Last Updated: November 23, 13:49
Saturday, November 23, 2024
ޚަބަރު ރައީސް އޮފީސް

ދުވާފަރު އާމިރު ވަކިކުރީ އިންތިހާބަށް ނުފޫޒު ފޯރުވާކަށް ނޫން: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައީސް އޮފީސް

ރ. ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުރި އާމިރު އަހުމަދު މަގާމުން ވަކިކޮށްފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ނޫން ކަމަށާއި، އެކަން ކޮށްފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ އެތެރޭގެ އިންތިޚާބަކާ ގުޅުވައިގެން ސިޔާސީ މަޤާމެއްގައި ވަޒީފާ އަދާކުރަމުންދިޔަ މީހަކު، ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައިގައި ރައީސް އޮފީހުން ބުނެފައިވަނީ މި މައްސަލައިގައި ޝާމިލުވާ މުވައްޒަފާ މެދު ސަރުކާރުން ފިޔަވަޅު އަޅާފައި ވަނީ، އެ ފަރާތުގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާ ޚިލާފަށް އަމަލުކުރަމުންދާ ކަމުގައި ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފައިވާ ޕެޓިޝަނެއްގެ ސިފައިގައާއި، އަމިއްލަ ފަރާތްތަކުން ފޮނުވާފައިވާ ސިޓީތަކުގެ ޒަރީއާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިފައިވުމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ އެ ފަދަ ހާލަތްތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައި އޮންނަ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

"އިންތިޚާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ، މި ސަރުކާރުން އެއްވެސް ހާލެއްގައި ޤަބޫލުކުރާ، އަދި އަމަލުކޮށްފައިވާ ގޮތެއް ނޫން. އަދި، އެ ފަދަ އަމަލުތަކަކީ މި ސަރުކާރުން އަބަދުމެ ކުށްވެރިކުރާ، މި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަންކަން." ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އެ މީހަކު ބޭނުންވާ ފަރާތަކަށް ތާއީދުކުރުމާއި ވޯޓުލުމަކީ ކޮންމެ ފަރުދަކަށް، އަދި ސަރުކާރުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނަށް ވެސް އޮތް ހައްޤެއް ކަމަށާއި، އެ ޙައްޤަށް އެއްވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް އަމަލެއް ދިމާވެފައިވާނަމަ ކަމާއިބެހޭ އިދާރާތަކަށް ހުށަހެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

ރ. ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުރި އާމިރު އަހުމަދު މަގާމުން ވަކިކޮށްފައިވާ މައްސަލައިގައި، އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ވަޒީފާތަކުން ބައެއް މީހުން ވަކިކުރާ ކަމަށްބުނެ މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ.