ސަރުކާރަށް ހުރަސް އެޅުމަށް އެމްޑީޕީގެ މެމްބަރުން ކުރި ކަމެއް ބުނެދޭންޖެހޭ ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ރައްދު ދެއްވައިފިއެވެ.
އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ސަރުކާރަށް ހުރަސް އެޅުމަށް މަޖިލީހުގެ ތެރެއިން ބައެއް މެމްބަރުން މަސައްކަތް ކުރާކަމަށެވެ.
ފައްޔާޒްގެ ވާހަކައަށް ރައްދު ދެއްވާ މީކާއިލް މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންގެ ހައިސިއްޔަތުން ސަރުކާރުން މަޖިލީހަށް ހުށަހަޅާ ކޮންމެ ބިލަކަށް ތާއީދުކޮށް ބަޖެޓުތައް ފާސް ކުރަން ސަރުކާރަށް އެހީތެރިވެ އަދި ދައުރުން ބޭރުން ކުރަންޖެހުނު ކޮންމެ މަސައްކަތެއްވެސް ކުރަމުން އަންނަކަމަށެވެ. އަދި ސަރުކާރަށް މަދަދުވެރިވާން ޖެހޭ ކޮންމެ ހާލަތެއްގައިވެސް އެކަން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ސަރުކާރަށް ހުރަސް އެޅުމަށް މަޖިލީހުގެ ތެރެއިން ބައެއް މެމްބަރުން މަސައްކަތްކުރާ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވި ވާހަކައަށް ކަންބޮޑުވާކަން ފާހަގަކޮށް މީކާއިލް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު މަޖިލީހުން އެމަނިކުފާނަށް ދެމުން އަންނަ އެއްބާރުލުން ފާހަގަ ކުރައްވައި އެ ކަމަށް ޝަކުރު އަދާކުރައްވާ ކަމަށެވެ.
މީކާއިލް ވިދާޅުވީ އެއިލްޒާމު އަޅުވާ ކަމަށް ވާނަމަ، ރައްޔިތުންގެ މަޖިލީހުން އެ ކަން ކުރައްވަނީ ކޮން މެމްބަރުންނެއް ކަން އަދި ކުރައްވަނީ ކޮން މަސައްކަތެއް ކަން ސާފުކޮށް ބުނެދޭން ވަޒީރަށް ކެރިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.
"މި ތަނުން ފާސް ނުކުރީ ކޮން ބިލެއްތޯ، ބޭރުކޮށްލީ ކޮން އިސްލާހެއްތޯ، ބަޖެޓު ފާސް ކުރަން ހުރަސް އަޅަން ކުރީ ކޮން ކަމެއްތޯ ސާފުކޮށް ބުނެދޭން ޖެހޭ، ނުބުނެދެވޭނެ." މީކާއިލް ވިދާޅުވިއެވެ.
މީގެއިތުރުން މީކާއިލް ވިދާޅުވީ މި ސަރުކާރު ގެންނަންވެސް މި ސަރުކާރު ދަމަހައްޓަން ވެސް މި ސަރުކާރަށް ވާގިވެރިވާން ވެސް ތިބީ އެމްޑީޕީގެ މެމްބަރުން ކަމަށެވެ.