ސްޓެލްކޯގެ މިސްރާބު ދެންބަހައްޓަންވީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ހިދުމަތްދޭ ކުންފުންޏަށް ވުމަށް ކަމަށް އެންވާރަމެންޓް މިނިސްޓަރު އައިމިނަތް ޝައުނާ ވިދާޅުވެއްޖެއެވެ.
ޝައުނާ ވިދާޅުވީ ސްޓެލްކޯއަކީ ރާއްޖޭގައި އޮތް އެންމެ ދުވަސްވީ ޓެކްނިކަލީ އެންމެ ގާބިލު ކުންފުނިކަމަށް ގަބޫލުކުރާ ކަމަށެވެ. ރާއްޖެ އެތައްގޮތަކަށް ކުރިއަރަމުން އަންނަކަން ފާހަގަކޮށް ޝައުނާ ވިދާޅުވީ ދުނިޔޭގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޓެކްނޮލޮޖީވެސް ބަދަލުވަމުން އަންނަކަމަށެވެ.
ސަރުކާރާ ހަވާލުވިއިރު ކަރަންޓްގެ ހިދުމަތްދިނުމުގައި ބޮޑެތި ދަތިތަކެއް ހުރިކަމަށާއި، އެހެންނަމަވެސް މިއަދު ރަށްރަށުން ކަރަންޓް ކެނޑިގެން އިވޭއަޑުތައް މަދުވެފައިވާކަމަށް ޝައުނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ ސްޓެލްކޯ ދެން މިސްރާބު ޖަހަންވީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ހިދުމަތްދޭ ކުންފުންޏަށް ވުމަށްކަމަށެވެ.
"ސްޓެލްކޯ ދެންވާންވީ ރާއްޖޭގެ ރިނިއުއެބަލް އެނަރޖީގެ ހިދުމަތްދޭ ކުންފުންޏަށް. އަޅުގަނޑު ދެކޭގޮތުގައި އެކަން ކުރުމުގެ ގާބިލުކަންވެސް އެބަހުރި އަދި ނޮލެޖްވެސް އެބަހުރި." ޝައުނާ ވިދާޅުވިއެވެ.
ތެޔޮ އިމްޕޯޓް ކުރުމަށް ސަރުކާރުން އަހަރަކު ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ހޭދަކުރާކަން ފާހަގަކޮށް ޝައުނާ ވިދާޅުވީ ތެލަށްކުރާ ހަރަދު އިތުރުވާނަމަ، ތަރައްޤީގެ އެހެން ކަމަކަށް ބޭނުންކުރަންހުންނަ ފައިސާ ތެލަށް ހަރަދުކުރަން ޖެހޭނެ ކަމަށެވެ. އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ގަބޫލުކުރާ ކަމަށާއި، އެހެންނަމަވެސް އެކަންކަމުންވެސް އަރައިގަނެ އިއާދަކުރަނިވި ހަކަތައަށް މިސްރާބުހިފަން ޖެހޭކަމަށް ޝައުނާ ވިދާޅުވިއެވެ.