Last Updated: April 27, 20:33
Sunday, April 27, 2025
ޚަބަރު

ދައްކަންވީ ކޮވިޑް މެނޭޖުކުރި ގޮތުގެ ވާހަކަ: އަމީރު

ދައްކަންވީ މި ސަރުކާރުން ކޮވިޑް-19 މެނޭޖު ކުރި ގޮތުގެ ވާހަކަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން އަމީރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ހިންގި ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ވުރެ ގިނަ ޕްރޮޖެކްޓު މި ސަރުކާރުން ހިންގަމުންދާ ކަމަށް ރާއްޖޭގެ ހުރިހާ ރަށަކަށް ބަލާލުމުން ވެސް ތަރައްގީގެ ގިނަ ޕްރޮޖެކްޓުތައް ހިނގާތަން ފެންނަ ކަމަށެވެ.

ތަރައްގީގެ ޕްރޮޖެކްޓުތައް ސަރުކާރު ހިންގަމުން ގޮސްފައިވަނީ ކޮވިޑާއެކު އަދި ރާއްޖޭގައި ތާރީހުގައި ވެސް އައިސްފައި ނުވާވަރުގެ އިގްތިސާދީ ކާރިސާއެއްގެ ތެރޭގައި ތިބެ ކަމަށް އަމީރު ވިދާޅުވި އެވެ.

"އެ ވާހަކައެއް ނޫންތޯ މިއަދު ދައްކަންވީ. އެމްޑީޕީގެ ސަރުކާރެއް އޮވެ ކޮވިޑު މެނޭޖު ކުރި ވާހަކައެއް ނޫންތޯ މިއަދު ދައްކަންވީ. އެ ވާހަކައެއް އަޅުގަނޑުމެންނެއް ނުދައްކާ" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ މިއަދު ފެންނަނީ އެމްޑީޕީ ދާއިރާތައް ނުހިނގާ މަންޒަރު ކަމަށާއި މިގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ކުރިމަތިލައިފިނަމަ އެ އިންތިހާބު ކާމިޔާބު ކުރެވޭތަން ނުފެންނަ ކަމަށެވެ. އަދި އެމްޑީޕީއާ ސަރުކާރާ އޮތް ގުޅުން ވަރުގަދަ ކުރަންޖެހޭ ކަމަށާއި އެކަން ކުރެވޭނީ ޗެއާޕާސަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިންތިހާބުކޮށްގެން ކަމަށް އަމީރު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ފައްޔާޒުގެ އިތުރުން ދެން ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. މި އިންތިހާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ މޭ މަހުގެ 14 ވަނަ ދުވަހު އެވެ.