Last Updated: February 22, 13:59
Saturday, February 22, 2025
ޚަބަރު

ދެ އަހަރުގެ ކުއްޖެއްގެ ނޭވާ ހޮޅިން ކަރަންފުލެއް ނަގައިފި

އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަނެއްގައި ދެ އަހަރުގެ ކުއްޖެއްގެ ނޭވާ ހޮޅިން ކަރަންފުލެއް ނަގައިފި އެވެ.

އައިޖީއެމްއެޗްގެ އެތެރަހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ ކަރަންފުލަކީ ކުޑަކުދިންނަށް ވަރަށް އާންމުކޮށް ދެވޭ އެއްޗެއް ކަމަށާއި ނުވަތަ ވަރަށް ފަސޭހައިން ތަނަކުން ނަގައިގެން އަމިއްލައަށް ވެސް އަނގަޔަށް ލައިފާނެ އެއްޗެއް ކަމަށެވެ. އެގޮތުން މިފަހަރު ކަރަންފޫ ދިޔައީ ނޭވާލާ ހޮޅި ތެރެއަށް ކަމަށް މުހައްމަދު އަލީ ވިދާޅުވި އެވެ.

"ކަރަންފޫ ކަހަލަ ކެއުމަށް ބޭނުންކުރާ އެއްޗިއްސަކީ އެއަށް ފެން ދަމާ އެއްޗިހި. މި ކަރަންފޫ އިނީ ފެންދަމާ ފުފިފަ. ވާތް ފަރާތު ނޭވާލާ ހޮޅީގަ ތާށިވެފައި" އޭނާ ވިދާޅުވި އެވެ.

މުހައްމަދު އަލީ ވިދާޅުވީ އެ ކަރަންފޫ ނެގުނީ ވަރަށް އުނދަގުލުން ކަމަށާއި އެ ކުއްޖާ ވެންޓިލޭޓަރަށް ވެސް ލާން ޖެހުނު ކަމަށެވެ. ނަމަވެސް މިހާރު އެ ކުއްޖާ ގެއަށް ފޮނުވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންނަށް ކަރަންފޫ ކަހަލަ އެއްޗެހި ނުދިނުމަށާއި އަދި ކާ އެއްޗިހި އަނގަޔަށްލައިގެން ހީ، ސަކަރާތް ޖަހާ، ދުވެ ނޫޅުމަށް ވެސް މުހައްމަދު އަލީ ވަނީ އިލްތިމާސްކޮށްފަ އެވެ.