި ހިންގާ ހަރަކާތުން ގައުމީ ސަލާމަތައް ނުރައްކާވާ ކަމަށް ސިފައިންނަށް ހުރިހާ އޮފިސަރުންނަށްވެސް ގަބޫލުކުރެވޭ މައިގަނޑު ސަބަބަކީ އެ ހަރަކާތާއެކު ދޭދޭ ގައުމުގެ މެދުގައި ނަފުރަތާއި ފިތުނަ އާއި ރުޅިވެރިކަން އުފައްދުމުގެ ސަބަބުން އަންނާނެ ނުރައްކަލެވެ.
އިންޑިޔާ ކަނޑުތެރޭގައި އޮތް ނުރައްކާތެރިކުށްތައް ހުއްޓުވަމުން އަންނަނީ ގައުމުތައް ގުޅިގެން ކަމަށް ފާހަގަކުރައްވައި ޝަމާލު ވިދާޅުވީ އެގޮތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ހަފްތާގައި 700 ކިލޯ ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
"މީގެން ކޮން އޮޕަރޭޝަނަކީ ގައުމުތައް ގުޅިގެން ހިންގޭ އޮޕަރޭޝަންތައް. އޭގެ ތެރޭގައި މައުލޫމާތު ބަދަލުކުރުމާއި އިންޓެލިޖެންސް ޝެއާކުރުމާއި މިކަންކަން ކޮށް މިއިން އޮޕަރޭޝަނެއް މި ހިންގެނީ. މީގެ އަގަށް ބަލާލިއަސް އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ޑްރަގުގެ ވާހަކަ މި ދައްކަނީ. މިގޮތައް އަންނަ ޑްރަގް، އިންޑިއަން އޯޝަން ތެރޭގައި ދަތުރުކުރަމުން އަންނަ، ޓްރާސްސިޓްކުރަމުން އަނަން ޑްރަގަކީ އޭގެ އަސަރު ރާއްޖެއަށްވެސް ކުރާ އަދި އޭގެ އަސަރު ސްރީލަންކާއަށްވެސް އެެހެން ގައުމުތަކަށްވެސް ބެހިގެންދާ ޑްރަގު މި ޑްރަގަކީ. އެހެންވީމަ މި ކަހަލަ ނުރައްކާތެރި މާހައުލެއް އޮތްއިރުގައި ސަލާމަތްތެރިކަން ގާއިމުކުރުމަށްޓަކައި ގައުމުތައް ގުޅިގެން މަސައްކަތްކުރުން ވަރަށް މުހިންމު،" އޭނާ ވިދާޅުވި އެވެ.
ޝަމާލު ވިދާޅުވީ ރާއްޖޭގެ ދިފާއީ މަސައްކަތެއްގައި ބޭރުގެ އެއްވެސް ސިފައިންގެ ބަޔަކު މަސައްކަތް ނުކުރާ ކަމަށާއި ބޭރުގެ ގައުމުތަކުން އެހީވެދެނީ އިންސާނީ ވަސީލަތްތައްް ކުރިއަރުވާ ތަމްރީންތައް ދިނުމަށް ކަމަށެވެ.
"ދިވެހި ރާއްޖޭގެ ދިފާއީ ރޯލެއްގައި ދިވެހި ރާއްޖޭގެ އިސްތިގުލާލް ނެގެހެއްޓުމަށްޓަކައި އަޅުގަނޑުމެން އެއްވެސް ގައުމަކާ ގުޅިގެން ހަރަކާތްތަކެއް ނުހިންގާނެ. އެހެންނޫން އަޅުގަނޑުމެން ސިފައިންގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ސިފައިންގެ ކެޕޭ ސިޓީ އިތުރުކުރުމަށްޓަކައި އެހީތެރިކަން ހޯދަން. އެގޮތުން އަޅުގަނޑުމެން ވަރަށް ގިނަ ގައުމުތަކާއެކު ވަަރަށް ބުރަ މަސައްކަތްތަކެއް ފަށާފައިވަނީ. އޭގެ ތެރޭގައި ބެކްޓް ބެކް ގައުމުތަކުގެ ވެރިން ރާއްޖެ ވަޑައިގަންނަވާތަން މީޑިޔާތަކުންވެސް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،"
ޝަމާލު .ތަކުރާރުކޮން ވިދާޅުވީ އިންޑިޔާ އަޝްކަރިއްޔާއާއެކު ހާއްސަކޮށް ހިންގޭ ކަންތައްތަކީ އިންސާނީ ހިދުމަތްތައް ރާއްޖެއަށް ފޯރުކޮށްދިނުމަށާއި އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށް ހިންގޭ ކަންތައްތަކެއް ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން ޕީޕީއެމް އިން ހިންގާ އިންޑިޔާ އައުޓް ކެމްޕެއިން ޝަމާލު ސިފަ ކުރެއްވީ "ވިހަ" ނުރައްކާތެރި ހަރަކާތެއްގޮތުގަ އެވެ.