Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު ޝަރުއީ ދާއިރާ

މަހުލޫފްގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އަހުމަދު މަހުލޫފް - ފޮޓޯ: ރައީސް އޮފީސް

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކޮށްފައިވާ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ މިއަދު އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައެވެ.

މަހުލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައިވަނީ، މައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ސަބަބުން މައްސަލަ ސާބިތުކުރެވިދާނޭފަދަ ހެކިތަކަކަށް ނުވާތީއެވެ.

މަހުލޫފަށް ކޮށްފައިވާ ދައުވާގެ ތަފުސީލު

މަހުލޫފްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ‎މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް ގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންއިން ހިންގި ތަޙުޤީޤުގައި އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން މަހްލޫފަށް ފައިސާދީފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކުރާ ސަބަބެއްގެ ގޮތުން ޕީޖީ އޮފީހުން ބުނެފައިވަނީ މަހުލޫފް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މީނާއަށް ދިން 33،000 ޑޮލަރު މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާ ކަމަށެވެ.