Last Updated: April 19, 17:48
Saturday, April 19, 2025
ޚަބަރު ޝަރުއީ ދާއިރާ

ހައިކޯޓުގެ އަމުރެއް ސަސްޕެންޑްކޮށް، ހިތަދޫ ކޯޓުން މީހަކު ދޫކޮށްލައިފި

ހިތަދޫ މެޖިސްޓްރޭޓު ކޯޓު: ފޮޓޯ: އައްޑޫލައިވް

ހައިކޯޓުން ކޮށްފައިވާ އަމުރެއް ސަސްޕެންޑްކުރުމަށްފަހު ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ބޭސްފަރުވާއަށް ދޫކުރުމަށް އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބޭސްފަރުވާ އަށް ދޫކޮށްލުމަށް އަމުރުކޮށްފައި ވަނީ، 2020 ވަނަ އަހަރު ރާއް ޖެއަށް 80 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ދައުވާ ކޮށްފައިވާ ހިތަދޫ މަންދޫބުގޭ ރުޝާން އަހުމަދުދީދީ އެވެ. އޭނަ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި ވަނީ ހައިކޯޓުންނެވެ.

ބަންދު މުރާޖައާކޮށް ނިންމި ގޮތުގައި ރުޝާންގެ ބަލިހާލަތާއި ގުޅޭގޮތުން ބުނެފައިވަނީ، ޑިސެމްބަރު 16، 2020 އިން ފެށިގެން ބޮލަށް އެނބުރުން އަރައި ގޮޅިތެރެއަށް ވެއްޓުމާއި 2020 އޮކްޓޯބަރު މަހުން ފެށިގެން އަތްތިލަ އައްސިވުމާއި ގައިގެ އެއްފަޅި އައްސިވަމުން ދިއުމުގެ ޝަކުވާ ކޮށްފައިވާކަން އެނގެން އޮންނަ ކަމަށާއި ޑިސެމްބަރު 2021 ގައި ހެދި ޓެސްޓުން އޭނަގެ ކަންފަތުގެ އަޑުއިވުމަށް ގެއްލުންވެފައިވާކަން އެނގޭކަމަށެވެ. އަދި ރުޝާންގެ އެމްއާރްއައި ސެޕްޓެމްބަރު 11، 2021 ގައި ހެދުމަށް ފަހު އިރުޝާދުދިން ގޮތަށް އީއެންޓީ ޑޮކްޓަރަށް ނުދައްކާ ހުރުމަށް ފަހު ނޮވެމްބަރު 2، 2021 ގައި އީއެންޓީ ޑޮކްޓަރަށް ދައްކާފައިވާކަމަށެވެ. ބޭސްފަރުވާގެ މިކަންކަމަށްވެސް ގާތްގަނޑަކަށް އެއް އަހަރު ހޭދަވެފައިވާތީ އެކަން ފާހަގަކޮށްފައިވެ އެވެ.

"އޭނާ ބަންދުކޮށްފައި ހުންނައިރު ބައްޔެއްވުމުން އެބަލީގެ ސަބަބާއި ފަރުވާ، ކަމާގުޅޭ ޑޮކްޓަރެއްގެ ފަރާތުން އޭނާއަށް ދެނެގަތުމަށް 1 އަހަރު ހޭދަވުމަކީ އިހުމާލެކެވެ." ޝަރީއަތަށް ފާހަގަކުރެވޭ ކަންކަމުގެ ތެރޭގައި މިއަމުރު ނެރުއްވި މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު ލިޔުއްވާފައިވެއެވެ.

ޝަރުތުތަކަކާއެކު ރުޝާން ބަންދުން ދޫކޮށްލާފައިވާއިރު އޭނާގެ މައްޗަށް ކޮށްފައިވާ ޝަރުތުތަކަކީ ބަންދުން ދޫކޮށްލާފައި ހުންނައިރު އިތުރު ކުށެއް ނުކުރުމަށާއި، ޝަރިއަތުގެ މަރުހަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ކޯޓަށް ހާޒިރުވުމާއި، މައްސަލައިގައި ހެކިބަސްދިން އަދި ދޭންތިބި އެއްވެސް ފަރާތަތަކާ ބައްދަލުނުކުރުމަށާއި، ފޯނުން ނުވަތަ އެނޫން ގޮތަކުން ނުވަތަ މީހަކު މެދުވެރިކޮށްވެސް ވާހަކަ ނުދެއްކުން ނުވަތަ މުއާމަލާތު ނުކުރުމާއި އަދި އެފަދަ ކަމަކަށް މަސައްކަތް ނުކުރުމުގެ އިތުރުން ރޭގަނޑު 00:00 އިން ފެށިގެން ހެނދުނު 06:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުމާއި ރާއްޖެއިން ބޭރަށް ނުދިއުމަށެވެ.

"މިޝަރުތުތަކަށް ދައުވާލިބޭ ފަރާތުން އެއްބަސްވާތީ، ދައުވާލިބޭ ހިތަދޫ މަންދޫބުގެ ރުޝާން އަހްމަދުދީދީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 2020/HC-A/216 ގަޒިއްޔާއިން ނިންމާފައިވާ ނިންމުން، މިއަދުން ފެށިގެން 90 (ނުވަދިހަ) ދުވަހަށް ސަސްޕެންޑްކޮށް، މިމުއްދަތަށް ބޭއްފަރުވާގެ ބޭނުމަށް އޭނާ ދޫކޮށްފައި ބެހެއްޓުމަށް އަންގާ އަމުރުކޮށްފީމެވެ." އަމުރުގައިވެއެވެ.

މި އަމުރާ ގުޅިގެން ޕީޖީ ހުސައިން ޝަމީމްވެސް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. އެގޮތުން ހައިކޯޓުގެ ޙުކުމެއް ދިރި އޮއްވާ، އެހުކުމް ސަސްޕެންޑުކުރުމަކީ ދަށުކޯޓަކުން މެޖިސްޓްރޭޓަކު ކުރާ ކަހަލަ ކަންކަމެއްނޫން ކަމަށް ޝަމީމް ވިދާޅުވެފައި ވެއެވެ. އަދި މިގޮތަށް ނިންމާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ޖޭއެސްސީގައި ޝަކުވާ ވެސް ކުރާނެ ކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.