އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ ގާތިލް ޝާހް އާލަމް މިއާ (ސާލިމް) މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މަހުމޫދް މަރާލި މައްސަލައިގައި ސާލިމްގެ މައްޗަށް އުފުލާފައިވަނީ ޤަޞްދުގައި މީހަކު މެރުމުގެ ދައުވާ އާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާތަކަށް އޭނާ ވަނީ އިއުތިރާފްވެފަ އެވެ.
އެ ދައުވާތަކަށް ސާލިމް ވަނީ ކޯޓުގައި އިއުތިރާފްވެސް ވެފައެވެ. މި މައްސަލައިގައި ސާލިމް ކޯޓުގައި އިއުތިރާފްވުމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. މި މައްސަލައިގައި މަހުމޫދްގެ ވާރިސުން ކޯޓުގައި އެދިފައިވަނީ މަރަށް މަރު ހިފުމަށެވެ.
އެހެންކަމުން މިމައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ ސާލިމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި މަހުމޫދުގެ ހަށިގަނޑު އެކި ތަންތަނަށް އެކި މިންވަރުގެ 30 އަށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށެވެ. އޭގެތެރެއިން ވެސް މަހުމޫދުގެ ބޮލުން މައިގަނޑު ތިން އަނިޔާއެއް ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.
ސާލިމް މިކަން ކޮށްފައިވަނީ ފައިސާގެ ބޭނުމަށް ކަމަށާއި މި ކުށުގެ އިތުރުން އެ ރަށުގައި ހިނގި ވައްކަމެއްގައި ވެސް އޭނާގެ ބައިވެރިވުން އޮތްކަން މިހާރު ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މަހްމޫދު މަރާލި އިރު އޭނާ އަތުގައި ހުރި ކަމަށް ބެލެވޭ ދިހަ ވަރަކަށް ހާސް ރުފިޔާ ސާލިމް އުޅުނު ގޭތެރެއިން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.