ސަލްމާން ހާން ސޫރަޖް ބަރްޖަތިއާއަކީ މިހާތަނަށް ބެލުންތެރިންނާ ހަމައަށް ވަރަށް ކާމިޔާބް، ހިތްގައިމު ފިލްމުތަކެއް ގެނެސް ދީފައިވާ ދެ މީހުންނެވެ.
"މޭނޭ ޕިޔާރް ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" އަދި "ހަމް ސާތުސާތު ހޭ" ފަދަ އާއިލީ ގުޅުންތަކާ އެކު އަސަރު ގަދަ ލޯބީގެ ހާދިސާތައް ދައްކުވައި ދީފައިވާ މި ފިލްމުތަކަކީ ދުވަހަކު ވެސް ބެލުންތެރިންގެ ހިތްތަކުން ސޮއްސާލައިގެން ދާނެ ފިލްމުތަކެއް ނޫނެވެ.
ސަލްމާނާއި ސޫރަޖް އެންމެ ފަހުން އެކުގައި މަސައްކަތް ކުރި ފިލްމަކީ 1999 ވަނަ އަހަރު ރިލީޒް ކުރި "ހަމް ސާތުސާތު ހޭ" އެވެ.
އޭގެ ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު މި ދެ މީހުން އަނެއްކާ ވެސް ބެލުންތެރިންނާ ހަމައަށް ޖާދޫއެއް ގެނެސް ދޭން އަންނަނީ ތައްޔާރުވަމުންނެވެ.
މި ފަހަރުގެ ފިލްމަކީ ސޫރަޖްގެ އެހެން ފިލްމުތަކާ އެއްގޮތަށް ހަމަ އާއިލީ ހާދިސާތަކެއް ދައްކުވައިދޭ ލޯބީގެ ފިލްމެކެވެ. ފިލްމުގެ ނަމަކީ "ބަޅޭ ބެއްޔާ" އެވެ.
އެހެންވެ މި ފަހަރު ވެސް ސޫރަޖްގެ "ލޯބިލޯބި" ކެރެކްޓާ" ޕްރޭމް" އާ އެކު ސަލްމާން ބެލުންތެރިންގެ ހިތްތައް ފަތަހަކޮށްލާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ. މި ފިލްމުގެ ވާހަކަ އިވެން ފެށީއްސުރެ، ބެލުންތެރިން ތިބީ ކެތްތެރިކަން ކުޑަވެފަ އެވެ.
ދާދި ފަހުން ސޫރަޖް ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު އެއްކޮށް ނިމި، އަންނަ މެއި މަހުގެ ތެރޭގައި ޝޫޓިން ފަށާނެ ކަމަށެވެ.
އެކަމަށް ބޭނުންވާ ހާއްސަ ބޮޑު ސެޓެއް ތައްޔާރު ކުރަމުން އަންނަ ކަމަށް ވެސް "ވިވާހް" އަދި "މޭ ޕްރޭމް ކީ ދީވާނީ ހޫ" ވެސް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.
މި ފިލްމުގެ މުހިއްމު ރޯލަކަށް، ސޫރަޖްގެ ފިލްމްތަކުން އަބަދު ވެސް ފެންނަ އަނޫޕަމް ކޭރް ވެސް ވަނީ ސޮއިކޮށްފަ އެވެ. އެކަމަކު އަދި ފިލްމުގެ ބަތަލާއަކީ ކާކު ކަމެއް ނޭނގެ އެވެ.
އެކަމަކު އަޑުތައް އިވޭ ގޮތުން ސަލްމާންގެ ބަތަލާއަަކަށް ދީޕިކާ ޕަދްކޯން ގެނެވޭތޯ އަންނަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.
"ބަތަލާއަކު ހޯދުމުގެ މަަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށްދޭ. ދީޕިކާ އަދި ހަމަޖެހިފައެއް ނެތް،" ނޫސްވެރިން ސުވާލް ކުރުމުން ސޫރަޖް ބުންޏެވެ.
ސޫރަޖް ބުނީ "ބަޅޭ ބެއްޔާ" ސިނަމާތަކަށް އަންނާނީ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.