އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި އެމަގާމަށް ކުރިމަތިލައިފައިވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި)އަށް ތާއީދުކޮށް، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަންމަ އައިމިނަތު އީސާ އާއި ދައްތަ ފާތުމަތު ޝެހެނާޒް އެމްޑީޕީއަށް ސޮއި ކޮށްފިއެވެ.
ރިލްވާންގެ ދައްތަ ޝެހެނާޒް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އިމްތިޔާޒަށް ވޯޓު ދިނުމަށް ބޭންވާތީ އެމްޑީޕީއަށް ސޮއިކޮށްފައިވާކަމަށެވެ.
"އިމްތިޔާޒަށް ހިތާރޫހުން ވޯޓުދިނުމަށް އަޅުގަނޑުމެން ބޭނުއްވާތީ، އަޅުގަނޑުމެން އަމިއްލައަށް އެދުމުން، ކޯލަށް އިޖާބަ ދެއްވައި، މިގެއަށް ވަޑައިގެންދެއްވީތީ ޝުކުރިއްޔާ." ޝުހެނާޒްގެ ޓްވީޓްގައިވެއެވެ.
މިކަމާ ގުޅިގެން އިންތި ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ރިލްވާންގެ މަންމައާއި ދައްތަ އަމިއްލައަށް ގުޅުއްވައި، ވޯޓު ދިނުމަށް ބޭނުންފުޅުގައިކަމަށް ވިދާޅުވެ އަމިއްލައަށް އެދިވަޑައިގެން އެމްޑީޕީ އަށް ސޮއިކުރައްވައި ތާއީދުދެއްވިކަމީ ވަރަށް ފުން އަސަރެއް ކުރުވި ކަމެއް ކަމަށެވެ.
ރިޟުވާނުގެ ލޮބުވެތި މަންމައާއި ދައްތަ އަމިއްލައަށް ގުޅުއްވައި، ސީދާ އަޅުގަނޑަށް ވޯޓު ދެއްވުމުގެ ބޭނުންފުޅުގައިކަމަށް ވިދާޅުވެ އަމިއްލައަށް އެދިވަޑައިގެން އެމްޑީޕީ އަށް ސޮއިކުރައްވައި ތާޢީދުދެއްވިކަމީ އަޅުގަނޑަށް ވަރަށް ފުން އަސަރެއްކުރުވިކަމެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ 🙏💛 https://t.co/c4vli4DuR3
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) February 19, 2022
"އިންތި އާ އެކު" މިނަމުގައި އިމްތިޔާޒްގެ ކެމްޕޭން ކުރިއަށް ގެންދަމުން އަންނައިރު، އިމްތިޔާޒް މިހާރު އަންނަނީ ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންދަވަމުންނެވެ.
އިންތިގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްވެސް ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވައެވެ.
އެމްޑީޕީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 16 ވަނަ ދުވަހުއެވެ. އެ މަގާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ފެބްރުއަރީ 19 ވަނަ ދުވަހުގެ 16:00 އާހަމައަށް ހުޅުވާލާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.