ޒުވާނުންނަށް އަމާޒުކޮށްގެން "އަ ވީކެންޑް ވިތު އެމްއެންޑީއެފް" ގެ ނަމުގައި ހިންގާ ދެވަނަ ޕްރޮގްރާމް އެމްއެންޑީއެފް ސަދަން އޭރިއާ ސ.ގަމުގައި މިއަދު ފަށައިފި އެވެ.
މިއަދުން ފެށިގެން ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފަ އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އައްޑޫ ހައި ސްކޫލުން 51 ދަރިވަރުން ބައިވެރިވެފައިވާ އިރު ހުޅުމީދޫން 15 ފަރާތަކާއި އައްޑޫ ސިޓީ ކައުންސިލުން ހަ ފަރާތެއް ބައިވެރިވެފަ އެވެ.
"އަ ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ ރިވެތި އުޞޫލުތައް ދަސްކޮށް ދިނުމާއި ބައިވެރިންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ރޫޙް އަށަގެންނެވުމާއި ލީޑަޝިޕް ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު ހޯދައި ދިނުމެވެ.
އަދި ދިމާވާ ގޮންޖެހުންތަކަށް ކުރިމަތިލާ، ނަފްސަށް އިތުބާރު ކުރަން ދަސްކޮށް ދިނުމާއި ހަރުދަނާ ނަފްސެއް ބިނާ ކުރާނެ ގޮތްތަކާއި އެމްއެންޑީއެފް އާއިބެހޭ މަޢުލޫމާތު ބައިވެރިންނަށް ފޯރުވައި ދިނުމެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް ކުރިއަށް ގެންދެވޭ މުހިންމު ބައިތަކުގެ ތެރޭގައި، މޮޑަން ލީޑަޝިޕްގެ ކޮންސެޕްޓްތައް ދަސްކޮށް ދިނުމާއި، އަމިއްލަ ނަފްސުގައި ހުރި ރަނގަޅު ކަންތައްތަކާއި ނުރަނގަޅު ކަންތައްތައް ދެނެގަންނާނެ ގޮތް ދަސްކޮށްދި ނުމާއި، ޓީމް ބިލްޑިން ޙަރަކާތްތަކުގެ ތެރެއިން ޓީމެއްގެ ތެރޭގައި އެކުވެރިކަމާއި، ފޯރި އާއި ޖޯޝް ގެންނާނެ ގޮތްތައް ދަސްކޮށް ދިނުމާއި، އަދި ފަރުދީ ހައިސިއްޔަތުން ތިމާގެ ގައިގައި ހުންނަންޖެހޭ އަޚްލާޤީ މިންގަނޑުތަކާއި، ސުލޫކީ މިންގަނޑުތައް ދަސްކޮށް ދިނުން ހިމެނެ އެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ރިޔާސީ ދައުރުގެ ފުރަތަމަ 100 ދުވަހު އެމްއެންޑީއެފުން ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.