Last Updated: April 24, 23:15
Thursday, April 24, 2025
ޚަބަރު

މީދޫ ކޯގަންނު ގަބުރުސްތާނަށް ހާއްސަ ޝަރަފެއް

އައްޑޫ މީދޫ ކޯގަންނު ޤަބުރުސްތާނު ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ހިމެނިއްޖެ އެވެ.

އެ ގަބުރުސްތާނަކީ ރާއްޖޭގައި މިހާރު އެންމެ ދުވަސްވީ ހަބުރުސްތާނެވެ. ޤަބުރުސްތާނަކީ މުސްލިމުން ވަޅުލުމަށްޓަކާ ގަބުރުސްތާނެއްގެ ގޮތުގައި ވަކި ސަރަޙައްދެއް ކަނޑައަޅައި ރާއްޖޭގައި ހެދުނު އެންމެ ފުރަތަމަ ގަބުރުސްތާނު ވެސް މެ އެވެ.

އެތަން ވޯލްޑް މޮނިއުމަންޓް ފަންޑް ލިސްޓުގައި ހިމެނުނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. ކޯގަންނު ޤަބުރުސްތާނު ހިމެނޭހެން ދުނިޔޭގެ އާސާރީ 25 ތަނެއް އެ ލިސްޓުގައި ހިމަނާފައިވެ އެވެ. ވޯލްޑް މޮނިއުމަންޓް ފަންޑުން މި ލިސްޓު އެކުލަވާލާފައި ވަނީ 225 ނޮމިނޭޝަނެއްގެ ތެރެއިންނެވެ.

ވޯލްޑް މޮނިއުމަންޓް ފަންޑަކީ ދުނިޔޭގެ ގަދީމީ އާސާރުތައް ހިމާޔަތްކުރަން ބޭނުންވާ މާލީ އަދި ފަންނީ އެހީފޯރުކޮށްދޭ ޖަމާއަތެކެވެ.

ނުވަސަތޭކައެއްހާ ދިގު މާޒީއެއް އޮތް ކޯގަންނު ޤަބުރުސްތާނަކީ އިހުޒަމާނުގެ މަހާނަގާތައް އެއްތާކުން އެންމެ ގިނައިން ފެންނަން ހުރި ޤަބުރުސްތާނެވެ. އެތަނުގައި 1،500 އަށް ވުރެ ގިނަ މަހާނަގާ ހުރި އިރު، އޭގެ ތެރޭގައި ހާފިޒުންނާއި ކުރީގެ ދަންނަބޭކަލުންގެ މަހާނަ ގާތައް ވެސް ހިމެނެ އެވެ.

ކޯގަންގު ގަބުރުސްތާން ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ހިމެނުމަކީ އައްޑޫގެ އިތުރުން މުޅި ރާއްޖެ އަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުންޏެވެ.

ކޯގަންނު ގަބުރުސްތާނު ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ހިމެނުނު އިރު، އެ ތަނުގައި ހިރިގަލުން ހަދާފައި ހުރި ފަނޑިޔާރު މިސްކިތަކީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ރާއްޖޭން ހިމެނުމަށް ހުޝައަޅާފައިވާ މިސްކިތްތަކުގެ ތެރޭގައިވެސް ހިމެނޭ މިސްކިތެކެވެ.