Last Updated: December 22, 20:12
Sunday, December 22, 2024
ޚަބަރު އެމްޑީޕީ

"ގަދަވާނީ" ދުވާފަރު އާމިރުގެ ކޮޅު: މީކާއިލް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް - ފޮޓޯ: މަޖިލިސް

ގަދަވާނީ ދެގޮތެއްނުވެ އުސޫލުގައި ހިފަހައްޓާ އިހުލާސްތެރިން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީ އެތެރޭގެ އިންތިހާބާ ދިމާކޮށް ރ. ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުރި އާމިރު އަހުމަދު ވަޒީފާއިން ވަކިކުރި މައްސަލައިގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، މަޖިލީހަށް ބައެއް މެމްބަރުން ހޮވުމަށްފަހު މަގާމު ލިބުނުގޮތް ހަނދާންނެތޭ ކަމަށެވެ.

މީކާއިލް ވިދާޅުވީ މަޖިލީހުގެ އިންތިހާބުގައި އޭރު ސަރުކާރުން ނިންމާފައިއޮތީ އެންމެ 40 ވަރަކަށް ގޮނޑިއަށް އެމްޑީޕީން ވާދަކުރުމަށް ކަމަށާއި، އެވަރަށް ވާދަކުރިނަަމަ މިއަދު މަޖިލީހުގައި ތިބޭނީ އެމްޑީޕީގެ ވަރަށް މަދު މެމްބަރުން ކަމަށާއި، އޭރުން ސަރުކާރު އޮންނާނީ ކުޑަކަކޫ ޖަހައިގެން ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުންނަށް ހުރިހާ ގޮނޑިއަކަށް ވާދަކުރެވުނީ އެމްޑީޕީ އާންމު މެމްބަރުން އެކަމަށް ކުރި މަސައްކަތުން ކަމަށް މިކާއިލް ވިދާޅުވިއެވެ.

"އަޅުގަނޑު މިދައްކަނީ ދުވާފަރު ދާއިރާގެ މެމްބަރަށްވެސް އެޓިކެޓު ހޯދަދޭން ދުވާފަރު އާމިރު، ތަބަކަކަށް ލާފައި އެހެން ސިޔާސީ ޕާޓީތަކަށް އެމްޑީޕީގެ ޓިކެޓު ބައްސަވާނުލައްވާށޭ، ކިޔާފައި އެކުރެއްވި ކެމްޕޭނާ ހުރެއޭ އަޅުގަނޑުމެންނަށް މިއަދު މިތަނަށް [މަޖިލީހަށް] މިއާދެވުނީ."

މިއަދު އާރާ ބާރު ލިބުމުން، އެތެރޭގެ ކެމްޕޭނަކާހެދި ކަންކުރަމުން އަންނަނީ ކޮން ފާޑަކަށްތޯ މީކާއިލް ސުވާލު އުފައްދަވާފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކަކުވަށާ މެމްބަރުން "ތަވާފު"ކުރިތަން ފެނުނު ކަމަށާއި، ތާރީހު އިއާދަވަމުންދާކަމަށެވެ.

"ގަދަވާނީ އިހުލާސްތެރިން. ގަދަވާނީ ދެގޮތެއް ނުވެ އުސޫލުގައި ހިފަހައްޓާ މީހުން. ގަދަވާނީ ދުވާފަރު އާމިރުގެ ކޮޅު." މީކާއިލް ވިދާޅުވިއެވެ.

ދުވާފަރު އާމިރު ވަޒީފާއިން ވަކިކުރި މައްސަލައިގައި މިއަދު މަޖިލީހުގެ ޖަލްސާގައި ވަނީ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކޮށްފައެވެ.

މިމައްސަލައިގައި ރައިސް އޮފީހުން ބުނެފައިވަނީ އާމިރު ވަޒީފާއިން ވަކިކުރީ އެމްޑީޕީގެ ޗެއާާސަންގެ އިންތިހާބާ ގުޅިގެން ނުފޫޒު ފޯރުވުމަށް ނޫން ކަމަށާއި، އޭނާ ވަޒީފާއިން ވަކިކުރީ އޮންނަ އުސޫލުގެ ތެރެއިންކަމަށެވެ.