ކާމިޔާބު ގިނަ ފިލްމަތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާ ވެސް އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ވާދަ ކުރަން ނިންމައިފި އެވެ.
"ކަލާޔާ ނުލާ"، "ޔޫސުފް"، "ޒުލޭހާ" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ނަހުލާ ވާދަ ކުރަނީ މައްޗަންގޮޅި އުތުރު ދާއިރާ ގޮނޑިއަަށެވެ. އޭނާ ވާދަ ކުރަނީ ޕީޕީއެމްގެ ޓިކެޓްގެ އެވެ.
ފިލްމް ޑައިރެކްޓް ކުރުމުގެ އިތުރުން "މިހަށިން ފުރާނަ ދަންދެން"، "ހެޔޮ ނުވާނެ" އަދި "ވީރާނާ" ފަދަ ފިލްމްތައް ޕްރޮޑިއުސް ވެސް ކޮށްފައިވާ ނަހުލާ ވާދަ ކުރާ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރަނީ މާރިޔާ އަހުމަދުދީދީ އެވެ.
މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްެއެފްއޭ) ނައިބް ޗެއާއަކަށް ވެސް ހުރި ނަހުލާ ބުނީ މާރިއާ އާ ވާދަކޮށްގެން މައްޗަންގޮޅި އުތުރު ދާއިރާ ގޮނޑި ކާމިޔާބު ވެސް ކުރާނެ ކަމަށެވެ. އޭނާ ވަނީ މިހާރު ވެސް ކެމްޕޭން ފަށައިފަ އެވެ.
ނަހުލާއަކީ ވާހަކަ ލިޔެގެން އެންމެ ފުރަތަމަ އާންމުންގެ ތެރޭގައި މަޝްހޫރުވި ފަންނާނެކެވެ. އޭނާގެ ބައެއް ވާހަކަތަކުގެ ތެރޭގައި "މަންޖެ"، "ރަތްވިލާ"، "ސާހިބާ"، "ވަފާ" އަދި "އަސަރު" ހިމެނެ އެވެ.
އެހެން ނަމަވެސް ފަހުން އޭނާ އެންމެ ބޮަޑަށް މަޝްހޫރުވެގެން ދިޔައީ ބެލުންތެރިން ރޮއްވާލާ ފަދަ އަސަރު ގަދަ ފިލްމުތައް ގެނެސްދޭ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.
ފިލްމީ މަސައްކަތްތައް ފެށުމަށް ފަހު ވާހަކަ ލިއުން ހުއްޓާލާފައި އޮންނަތާ ގިނަ ދުވަސްތަަަކަށް ފަހު ނަހުލާ މިހާރު ގެންދަނީ ސަން އޮންލައިނަށް ވާހަކަ ލިޔަމުންވެ.
އޭނާ މިހާރު ލިޔަމުން އަންނަ ވާހަކައަކީ "ޖަޒުބާތުގައި" އެވެ.
ނަހުލާ އެންމެ ފަހުން ގެނެސް ދިން ޑްރާމާއަކީ "ތި ލޯތްބަށް އަދިވެސް ގަދަރު ކުރަން" އެވެ.