ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އޮކްޓޫބަރު 2، 2009 ގައި ސ.ގަމުގެ ދޫގަސް 50 އަހަރަށް އެމްވީކޭ ކުންފުންޏާ ހަވާލު ކުރީ ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުމަށެވެ.
ޓޫރިސްޓް ރިސޯޓެއް ހެދުމަށް އެ ކުންފުންޏަށް ރަށެއް ދޭން އޭރުގެ ސަރުކާރުން އުޅުމުން އެމްވީކޭ އިން ބޭނުންވީ ގަމުގެ ދޫގަސް ހޯދުމަށެވެ. އެހެންވެ ހިނގަހިނގާ އޮތް ދޫގަސް އެމްވީކޭ އާ ހަވާލު ކުރީ އެއްވެސް ކަހަލަ އަގު ކުރުމެއް ނެތި އެވެ.
ދޫގަސް އެމްވީކޭ އާ ހަވާލު ކުރި ފަހުން ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު އެ ކުންފުންޏަކަށް އައްޑޫގެ ދަތުރުފަތުރު ހަރުދަނާ ގޮތެއްގައި ހިންގިފައެއް ނުވެ އެވެ. އަދި ދޫގަސް ވެސް ހިންގިފައެއް ނުވެ އެވެ. މުވައްޒަފުންނަށް މުސާރަ ނުދީގެން ފެރީ ނިޒާމް ދޭތެރެ ދޭތެރެއިން ހުއްޓާލާ އިރު ދޫގަހުގެ މުވައްޒަފުން ވެސް ވަނީ މުސާރަ ނުދީ ދޫކޮށްލައިފަ އެވެ.
އައްޑޫ ރައްޔިތުންގެ ބޮޑު އެސެޓެއް މީހަކަށް 50 އަހަރަށް "ހިލޭ" ދީގެން ތިބެވޭކަށް ނެތެވެ. އެތަނުގެ ބޭނުމެއް މިހާރު ކުރެވެނީ އެމްވީކޭގެ ވެރިޔާ އިބްރާހީމް ޝަފީގްގެ އަރިސް ބަޔަކަށް އެކަންޏެވެ.
ރާ ބުއިމާއި، ރާވިއްކުމުގެ ހުއްދަ އޮތް ދޫގަސް އަކީ "ބޯލަން" އައްޑޫގެ ބައެއް ފަރާތްތަކަށް އެންމެ ހިތްގައިމު އެއް ތަނެވެ.
އައްޑޫގެ ޓްރާންސްޕޯޓް އެމްވީކޭ އަށް ފޯރުކޮށް ނުދެވި އުޅެނިކޮށް "ޑީލެއްގެ" ދަށުން ދަތުރު ފަތުރު ޑިމްސް އާ ހަވާލު ކުރަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.
އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ދަތުރު ފަތުރުގެ މައްސަލަ އާއި ދޫގަހާ ގުޅޭ ގޮތުން މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރް އަމީން އިބްރާހީމާ މަޝްވަރާކޮށް ސަރުކާރުން ހައްލު ކުރަން ޖެހޭ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސޯބެ ވިދާޅުވީ އެމްވީކޭ އަށް އައްޑޫގެ ދަތުރުފަތުރު ކައުންސިލުން އުއްމީދު ކުރާ މިންވަރާ ގާތަށް ވެސް ފޯރުކޮށް ނުދެވޭ ކަމަށެވެ.
އެމްވީކޭގެ އެތައް މުވައްޒަފުންނަށް މުސާރަ ނުދީ ކަނޑާލުމާއި ގުޅިގެން އެ ވާހަކަ މީޑިއާގައި ޖެހުމުން އެމްވީކޭ ކުންފުނިން ވަނީ ދޫގަހަށް ވަނުން ނޫސްވެރިންނަށް މަނާކޮށްފަ އެވެ. އަދި އެތަނުގެ ވާހަކަ ލިޔާ ފަރާތްތަކަށް މީގެ ކުރިން ގުޅައި ބިރު ދައްކައި ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައި އެބަ ހުއްޓެވެ.
އެމްވީކޭ އިން ފޭދޫ އާއި ހުޅުމީދޫ އާ ދެމެދު ކުރަމުން އައި ފެރީ ނިޒާމް މިއަދު މިވަނީ އަނެއްކާ ވެސް މުވައްޒަފުންނަށް މުސާރަ ނުދީގެން ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އެތަނުގެ މުވައްޒަފުން ބުނާ ގޮތުން މިހާރު ވެސް ތިން މަހުގެ މުސާރަ ނުދީ ހިފަހައްޓާފައިވެ އެވެ.
"އައްޑޫ ލައިވް" އާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނީ ހުޅުމީދޫގައި އެމްވީކޭން ދުއްވާ ބަހުގެ އަހަރީ ފީ ނުދައްކައި އޮތުމުގެ ސަބަބުން ރަޖިސްޓްރީ ބާޠިލްކޮށްފައިވާ ކަމަށެވެ.
އެމްވީކޭ އިން އައްޑޫގައި ކޮށްފައިވާ ކަންކަމަށް ބަލާ އިރު ދޫގަސް މަރާމާތު ކުރި މީހުނަށް ދޭން ޖެހޭ ފައިސާ ނުދީގެން އެ ފަރާތްތަކުން އަންނަނީ ކޯޓުތަކުގައި މައްސަލަ ޖައްސަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުން އަދިވެސް އެ ފައިސާ އެމްވީކޭ އިން ދޭކަށް ނޫޅެ އެވެ.
މިފަދަ ދޯދިޔާ ގޮތަކަށް އެމްވީކޭގެ އަމަލުތައް ހުރި އިރު މިކަން ކަން ހައްލު ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަން ފާހަގަ ކުރެވެ އެވެ.
ދަތުރު ފަތުރު ގާއިމް ކުރުމަށް ދިން ދޫގަސް އަދިވެސް މި ވަނީ ޝަފީގްގެ "މުށުތެރޭގަ" އެވެ. އެތަން ވީރާނެ ނެތިގެންދާ އިރު އަދިވެސް އައްޑޫ ރައްޔިތުން މި ތިބީ އަތް އުރާލައިގެން ވަރިހަމަކޮށްލައިގެންނެވެ.