Last Updated: December 26, 21:05
Thursday, December 26, 2024
ޚަބަރު

"ކަރަންޓް ކެނޑޭ މައްސަލައަށް ބޮޑު ހައްލެއް ގެނެވިއްޖެ"

ހަސަން މުގުނީ-- ފޮޓޯ: ސްޓެލްކޯ

މާލެ ސަރަހައްދުގެ ކަރަންޓް ކެނޑުމުގެ މައްސަލައަށް މިހާރު ބޮޑު ހައްލެއް ގެނެވިފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މުގުނީ ވިދާޅުވީ، 2013 އާ 2018 އާ ދެމެދު ކަރަންޓް ކެނޑުނު ނިސްބަތަށް ބަލާއިރު ކަރަންޓް ކެނޑޭ ނިސްބަތް 70 ޕަސެންޓް ދަށްކުރެވިފައިވާކަމަށެވެ.

"އޭގެ މާނައަކީ އަޅުގަނޑުމެންނަށް ބޮޑު ކުރިއެރުމެއް އެބޯތޭ ގެނެވިފަ." މުގުނީ ވިދާޅުވިއެވެ.

މުގުނީ ވިދާޅުވީ ކަރަންޓް ކެނޑުމުގެ މައްސަލައަށް ހައްލު ގެނެވެނީ ހަމައެކަނި ކެޕޭސިޓި އިތުރުކޮށްގެން ނޫންކަމަށާއި، އޭގެއިތުރުންވެސް ވަރަށް ބައިވަރު އިތުރު ކަންކަން ކުރަންޖެހޭ ކަމަށާއި، މުޅި މާލޭގެ ގްރިޑަކީ ވަރަށް ދުވަސް ވެފައިވާ ގްރިޑެއް ކަމަށެވެ. އަދި އޭގެ އިތުރުންވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން މުގުނީ ފާހަގަ ކުރެއްވިއެވެ.

ކަރަންޓްގެ މައްސަލަ މިއަށްވުރެއް އިތުރަށް ރަނގަޅު ކުރުމުގެ ޕްލޭނެއް ސްޓެލްކޯގެ އެބައޮތްކަން ފާހަގަކޮށް މުގުނީ ވިދާޅުވީ އެ ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށެވެ.

"އަޅުގަނޑު ކުންފުންޏާ ހަވާލުވެފަ މި ބަލަނީ ޓެކްނޮލޮޖީގެ އަލީގަ އަޅުގަނޑުމެންގެ މި ހިދުމަތް އާންމު ރައްޔިތުންނަށް ކުރިއަށްވުރެއް ފުރިހަމަކޮށް ދެވޭނެ ގޮތްގޮތް." މުގުނީ ވިދާޅުވިއެވެ.

މީގެ އިތުރުން މުގުނީ ވިދާޅުވީ ސްޓެލްކޯގެ އަމާޒަކީ މާލެއާއި އެއް ފެންވަރެއްގައި އަތޮޅުތެރެއަށް ވެސް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ.