Last Updated: January 27, 19:27
Monday, January 27, 2025
ޚަބަރު

ހަލާކުވާ މުދަލުން ޑިއުޓީ ފަސްކޮށްދެވޭނެ ހާލަތްތަކެއް

ރާއްޖެ އަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން އަވަހަށް ހަލާކުވާ ޒާތުގެ ތަކެތީގެ ޑިއުޓީ ފަސްކޮށްދެވޭނެ ހާލަތްތަކެއް ކަސްޓަމްސް އިން އާންމުކޮށްފި އެވެ.

އެތަނުން ނެރުނު ބަޔާނެއްގައި ބުނީ އެތެރެކުރެވޭ މުދަލުގެ ތެރެއިން އަވަހަށް ހަލާކުވާ ޒާތުގެ ތަރުކާރީ، މޭވާ، ފިނިކުރިމަސް އަދި ޗީޒް ފަދަ އެއްޗެހީ ޑިކްލަރޭޝަން ހުށަހެޅުމަށް ފަހު އެ ތަކެތީގެ ޑިއުޓީ ފަސްކޮށްދީ، މުދާ ދޫކުރެވޭނީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 115 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ.

އެގޮތުން އޭގެ ދަށުން އަމަލުކުރެވޭނެ ހަ ހާލަތެއް ބަޔާންކޮށްފައިވެ އެވެ.

1. ކަރަންޓް ނުވަތަ ނެޓްވޯކް މައްސަލައެއް ދިމާވެގެން ނުވަތަ އެ ނޫނަސް ކަސްޓަމްސްގެ ސިސްޓަމްތަކަށް މައްސަލައެއް ދިމާވެގެން ޑިކްލަރޭޝަން ނުނިންމޭ ހާލަތެއް މެދުވެރިވުން

2. ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން އެފަދަ މުދަލަށް ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލުކުރެވިގެން މުދަލުގެ ވެރިފަރާތުން އެކަން ކަސްޓަމްސްއަށް ހުށަހަޅާ ހާލަތްތަކުގައި ކަސްޓަމްސްއިން އެކަމެއް ބެލުމަށް ފަހު ޑިއުޓީ ދެއްކުން ފަސްކޮށް އެ މުދާ ދޫކުރަން ނިންމުން؛

ހާލަތުގައި މުދާ ދޫކުރެވޭނީ ކަސްޓަމްސްގައި ޕްރީޕޭމަންޓް އެކައުންޓް ހުޅުވާފައިވާ އަދި އެކައުންޓުގައި ފައިސާ ހުރި ފަރާތްތަކާއި ޓޫރިސްޓް ރިސޯޓުތަކަށް

3. ދެވަނަ ނަންބަރުގައި ނުހިމެނޭ ފަރާތްތަކުގެ މުދާ މި އުސޫލުން ދޫކުރެވޭނީ، މުދަލަށް ދައްކަން ޖެހޭ ޑިއުޓީ އާއި އެހެނިހެން ފައިސާ ދެއްކުމަށް އެފަރާތުން އައްޔަންކުރާ ކަސްޓަމްސް ބްރޯކަރު، އެ މުދަލަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް އެއްބަސްވާ ނަމަ

4. ޑިއުޓީ ދެއްކުން ފަސްކޮށް ދޫކުރެވުނު މުދަލަށް، އެ މުދަލެއްގެ ޑިކްލަރޭޝަން ނިމޭތާ 48 ގަޑިއިރު (ދެ ދުވަސް) ގެ ތެރޭގައި ޑިއުޓީ އާއި އެހެނިހެން ފައިސާ ކަސްޓަމްސްއަށް ދައްކައި ނިންމަންވާނެ

5. ހަތަރު ވަނަ ނަންބަރުގައިވާ މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކަށް، ޑިއުޓީ ދެއްކުން ފަސްކޮށް އިތުރު މުދަލެއް ދޫކުރެވޭނީ ކުރިން ދޫކުރި މުދަލަށް އެފަރާތުން ދައްކަންޖެހޭ ފައިސާ ދައްކައި ނިމުމުން

6. ހަތަރު ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޑިއުޓީ އާއި އެހެނިހެން ފައިސާ ދައްކާފައި ނުވާ ނަމަ، އެ ފަރާތްތަކަށް ކަސްޓަމްސްއިން ދެމުންދާ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލެވޭނެ

އެހެންވެ މި ހާލަތްތަކަށް ރިއާޔަތްކޮށް، ޑިއުޓީ ފަސްކޮށް، ދޫކުރެވޭނީ ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް އެކަނި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.