އައްޑޫގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތްތައް އަލުން ފެށުމަށް ބޭނުންވާ 15.9 މިލިޔަން ރުފިޔާ ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށާއި މަސައްކަތް ވަރަށް އަވަހަށް އަލުން ފެށިގެން ދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު މުހަންމަދު ނިމާލް ވިދާޅުވީ އެ މަސައްކަތްތައް ފެށުމަށް ބޭނުންވާ ފައިސާ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.
ޕްރޮޖެކްޓްގެ މަސައްކަތްތައް ފެށުމަށް ސަރުކާރުން ދިން 15.9 މިލިޔަން ރުފިޔާ ހަރަދު ކުރަން ހަމަޖެހިފައި ވަނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ އިތުރުން ހުޅުމީދޫގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަސައްކަތްތަކަށެވެ.
އެގޮތުން ހިތަދު އަށް 5.3 މިލިޔަން ރުފިޔާ ހަރަދުކުރަން ހަމަޖެހިފައިވާއިރު މަރަދު އާއި މަރަދޫފޭދު އާއި ފޭދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކަށް ވެސް ހަރަދުކުރަން ހަމަޖެހިފައި ވަނީ 5.3 މިލިޔަން ރުފިޔާއެވެ.
ބާކީ 5.3 މިލިޔަން ރުފިޔާ ހަރަދު ކުރާނީ ހުޅުމީދޫގައި ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކަށެވެ.
މިމަސައްކަތްތައް އަލުން ފަށަން ހަމަޖެހިފައިމި ވަނީ 2010 ވަނަ އަހަރު ސަދަން ޔޫޓިލިޓީ ލިމިޓެޑް (އެސްޔޫއެލް) އާއި އިނގިރޭސިވިލާތުގެ ބައިވޯޓާ އާ އާއި އެކު ވެވުނު އެއްބަސްވުމުގައި ބުނެފައިވާ ގޮތަށް އެ ކުންފުނިން އަމަލު ނުކުރުމުން ނެވެ.
އެގޮތުން އެއްބަސްވުމުގެ ދަށުން މިމަޝްރޫއަށް ސަރުކާރުން 15 މިލިޔަން ޑޮލަރު ހަރަދުކުރަން ޖެހޭ އިރު، އިރު ބައިވޯޓާއިން 27 މިލިޔަން ޑޮލަރު ހަރަދު ކުރަން ޖެހެ އެވެ.
ނަމަވެސް އެ ކުންފުނިން އެ ފައިސާ ފޯރުކޮށްދީފައެއް ނުވެ އެވެ. މިހާރު މިޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ބައިވޯޓާ އާ އެކު ހެދި އެއްބަސްވުމަށް ބަދަލު ގެނެސްގެން ކަމަށް ވެސް ފެނަކައިން ބުންޏެވެ.
"މިވަގުތު ސަރުކާރުން ވަރަށް ބޮޑު އިސް ކަމެއް ދޭ އައްޑޫ ސިޓީގެ އެ ޕްރޮޖެކްޓްތައް ނިންމުމަށް. އެގޮތުން 100 ދުވަހުގެ ރޯޑް މެޕްގައި ވެސް އެބަ ހިމެނޭ އައްޑޫ ސިޓީގެ ފެނުގެ ނިޒާމް. މިގޮތުން އެންމެ އިސްކަމެއް މި ދެވެނީ ހިތަދު އަށް. އެއީ ހިތަދޫގައި ވަޅުލާން ޖެހޭ ހުރިހާ މައި ހޮޅިތައް ހުރީ ވަޅުލާ ނިމިފައި. ހަމައެކަނި ގޭގެއަށް ގުޅަން ޖެހޭ މީޓަރުތައް ގުޅުމާއި އާރުއޯ ޕްލާންޓް ކަމިޝަން ކުރުން މިއޮތީ،" ފެނަކަ ކޯޕަރޭޝަންގެ ޑައިރެކްޓަރު ހުސެން ހަމީޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ފެށޭ ހަފުތާގެ ތެރޭގައި މިކަން އިއުލާން ކުރެވޭނެ ކަމަށެވެ.
"އެއީ ހިތަދޫގެ ގޭގެ އަށް މީޓަރުތައް ގުޅުމަށްޓަކައި އަވަސް ކުރުމުގެ ގޮތުން ބަޔަކު ހޯދުމަށް. ފެބްރުއަރީ މަހުގެ ތެރޭގައި އެ މަސައްކަތް ބަޔަކާ ހަވާލް ކުރެވޭނެ. އަޅުގަޑުމެންގެ ޓާގެޓަކީ މި މަސައްކަތް ވެސް ދެ މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމުން. ހިތަދޫގެ ހުރިހާ ގެތަކަށް ފެންމީޓަރުގުޅާ ރައްޔިތުންނަށް ފެން ބޭނުން ކުރެވޭނެ ގޮތް ހެދުން،" ހަމީޒް ވިދާޅުވި އެވެ. "އެހެންވީމާ ކުރިއަށް މި އޮތް ހަ މަސްދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް އައްޑޫގައި ކުރެވިގެންދާނެ."
އައްޑޫ ސިޓީގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް އަލުން އަލުން ފެށޭ އިރު، ހިތަދޫގައި ކުރިއަށް ކުރަން ރޭވިފައި ވަނީ މި މަސައްކަތްތަކަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި ގަތުމަށް ބައިވޯޓާ އާ ހަވާލު ކުރުމެވެ.
މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫގައި ކުރިއަށް ރޭވިފައި އޮތީ އިތުރުން މަގުތަކުގައި ވަޅުލަން ޖެހޭ މައި ހޮޅިތައް ވަޅުލުމުގެ މަސައްކަތްތަކެވެ.
ހުޅުމީދޫގައި ވެސް ރޭވިފައި އޮތީ މަގުތަކުގައި ވަޅުލަން ޖެހޭ މައި ހޮޅިތައް ވަޅުލުމުގެ މަސައްކަތްތަކާއި ގެތަކަށް ގުޅަން ޖެހޭ ފެން މީޓަރުތައް ގުޅުމުގެ މަސައްކަތްތަކެވެ.