Last Updated: April 24, 23:15
Thursday, April 24, 2025
ޚަބަރު

މޫސުމީ ބަދަލުތަކަށް ހައްލު ހޯދަން ދުނިޔެ ދަނީ ފެއިލްވަމުން

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަށް ޙައްލު ހޯދުމުގައި ދުނިޔެ ފެއިލްވަމުންދާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކުލައިމެޓް ޗޭންޖު އަދި ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ޝައުނާ މިހެން ވިދާޅުވީ އިންޓަރ ގަވަރނަމަންޓަލް ޕެނެލް އޮން ކުލައިމެޓް ޗޭންޖު (އައި.ޕީ.ސީ.ސީ) ގެ އެޑަޕްޓޭޝަން ރިޕޯޓާއި ގުޅޭގޮތުން ވާހަކަދައްކަމުންނެވެ.

މި ރިޕޯޓުގައި، މިހާތަނަށް ކުރިން ޝާއިޢު ކުރެވިފައިވާ ހޯދުންތަކާ އަޅާބަލާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން އަދި މިކަމުގެ ސަބަބުން އިންސާނުންނަށާއި އަދި ޤުދުރަތީ ނިޒާމުތަކަށް ކުރިމަތިލާންޖެހޭ ނުރައްކާތައް ބޮޑުވާނެކަން ފާހަގަކޮށްފައިވެ އެވެ. އަދި ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް އޮތް ފުރުޞަތު ހަނިވަމުންދާކަން ވެސް ރިޕޯޓުން ފާހަގަވެ އެވެ.

މި ރިޕޯޓާއި ގުޅޭގޮތުން ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަށް ޙައްލު ހޯދުމުގައި ދުނިޔެ ދަނީ ފެއިލްވަމުން ކަމަށާއި މީގެ ސަބަބުން، އިޔާދަ ނުކުރެވޭ ގެއްލުންތަކާއި ކުރިމަތިލާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ. އަދި މިކަމުގެ ގެއްލުމާއި ކުރިމަތިލާންޖެހޭނީ ރާއްޖެފަދަ ނާޒުކު ޤައުމުތައް އެކަނި ނޫން ކަމަށާއި ހުރިހާ އެންމެންވެސް މި ނުރައްކަލާއި ކުރިމަތިލާންޖެހޭނެ ކަމަށް ޝައުނާ ވިދާޅުވި އެވެ.

"މިކަމަށް އަވަސް ޙައްލެއް ހޯދުމަށް މުޅި ދުނިޔެ ގުޅިގެން މަސައްކަތްކުރަންޖެހޭ، ވީހާވެސް އަވަހަށް ދުނިޔޭގެ އިޤްތިސާދު "ޑިކާރބަނައިޒް" ކުރަންޖެހޭ. ރާއްޖެފަދަ ނާޒުކު ޤައުމުތަކަށް، މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލާ ހޭނުމަށާއި "ނެޓްޒީރޯ " އަމާޒަށް ވާސިލުވުމަށް ގިނަގުނަ އެހީތެރިކަން ބޭނުންވޭ." ޝައުނާ ވިދާޅުވި އެވެ.

މި ރިޕޯޓާއި ގުޅިގެން، މިނިސްޓަރު ވަނީ އެންމެ ނާޒުކު ޤައުމުތަކަށް އެހީތެރިވުމަށް ޚާއްސަ ފައިނޭންސިންގ ފެސިލިޓީއެއް ޤާއިމުކުރުމަށްވެސް ގޮވާލާފަ އެވެ. އަދި އެއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ގެއްލުންތަކާއި ކުރިމަތިލަމުން އަންނަ އަދި މިކަމުގެ ސަބަބުން އިއާދަ ނުކުރެވޭފަދަ ގެއްލުންތަކާއި ނުރައްކާތަކާއި ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ދިނުމަށް ކަމަށް އނާ ވިދާޅުވި އެވެ.