Last Updated: December 22, 20:12
Sunday, December 22, 2024
ޚަބަރު އެމްޑީޕީ

"ޗެއާޕާސަނަކަށް ނުކުތީ ޕާޓީގެ އަސާސްތައް ނަގަހައްޓަން"

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ހުސްވެފައިވާ ޗެެއާޕާސަންގެ މަގާމަށް ވާދަކުރަނީ އެމްޑީޕީގެ އަސްލު އަސާސްތައް ނެގެހެއްޓުމަށް ކަމަށް ޗެއާޕާސަންގެ މަގާމަށް ވަާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތިގެ ކެމްޕޭން ޓީމުން ރޭ ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުން އިންތި ވަނީ މުޅި ސިޔާސީ ހަޔާތް ހޭދަކުރީ އެމްޑީޕީގެ ފިކުރުގައިކަމަށާއި އެމްޑީޕީއަށް ދެރަގޮތެއްވުމަކީ ހިތަށް ކެއްވާނެވަރުގެ ކަމެއް ނޫންކަމަށެވެ.

"މިޕާޓީ އަކީ އަޅުގަނޑަށް މާއަގުހުރި އެއްޗެއް. އަޅުގަނޑަށް ހަގީގަތުގައި އަގުހުރި އެއްޗިއްސަކީ ޕްރޮޖެކްޓެއް ނޫން." އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ ޕްރޮޖެކްޓްތަކަކާ ބިޑްތަކަކަށް ވުރެއް، އެމްޑީޕީން ރައްޔިތުންނަށް ހުށަހަޅައިދޭ އަސާސްތަކާ ފަލްސަފާތަކަކީ މާ އަގުހުރި އެއްޗެހިކަމަށެވެ.

އެމްޑީޕީ އަކީ ހިޔާނާތާ ވައްކަމާ ދެކޮޅު ޕާޓީއެއް ކަމަށާއި، އެހެންނަމަވެސް މިއަސާސްތަކާ ދުރަށް ބައެއް ފަރާތްތަކުންދާކަން އިހުސާސް ކުރެވޭ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޗެއާޕާސަންގެ މަގާމަށް ވާދަކުރަނީ އެމްޑީޕީގެ އަސްލު އަސާސްތައް ނެގެހެއްޓުމަށްކަމަށް އިންތި ވިދާޅުވިއެވެ. އަދި ޗެއާޕާސަންގެ އިންތިހާބު ކާމިޔާބުކޮށް އެމްޑީޕީގެ އަސްލު އަސާސްތަކުގައި ދެމިތިބުމުގެ މަސައްކަތް ފަށާނެކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ މުހިންމު އަސާސްތަކުގެ ތެރޭގައި ބިރުން އެއްކިބާވެތިބެ މިނިވަންކަމާއެކު ވޯޓުލުން ހިމެނޭކަމަށާއި، އެހެންނަމަވެސް ވަކިބޭފުޅަކަށް ތާއީދުނުކުރާނަމަ، ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އެ ފަރާތްތަކަށް ވަޒީފާގެ ބިރު ދައްކަމުން އަންނަވާހަކަ އިވޭކަމަށް އިންތި ވިދާޅުވިއެވެ.

"އަނެއްކާ އަޅުގަނޑުމެން ދާން މިއުޅެނީ މާކުރީގައި އަޅުގަނޑުމެން ބާތިލުކުރި ހިސާބަށްތޯ؟ މިނިވަންކަމާ އެކުގައި ވޯޓު ގަނޑު ވައްޓާލުމުގެ ހައްގު ހޯދާފައިވަނިކޮށް އަނެއްކާ އެނބުރި ބިރުވެރިކަމެއްގެ ތެރޭގަތިބެގެން ވޯޓުލުމުގެ ހިސާބަށް އަޅުގަނޑުމެންގެ ހަޔާތް ގެންދަން އުޅޭކަހަލަ ގޮތަކަށް އަޅުގަނޑުމެނަށް މިފެންނަނީ." އިންތި ވިދާޅުވިއެވެ.

އެމްޑީޕީ ޗެއާޕާސަންގެ މަގާމަށް އިންތިއާ ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ.

އެމްޑީޕީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 16 ވަނަ ދުވަހުއެވެ.