ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ ގޮޑިއަށް ކުރިމަތިލާފައިވާ ޝެރީނާ އަބްދުއް ސަމަދުގެ ކެމްޕެއިން ލޯންޗިން ރަސްމިއްޔާތުގައި މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ޠޮއްޔިބް (ޓޮމް) ބައިވެރިވި މައްސަލަ އެކި މީހުން އެކިގޮތަށް ނަގައި ހޫނު ވެއްޖެއެވެ.
އަބަދުވެސް މީހުންނާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ޓޮމް ވިދާޅުވީ އޭނާ ޝެރީނާގެ ކެމްޕެއިންގައި ބައިވެރިވީ ރަސްމީ ކޮށް ދައުވަތުލިބިގެން އެރަސްމިއްޔާތު ޝަރަފްވެރިކޮށްދިނުމަށް ކަމަށެވެ.
"އަޅުގަނޑަކީ ހުރިހާ ރައްޔިތުންގެ ވެސް ކައުންސިލަރު، ވަކި ކުލައަކަށް ބަލައިގެން މަސައްކަތް ކުރާ މީހެއް ނޫން. އަޅުގަނޑަކީ ނިއުޓްރަލް މީހެއް، އެ ރަސްމިއްޔާތިގައި ބައިވެރިވީ ރަސްމީކޮށް ދައުވަތު ދިނުމުން އެ ދައުވަތު ގަބޫލްކޮށްގެން" ޓޮމް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީ މަވޯޓަރ ޝަރީފް ކާމިޔާބްކޮށްފައި ވަނިކޮށް ޝެރީނާގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި މައްސަލާގައި މަރަދޫގެ އެކި މީހުން އަންނަނީ އެމީހުންގެ ޝުއޫރު ފޭސްބުކްގައި ހާއްސަވެފައިވާ މަރަދޫ ދާއިރާގެ ގްރޫޕްގައި ފާޅުކުރަމުންނެވެ.
އޭގައި ކޮމެންޓް ކުރި ބައެއް މީހުންވަނީ ޓޮމް ބައިވެރިވުމުން މަރުހަބާ ކިޔައި ޓޮމްއަށް ތައުރީފްކޮށްފައެވެ. އެމީހުންވެސް ބުނެފައިވަނީ ތޮމް ވެސް ބުނިގޮތަށް އޭނާގެ މިޒާޖުގައި އެންމެންނާއި ގުޅިގެން އުޅެން ބޭނުން ކަމަށެވެ.
ޓޮމް ބުނީ އެ ޖަލްސާގައި އޭނާ ދެއްކީ ޖުމްލަކޮށް ހުރި މައްސަލަތަކުގެ ވާހަކަ އާއި ރަށައް ކުރިއެރުން ލިބޭނެ ގޮތުގެ ވާހަކަ ކަމަށެވެ. އަދި އެއްވެސް އިރެއްގައި ޝެރީންއަށް ވޯޓު ދިނުމަށް ބުނެފައި ނުވާނެކަމަށެވެ.
ގްރޫޕްގައި ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ކުށްވެރިކުރަނީ މަވޯޓާރ ޝަރީފް ހުއްޓާ އެމްޑީޕީ ކައުންސިލަރެއްގެ ހައިސިއްޔަތުން އެތަނަށް ހާޒިރުވުމުންނެވެ.
ޓޮމް ވިދާޅުވީ އޭނާއަކީ މިހާރު ވަކި ޕާޓީގެ ބަޔަށް ހިދްމަތް ދޭން ހުރި މީހެއް ނޫންކަމަށެވެ. އޭނާއަކީ އެންމެންގެ މީހެއް ކަމަށް ޓޮމް ވިދާޅުވިއެވެ.
މިހާރުގެ ކައުންސިލްގެ އެންމެ ހީވާގި ކައުންސިލަރެއްގެ ގޮތުގައި އައްޑޫ ގިނަ ރައްޔިތުންގެ ރުހުން ހޯދާފައިވާ ޓޮމް މިފަހަރު ކައުންސިލްގެ މޭޔަރ ނުވަތަ ޑެޕިއުޓީ މޭޔަރަކަށް ގެނައުމަށް ރައްޔިތުންދަނީ ބުނަމުންނެވެ.