Last Updated: November 26, 16:04
Tuesday, November 26, 2024
ރިޕޯޓް

ގައުކެޑި ޗެކްޕޯސްޓް ތެރޭގައި މަތި ނެތް ވަޅެއް!

ސ. ހަންކެޑެ އާއި ގައުކެޑި ގުޅޭ ބްރިޖާ ދިމާލުގައި ހަދާފައިވާ ޗެކް ޕޯސްޓް ތެރޭގައި ހުރި ވަޅެއްގެ މަތިން ނަގާފައި ހުރުމުން އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

އެ ޗެކް ޕޯސްޓަކީ އެ ސަރަހައްދުގެ ހަރަކާތްތައް ފުލުހުންނަށް ފަސޭހަ އިން ބެލޭނެ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި 2010 ވަނަ އަހަރު، ހިތަދޫ އޮފީހުން ފުލުހުންނަށް ހަދައި ދިން ތަނެކެވެ.

އެހެން ނަމަވެސް ކަރަންޓް ނެތިގެން ފުލުހުންނަށް އެ ޗެކް ޕޯސްޓް އެކަށީގެންވާ ގޮތަށް ބޭނުން ނުކުރެވިގެން އުޅެނިކޮށް، ބަޔަކު ވަނީ އެތަނުގެ ބިއްލޫރި ތަޅާލައި، ދޮރުތައް ހަލާލުކޮށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އަދި އެތަނުގައި ހަދާފައި ހުރި ފާހާނާ އަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފަ އެވެ.

އެހެންވެ އެއީ މިހާރު އެއްވެސް ބޭނުމެއް ނުހިފޭ ގޮތަށް ހުރި ތަނެކެވެ.

ނަމަވެސް ލިންކް ރޯޑްގައި ދުއްވާފައި ދަނިކޮށް ވާރޭ ވެހެން ފަށައިފި ނަމަ، ބައެއް މީހުން ދުވާލާއި ރޭގަނޑު ވެސް ޗެކް ޕޯސްތް ތެރެއަށް ހިޔާވާން ވަދެ އެވެ.

"އެކަމަކު މިހާރު އެތަނުގެ އެތެރޭގައި އެބަހުރި މަތި ނަގާފައި ހުރި ވަޅެއް. ރޭގަނޑު މީހަކު ގޮސް ހިޔާވާން އެތަނުގެ ތެރެ އަށް ވަދެގެން އުޅެނިކޮށް، އެ ވަޅަށް ވެއްޓި ފުރާނަ އަށް ވެސް ގެއްލުން ވެދާނެ،" ވަޅުގައި މަތިގަނޑެއް ނެތުމުން ކަންބޮޑުވުން ފާޅު ކުރި މީހަކު ބުންޏެވެ. "އަނެއްކާ ރޭގަނޑު ނުލާހިކު އަނދިރިކޮށް އެތަން އޮންނަނީ."

އެހެން މީހަކު ވެސް ބުނީ ރޭގަނޑު އެ ސަރަހައްދުން ދުއްވާފައި ދަނިކޮށް ވިއްސާރައިން ސަލާމަތްވާން ޗެކް ޕޯސްޓަށް ވަދެއްޖެ ނަމަ، އެތަނުގެ ހާލަތު މިހާރު އޮތް ގޮތުން ނުކުރައްކާތެރި ހާދިސާއެއް ހިނގުން އެކަށީގެންވާ ކަމަށެވެ.gau2

"އަލަށް ވަންނަ މީހަކަށް ނޭނގޭނެ ދޯ އެތަނުގައި މި ކަހަލަ ވަޅެއް ހުރި ކަމެއް؟ ވަދެގެން އުޅެނިކޮށް އެ ވަަޅަށް މީހަކަށް އަނިޔާއެއްވުމުގެ ކުރިން އެބަ ޖެހޭ އެކަން ހައްލު ކުރަން،" ގަން އެއާޕޯޓްގައި މަސައްކަތް ކުރާ ހިތދޫ މީހަކު ބުންޏެވެ. "އެހެންވެ ކައުންސިލުން ވެސް އެބަ ޖެހޭ މިކަން ބަލައި، ފިޔަވަޅެއް އަޅަން."

އޭނާ އިތުރަށް ބުނީ ޗެކްޕޯސްްޓް ހުރި ސަރަހައްދަކީ ވަރަށް ގިނަ ބަޔަކު އާންމުކޮށް ދަތުރު ވެސް ގޮސް އުޅޭ ދިމާއަކަށްވުމުން ކުޑަކުދިންތަކެއް އެތަނުގެ ތެރެއަށް ވަދެ އުޅޭ ކަމަށެވެ.

އެހެންވެ މި ވަޅާ މެދު ހާއްސަ ސަމާލު ކަމެއް މިހާރުން މިހާރަށް ވެސް ދޭން ޖެހޭ ކަމަށް އޭނާ ބުންޏެވެ.