Last Updated: November 27, 11:56
Wednesday, November 27, 2024
ސިޔާސީ

ހަތަރު ދާއިރާއެއްގެ ޕްރައިމެރީ މާދަމާ

ހިތަދޫ މެދު ދާއިރާ އަށް ވާދަ ކުރާ ޝިނާޒް (ވ) ކެމްޕޭން ކުރަނީ. ފޮޓޯ/ އެމްޑީޕީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރާނެ ކެންޑިޑޭޓޫން ހޮވަން އައްޑޫގައި ބާއްވާ ޕްރައިމެރީގައި މާދަމާ ހަތަރު ދާއިރާއެއްގެ ޕްރައިމެރީ އަލުން ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މާދަމާ ޕްރައިމެރީ ބާއްވާ ދާއިރާތަކަކީ ފޭދޫ، މަރަދޫ، ހިތަދޫ މެދު ައދި ހިތަދޫ ދެކުނު ދާއިރާ އެވެ.

މި ދާއިރާތަކުގެ ޕްރައިމެރީ މިދިޔަ ހުކުރު ދުވަހު، އެހެން ޕްރައިމެރީތަކާ އެކު ބޭއްވި ނަމަވެސް، ތަފާތު މައްސަލަތައް ދިމާވެގެން ވަނީ ކެންސަލް ކުރަން ޖެހިފަ އެވެ.

އަދި އެއާ ގުޅިގެން ފޭދޫ މަރަދޫ އަދި ހިތަދޫ މެދު ދާއިރާގެ ވޯޓް ކަރުދާސްތައް ވަނީ އަންދާލައިފަ އެވެ.

އެމްޑީޕީގެ ޓިކެޓް މީދޫ ދާއިރާ އިން، ކާށިދޫ ދާއިރާގެ މިހާރުގެ މެމްބަރު ރޮޒައިނާ އާދަމް ކާމިޔާބުކޮށްފައިވާ އިރު، ހުޅުދޫ ދާއިރާ ޓިކެޓް އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އިލްޔާސް ލަބީބް އަފި ހިތަދޫ އުތުރު ދާއިރާގެ ޓިކެޓް، އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު މުހައްމަދު އަސްލަމް ވަނީ ކާމިޔާބް ކުރައްވައިފަ އެވެ.

ފޭދޫ ޕްރައިމެރީގައި ނުވަ ކެންޑިޑޭޓަކު ވާދަ ކުރެ އެވެ. އެއީ އައްޑޫ ސިޓީ ކައުންސިލްގައި ފޭދޫ ދާއިރާ މިހާރު ތަމްސީލް ކުރައްވާ އަހުމަދު މިރުޒާދު (މިރާ) އާއި ފޭދޫ ސިވިލައިޒޭޝަން ހައުސް މުހައްމަދު ނިހާދު، ފޭދޫ ހަނދުވަރީގޭ އައިޝަތު ރަޝީދު، ފޭދޫ ބީޗްވިލާ މުހައްމަދު ސައީދު (މުއްލާ)، އެމްޑީޕީ އައްޑޫ ރައީސް ފޭދޫ ނެސްޕްރޯވިލާ އަހުމަދު އަދުހަމް، ފޭދޫ ޑިއަރެސްޓް އަބްދުﷲ ޝަރީފް، ފޭދޫ ފިނިފެންމާގޭ މުހައްމަދު އަކްރަކް (އަކޫ)، ފޭދޫ ސްވީޓްޕީ އަހުމަދު މުރުތަޟާގެ އިތުރުން ފޭދޫ ދާއިރާގެ މިހާރުގެ މެމްބަރު އަލްހާން ފަހުމީ އެވެ.

މަރަދޫ ދާއިރާ ޓިކެޓަށް ވާދަ ކުރަނީ އެ ރަށު ހިކިފިނިފެންމާގޭ އަބްދުއް ސަލާހު ހަސަން އާއި އިބްރާހީމް ޝަރީފް (މަ ވޯޓާ) އާއި މަރަދޫ ފޮނިމާގޭ މުހައްމަދު ޖިނާހާއި ބަހާރުގޭ މުހައްމަދު ރިޔާޒާއި އެ ރަށު މީނާޒް ހަސަން ނާސިރު (ހަން ބައްދާ ހަސަނު) އެވެ.

ހިތަދޫ ދެކުނު ދާއިރާ އަށް އެމްޑީޕީ ޓިކެޓްގައި ތިން ކެންޑިޑޭޓުން ވާދަ ކުރައްވަ އެވެ. އެއީ އެ ރަށު އެމިޓޭޝަންގޭ އަލީ ނިޒާރާއި ދޮނަޅާމާގޭ އަހުމަދު ހަބީބާއި ނައިލޯންގޭ، އަހުމަދު ނިޒާމެވެ.

ހިތަދޫ މެދު ދާއިރާ އަށް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރަނީ ހިތަދޫ އަވަށު ބޯޑްގެ ރައިސް އެ ރަށު ލިލީވިލާ އިބްރާހީމް ޝިނާޒް މޫސާ (ފަލަކް ޝިނާޒް) އާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމްދީދީ އެވެ.

މީދޫ ދާއިރާ އަލީ ޝަހީމާއި މުހައްމަދު ލިރާރު ވާދަކޮސްގެން ރޮޒައިނާ ކާމިޔާބް ކުރެއްވި ނަމަވެސް، ލިރާރް ވަނީ ނަތީޖާ ގަބޫލް ނުކުރާ ކަމަށް ބުނެފަ އެވެ.