އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
މީދޫ އަށް ފައްޔާޒު ކުރެއްވި ދަތުރުފުޅުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރައްވާ އައްޑޫ މީދޫގެ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އާއި މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ދަތުރުގައި އެ ޓީމުގެ ބޭފުޅުން ވަނީ މީދޫގެ ގެތަކަށް ޒިޔާރަތްކޮށް ކެމްޕޭނުގެ އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ. އެ ޓީމުގެ ބޭފުޅުން އައްޑޫގެ ހުރިހާ އަވަށްތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފ އެވެ.
ފައްޔާޒުގެ އިތުރުން ޗެއާޕާސަން އިންތިހާބުގައި ދެން ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިހާޒު ފަހުމީ (އިންތި) ވެސް މިވަގުތު ހުންނެވީ އައްޑޫގަ އެވެ. އެގޮތުން އިންތިގެ ޓީމުން މިއަދު ވަނީ ފޭދޫގައި ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.
ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާ އިރު ނިމިގެން ދިޔަ ދައުރުގައި ވެސް ޗެއާޕާސަން އިންތިހާބުގައި އެންމެ ގިނަ ބަޔަކު ވޯޓުލާފައިވަނީ އައްޑޫންނެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.