Last Updated: October 19, 18:10
Saturday, October 19, 2024
ޚަބަރު

ދިވެހި ބަސް ކިޔަވައި ދިނުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހޭ: ޔުމްނާ

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން

ދިވެހި ބަސް ކިޔަވައި ދިނުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހޭ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ޔުމްނާ ދެއްވި މެސެޖުގައި ވިދާޅުވީ ދިވެހި ބަހަކީ ކުޑަކުދިންނާއި ޒުވާނުން ޝައުޤުވެރިވާ، ޒަމާނީ ޓެކްނޮލޮޖީ އާ ރައްޓެހި ބަހަކަށް ހަދަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ކުޑައިރުއްސުރެ ދަރީންނާ ދިވެހި ބަހުން ވާހަކަދައްކަން މައިންބަފައިން ސަމާލުކަން ދިނުމާއި އެކި އުމުރުފުރާގެ ކުދީން ކިޔާނެ ފޮތްތައް ތައްޔާރުކުރަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ޓީވީ ރޭޑިއޯ ޕްރޮގުރާމްތަކާއި ތަފާތު ކުޅިވަރުތައް ތައްޔާރު ކުރުމާއި އެޕްތައް ތައްޔާރު ކުރަންޖެހޭ ކަމަށާއި އަދި ދިވެހިބަސް ކިޔަވައި ދިނުމުގެ ވައްޓަފާޅި ބަދަލުކުރަންޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ކުދިން ޝައުޤުވެރިވާ ފަދަ ގޮތަކަށް ދިވެހި ބަސް ކިޔަވައިދޭން ޖެހޭ ކަމަށް ޔުމްނާ ވިދާޅުވި އެވެ.

"ކޮންމެ ބަހުރުވައެއްގައި ވެސް އެ ބަހުރުވައަކަށް ޚާއްޞަ ރާގަކާއި، އެ ބަހުރުވައަކުން މުޢާމަލާތުކުރާ ވަކި ގޮތްތަކަކާއި އެ ބަހުރުވައަކުން ވިސްނާ ވައްޓަފާޅިއެއް އެކުލެވިގެންވޭ. ދިވެހި ބަހަކީވެސް ބަހުރުވަތަކުން މުއްސަނދި ބަހެއް ނަމަވެސް، ތަޢުލީމު ދިނުމުގައްޔާއި އާންމު ދިރިއުޅުމުގައި އެ ބަހުރުވަތައް ބޭނުންކުރެވޭ މިންވަރު މަދުވުމުގެ ސަބަބުން މިއަދު ބައެއް ބަހުރުވަތަކުން ވާހަކަ ދައްކަން އެނގޭ މީހުން މަދުކަމީ، ނުވަތަ ބައެއް ބަހުރުވަތަކުން ވާހަކަ ދައްކަން އެނގޭ މީހުން ނެތްކަމީ ހިތާމައާއި އެކު ފާހަގަކުރަން ޖެހޭ ކަމެއް" މިނިސްޓަރު ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ ބަހެއް ދަސްކުރުން ނުވަތަ ބަހެއް ހަނދާން ނެތުމަކީ ހަމައެކަނި މުޢާމަލާތުކުރުމުގެ ވަޞީލަތެއް ގެއްލުމެއް ނޫން ކަމަށާއި ބަހަކީ އިންސާނާގެ ވިސްނުމާއި އަމިއްލަވަންތަކަން ބައްޓަންކުރާ އެއްޗެއް ކަމަށެވެ. އަދި އެއީ އެ އިންސާނާ އާއި އޭނާގެ މުޖުތަމަޢުގެ ތާރީޚާއި ސަގާފަތާއި އާދަކާދައާ ގުޅިލާމެހިފައިވާ އެއްޗެއް ކަމަށްވެސް ޔުމްނާ ވިދާޅުވި އެވެ.

ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސް މިއަދު ފާހަގަކުރާއިރު، މި ދުވަހުގެ ޝިޢާރަކީ "ގިނަ ބައްސަ އުނގެނުމުގައި ފަންނިއްޔާތު ބޭނުންކުރުން: ގޮންޖެހުންތަކާއި ފުރުސަތުތައް" މި އެވެ.