އައްޑޫ ސިޓީ އަށް ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ކަންކަން ވެފައި ވަނީ ރައީސް ނަޝީދުގެ ސަރުކާރުގަ އެވެ.
މިއީ އެއްވެސް މީހަކަށް ދެބަސްވެވޭނެ ކަމެއް ނޫނެވެ. އައްޑޫ ސިޓީ ކައުންސިލުން ކޮށްފައި ހުރި ކަންތައްތަކަށް "ތަޢުރީފު" ކޮށް ނުލިޔާތީ ވަރަށް ގިނަ މީހުން ހިތްހަމަ ނުޖެހޭކަން ވެސް އެނގެ އެވެ. އަދި ކޮންވެންޝަން ސެންޓަރާއި ހިތަދޫ ބޮޑުމަގު ފަދަ ބޮޑު މަސައްކަތް ތަކަކީ ކައުންސިލް ގެ "އެޗީވްމެންޓްސް" ނޫންހޭ ވަރަށް ގިނަ މީހުން ބުނެ ވާހަކަ އެބަ ދައްކައެވެ.
17 ވަނަ ސާކް ސަމިޓަށް އައްޑޫ ސިޓީގައި ހެދި ކޮންވެންޝަން ސެންޓަރަކީ މުޅި އޭޝިއާ ސަރަހައްދުންވެސް ފާހަގަ ކޮށްލެވޭ ފަދަ ހިތްގައިމު އިމާރާތެކެވެ. ރޭގަނޑުގެ ހަމަހިމޭން މާހައުލުގައި އީސީސީގެ އިމާރާތުގެ ދިއްލުންތައް ހަނދުވަރު މޫސުމުގައި ކުޅީގެ ތެރެއިން ބަލާލުމަކީ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މަންޒަރެކެވެ.
ހިތަދޫ މާމެންދޫގެ "ޗަކަ" ބިމެއްގައި މިފަދަ ބިޔަ އިމާރާތެއް ހިއްލާލުންވީ ފަންނީ ގޮތުން ބޮޑު ގޮންޖެހުން ޖެހުމަކަށެވެ. ފަންނީ ބައެއް މާހިރުން އެއީ ނުވާނެ ކަމެއް ކަމަށް ބުނިއެވެ. ހުދު އައްޑޫ ސިޓީ ކައުންސިލުން ވެސް އެ އިމާރާތާ ދޭތެރޭ އުންމީދު ކުޑަ ކުރި ދުވަސްތައް ދިޔައެވެ.
އެހުރިހާ ފަރާތްތަކާއި "ޗެލެންޖް" ކޮށް އެއީ ވާނޭ ކަމަށް ބުނި ހަމަ އެކަނި ފަރާތަކީ ރައީސް ނަޝީދެވެ. އީސީސީ އެ ގޮތަށް މިހާރު އައްޑޫ ރައްޔިތުންނަށް ފެންނަން ހުރުމުގެ އަސްލަކީ ރައީސް ނަޝީދުގެ ވިސްނުނެތެރިކަމާއި ރޭވުންތެރިކަމޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެމަނިކުފާނު އަބަދުވެސް ބުނަމުން އައީ ރަށު ބަންދުން ފިލުވާލުމަށާއި ގޭގެ ހަތަރު ފާރުން ބޭރަށް ވިސްނުން ގެންދިޔުމަށް މުހިންމު ބިނާ އަކަށް އީސީސީ ހަދާނެ ވާހަކައެވެ.
ދެން ހިތަދޫ ބޮޑު މަގުގެ ވާހަކަ ދައްކާމާ ހިނގާށެވެ. ހިތަދޫ ބޮޑު މަގަކީ ސިޓީ އެއް ގައި އޮންނަން ޖެހޭ ފެންވަރަށް އޮތް މަގެއްނޫނެވެ. އެ މަގު މިހާރު ހެދިފައި އޮތް ފެންވަރަށް ވެސް ހެދިފައި އޮތީ ރައީސް ނަޝީދުގެ ހީވާގި މަސައްކަތުންނެވެ. މަގު ނެހެދޭނެއޭ ބުނެ ބުނެ ތިއްބާ "އެއްރޭ އެއްދުވާލުން" މަގު ނިންމާލެވުނީ ސީދާ ރައީސް ނަޝީދު ގިނަ ވަގުތު އެތާ ހުރެގެންނެވެ. އަޅުގަަނޑު އަޑު އަހައިގެން ހުއްޓާ ކޮންމެވެސް މީހަކު ރައީސް ނަޝީދު ކައިރީ މަގާ ގުޅޭ ކޮންމެވެސް ކަމެއްގެ ވާހަކަ ސޯބެ ކައިރީ ބުނީމޭ ބުންޏެވެ. ރައީސް ނަޝީދް ގެ ޖަވާބަކީ "ސޯބެ ކައިރީ ބުނެގެން މިދުވަސްވަރު ނުވާނެ މިކަމެއް" މިހެންނެވެ.
ސިޓީ ސްކުއަރ ގެ މައިގަނޑު މަސައްކަތް ނިމި ދިދަ ދަނޑި ހަރުކުރި ރޭ ވެސް އަޅުގަނޑު އެތާ ހުރީމެވެ. ކަންކަމުގައި އަމަލީ ގޮތުން އެންމެ އިސްކޮށް އުޅުއްވީ ރައީސް ނަޝީދެވެ. އަނބިކަނބަލުން ލައިލާ އަލީ އާއި އެކު އެ ސަރަހައްދު ސާފު ކުރަން އުޅެނިކޮށް އަޅުގަނޑު ދުށީމެވެ. އަދި އޭގެ ފަހުންވެސް ސާރކް ސަމިޓާއި ގުޅޭ ވަރަށް ގިނަ އަމަލީ މަސައްކަތްތަކުގައި ރައީސް ނަޝީދު އުޅުއްވި މަންޒަރު ގިނަ ބަޔަކަށް ވާނީ ފެނިފައިއެވެ.
ކޮންމެ ގޮތެއް ވިޔަސް ސާރކް ސަމިޓާއި ގުޅުވައިގެން އައްޑޫ ސިޓީ އަށް ކުރެވިފައި ހުރި ކަންތައްތައް އެއީ ސީދާ މައި ސަރުކާރުން ކުރި ކަންތަކެވެ. ހަމަ ޔަޤީނުން ވެސް އެނގޭ އެއްޗަކީ އަތޮޅުވެރިއަކަށް ހާމިދު ޔޫސުފް އޭރު ހުންނެވި ނަމަވެސް ރައީސް ނަޝީދު އެކަންތައްތައް އެދުވަސް ވަރު ކުރުވާނެ ކަމެވެ.
އެދުވަސް ވަރު އައްޑޫއަށް ކުރެވުނު ކަމެއް ފިޔަވައި އިތުރުކަމެއް ކުރެވިފަ ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އަދި އޭރު ކުރެވިފައި ހުރި ކަންތައްތަކަށް ސިޓީކައުންސިލް އިން "ކްރެޑިޓް" ނެގުމަކީ ރައީސް މައުމޫން ގެ ވެރިކަމުގައި ހެދި ލިންކް ރޯޑަށް ބޮޑު ކަތީބު ހަސަން ލަތީފް "ކްރެޑިޓް" ނެގުން ކަހަލަ ކަމެކެވެ.
އައްޑޫސޓީ ތަރައްޤީ ކުރަން ބޭނުންނަމަ އެކަން ކުރެވޭނީ ކައުންސިލަރުން ރައީސް ނަޝީދު ކުރެއްވިހެން މަސައްކަތް ކޮށްގެނެވެ. ހިތަދޫ ބޮޑު މަގުގެ އެއްކޮޅުން އަނެއްކޮޅަށް ފައިމަގުގައި ދަތުރުކޮށްގެންނެވެ. އިލޮށިފައްޗެއް ހިފައިގެން ތަންތަން ސާފު ކޮށްގެންނެވެ. ފިނި ކުރި ކޮޓަރި ތަށް ދޫކޮށް ރައްޔިތުން ކައިރިޔަށް ބޭރަށް ނިކުމެގެންނެވެ. ހެނދުނު ހަތްގަޑި ބައިގައި ހޭލައިގެންނެވެ.