ހުޅުމީދޫގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ގިނަ އަދަދެއްގެ ޒުވާނުނުން އެބަތިބި ކަމަށާއި އެކަން ހައްލު ކުރަން ސަރުކާރުން އެއްވެސް މަސައްކަތަކެއް ނުކުރާ ކަމަށް އެ ދާއިރާގެ ގޮނޑި މިހާރު ފުރުއްވާ އިލްޔާސް ލަބީބް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި އިލްޔާސް ވިދާޅުވީ މުޅި ރާއްޖޭގެ އެކި ހިސާބުތަކާއި "އަޅުގަނޑުގެ ދާއިރާގައި ވެސް މަސްތުވާތަކެތި ބޭނުން ކުރާ ގިނަ އަދަދެއްގެ ޒުވާނުން އެބަތިބި" ކަމަށެވެ.
"މިކަންކަން ހައްލު ކުރަން މަސައްކަތް ކުރާ ތަނެއް އަޅުގަނޑުމެންނަށް ނުފެނޭ. ހުސް ވާހަކަތައް މި ސަރުކާރުން ދައްކަނީ. އަޅުގަނޑުމެންގެ ދާއިރާގައި ހުރި، ޑިޓޮކްސް ސެންޓަރު ވެސް މި ވަނީ ބަންދުކޮށްފައި،" ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ކަށަވަރުކޮށްފައިވާ އިލްޔާސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އަށް ތޫނު އެއްޗަލުން ހަމަލާދީ ޒަހަމްކޮށްލި ހާދިސާ އަށް އިޝާރާތް ކުރައްވައި އިލްޔާސް އިތުރަށް ވިދާޅުވީ އެފަދަ ނުރައްކާތެރި ހަމަލާތައް އެތައް ބައެއްގެ ކުރިމަތީގައި ދެނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން، ސަލާމަތް ވާނެ ކަމުގެ ޔަގީންކަން ބަޔަކު ދީގެން އުޅޭތީ ކަމަށެވެ.
އަދި އެފަދަ ގޮތަކަށް މަޖިލިސް މެމްބަރަކަށް އެއްވެސް ޖެހިލުމެއް ނެތި ހަމަލާ ދިން އިރު، މަޖިލިސްތެރެ އަށް ވަދެގެން ވެސް ހަމަލާދީ ފާނެ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވި އެވެ. އަދި މިކަން ގޮތަށްދާ ނަމަ އާންމު ރައްޔިތުންނަށް ހަމަލާ ދޭން އެއްވެސް ވަރަކަށް ޖެހިލުމެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.
އަދި އަލްހާނަށް ދިން ހަމަލާއަކީ ރާވައިގެން ދީފައިވާ ކަމަށް ހަމަލާއެއް ކަމަށް އިލްޔާސް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.