ބައެއް އަންހެން ކުދިން ލިޕް ގްލޮސް ބޭނުން ކުރަނީ ތުންފަތް ރީތިކޮށް ބެހެއްޓުމަށް ކަމަށް ބުނާ އިރު އަނެއް ބައި ކުދިން ބުނަނީ އެ ބޭނުން ކުރަނީ މޭކަޕް ފުރިހަމަ ކޮށްލުމަށް ޓަކައި ކަމަށެވެ.
ތުންފަތުން ހަންފޮޅުން ނުވަތަ ތުންފަތް ހިކުމުން ސަލާމަތް ވުމަށް ބައެއް ކުދިން ލިޕް ގްލޮސް ބޭނުން ކުރާ އިރު އަނެއް ބައި ކުދިން ބޭނުން ކުރަނީ ރީއްޗަކަށެވެ.
ލިޕް ގްލޮސް ބޭނުން ކުރުމުގައި އަންހެން ކުދިން ގެންގުޅޭ އުސޫލު ތަފާތުވި ނަމަވެސް ލިޕް ގްލޮސް އިން ވަރަށް މުހިއްމު ފައިދާއެއް ލިބެ އެވެ.
އެއީ އިރުގެ އަލިން ތުންފަތް ރައްކާތެރިކޮށް ދިނުމެވެ. ދާދި ފަހުން އެނގިފައިވާ ގޮތުގައި ލިޕް ގްލޮސް އުނގުޅާފައި ހުންނަ އިރު ތުންފަތަށް އިރުގެ އަލި ދަތުރެއް ނުކުރެ އެވެ.
ހާއްސަ ގޮތެއްގައި ލިޕް ގްލޮސް ބޭނުން ކުރަނީ އަންހެން ކުދިން ކަމަށް ވިއަސް ތަފާތު ހަފްލާތަކުގައި ފިރިހެން ކުދިން ވެސް ލިޕް ގްލޮސް ބޭނުން ކުރެ އެވެ.
ނަމަވެސް މިއީ އަންހެން ކުދިން އެކަނި ބޭނުން ކުރުމަށް ހާއްސަ އެއްޗެއް ނޫނެވެ. ތުންފަތުން ހަންފޮޅުމުން ސަލާމަތް ކުރުމާއި ތުންފަތަށް ލިބޭ ގެއްލުންތަކުން ސަލާމަތް ވުމަށް ފިރިހެން ކުދިންނަށް ލިޕް ގްލޮސް ބޭނުން ކުރެވި ދާނެ އެވެ.
ލިޕްސްޓިކް ބޭނުން ކުރުމަށް ފަހު ގިނަ މީހުން ލިޕް ގްލޮސް ބޭނުން ކުރަނީ ލިޕްސްޓިކް ކުލަ ރީތިކޮށް ގިނަ އިރު ބެހެއްޓުމަށެވެ. ލިޕްސްޓިކް ޖެއްސުމަށް ފަހު ލިޕް ގްލޮސް ބޭނުން ކުރުމަށް ލިޕްސްޓިކްގެ ކުލަ ރީތި ކަމަށް ވެސް ދައްކަ އެވެ.
ތުންފަތް ހަންފޮޅެން ދިމާވަނީ އިރުގެ އަލިން ކަމަށް ބައެއް ފަހަރު ހީވިއަސް ތުންފަތް ފޮޅުމުގައި ފެން ނުލިބުމާއި ނުގުޅޭ އެއްޗެއް ބޭނުން ކުރުން ވެސް ހިމެނެ އެވެ. މިކަމުން ސަލާމަތް ވުމަށް ލިޕް ގްލޮސް ބޭނުން ކުރުމާ އެކު ގިނައިން ފެން ބުއިމަށް ހާއްސަ ސަމާލު ކަމެއް ދޭށެވެ.