Last Updated: April 24, 21:44
Thursday, April 24, 2025
ޚަބަރު

ކެލަ އިން 2،000 ރުއް ބޭރުކުރާ ވާހަކަ އަކީ ދޮގެއް

ހއ. ކެލާ

ކެލާ އިން 2،000 ރުއް ބޭރުކުރާ ވާހަކަ އަކީ ދޮގެއް ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ކެލާ އިން 2،000 ރުއް ބޭރުކުރަން އުޅޭ ކަމުގެ ވާހަކަ ފެންމަތިކޮށްފައިވަނީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ބުލޫ ޕީސްގެ ފަރާތުންނެވެ.

އެކަމާ ގުޅިގެން ކެލާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެރަށުގައި ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބިން ސާފުކުރުމާއި ރަށުގެ ފުޓްބޯޅަ ދަނޑު ހެދުމަށް ބޭނުންވާ ބިމެއް ސަރަހައްދު ސާފުކުރުމުގެ އިތުރުން އެރަށުގައި ހަދާފައިވާ ގެސްޓް ހައުސްތަކަށް ދާން އޮންނަ މަގު ވެސް ސާފު ކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.

އެ މަސައްކަތުގެ ދަށުން 138 ކުޑަ ރުކާއި 45 ބޮޑު ރުއް ހިމެނޭ ގޮތުން ޖުމްލަ 183 ރުއް އެ ސަރަހައްދުތަކުން ނެގުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ރުއްތައް ނަގަނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން (އީޕީއޭ) އާއި، އެގްރިކަލްޗާ މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކަމަށްވެސް ބުނެފައިވެ އެވެ.

"އެހެންކަމުން ބްލޫ ޕީސް އިން ތިމާވެށި ހިމާޔަތްކުރުމުގެ ނަމުގައި މިފަދަ ދޮގު ހަބަރު ފެތުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަދި މިއީ ވަރަށް ޒިންމާދާރުކަން ކުޑަ ފިނޑިއަމަލެއް ކަމުގައި ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.

ކެލާ ކައުންސިލުން ވަނީ މިފަދަ ދޮގު މައުލޫމާތު ފެތުރުމުން ތިމާވެއްޓާއި މުޖުތަމައަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށްވެސް ބުނެފަ އެވެ.