އައްޑޫގެ ޒުވާނުންނަށް އަމާޒުކޮށްގެން "އަ ވީކެންޑް ވިތު އެމްއެންޑީއެފް" ގެ ނަމުގައި ހިންގި ދެވަނަ ޕްރޮގްރާމް މިއަދު ނިންމާލައިފި އެވެ.
އެ ޕްރޮގްރާމް ނިންމަން އެމްއެންޑީއެފް ސަދަން އޭރިއާ ހެޑް ކްއާޓަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް ތަށްޓާއި ސެޓްފިކެޓް ހަވާލުކޮށް ދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރު ކާނަލް ވައިސް ވަޙީދެވެ.
މި ރަސްމިއްޔާތުގައި ވައިސް ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކުން ދަސްވާ ކަންކަން އާންމު ދިރިއުޅުމުގައި ބޭނުން ކުރަން ޖެހޭނެ ކަމަށާއި ދީނީ ކަންތައްތަކަށް ފަރުވާ ކުޑަ ނުކޮށް އެންމެ އިސް ކަމެއް ދީގެން ދީނީ ކަންކަން އަދާ ކުރުމަށް ވަރަށް ބޮޑު އިސް ކަމެއް ދޭން ޖެހޭ ކަމަށެވެ.
މިދިޔަ މަހު 30 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް 60 ބައިވެރިންނާ އެކު އެމްއެންޑީއެފް ސަދަން އޭރިއާ ބޭސިކް ޓްރޭނިންގް ސްކޫލުގައި ކުރިއަށް ދިޔަ މި ޕްރޮގްރާމްގެ އެންމެ މޮޅު ފިރިހެން ދަރިވަރަކަށް ހޮވިފައި ވަނީ ހިތަދޫ ގަހާތަރި، އިސްމާޢީލް އަޙްމަދު ނަޢީމެވެ.
އަދި އެންމެ މޮޅު އަންހެން ދަރިވަރަކަށް ހޮވިފައި ވަނީ ހިތަދޫ ރަނބާލި، ސާރާ ޙުސެއިނެވެ.
މި ރަސްމިއްޔާތުގައި "އަ ވީކެންޑު ވިތު އެމްއެންޑީއެފް" ގެ ކޯސް ކޯޑިނޭޓަރ ކެޕްޓަން ޢަލީ އިޙުސާނާއި ކޯސް ކޯޑިނޭޓަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ފަރާތްތަކާއި ކޯހުގައި ބައިވެރިވި ދަރިވަރުންގެ ބެލެނިވެރިންގެ އިތުރުން ކޯހުގެ ދަރިވަރުން ބައިވެރިވި އެވެ.
"އަ ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ ރިވެތި އުޞޫލުތައް ދަސްކޮށް ދިނުމާއި ބައިވެރިންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ރޫޙް އަށަގެންނެވުމާއި ލީޑަރޝިޕް ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު ހޯދައި ދިނުމެވެ.
އަދި ދިމާވާ ގޮންޖެހުންތަކަށް ކުރިމަތިލާ، ނަފްސަށް އިތުބާރު ކުރަން ދަސްކޮށް ދިނުމާއި ހަރުދަނާ ނަފްސެއް ބިނާ ކުރާނެ ގޮތްތަކާއި އެމްއެންޑީއެފް އާ ބެހޭ މަޢުލޫމާތު ބައިވެރިންނަށް ފޯރުވައި ދިނުމެވެ.
ކާނަލް ވައިސް ވިދާޅުވީ މާ ލަސްތަކެއް ނުވެ މިފަދަ އިތުރު ޕްރޮގްރާމެއް އައްޑޫގައި ކުރިއަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.